ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވިސްނުމަކީ މަޖިލިސް މެންބަރުންގެ އަދަދު 77 އަށް މަދުކުރުން ކަަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ގިނަ ނުވާނެ ގޮތަށް ގާނޫނަށް ގެންނާންޖެހޭ ބަދަލުތައް ގެނައުމަށް ހިޔާލު ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅައިފައެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ގަރާރު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށްޓަކައި މިހާރު އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައެވެ. އެ ކޮމިޓީން ދަނީ އެ ގަރާރަށް ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހޯދަމުންނެވެ. އެގޮތުން މީގެ ކުރިން ބައެއް ސިޔާސީ ޕާޓޯތަކުގެ ހިޔާލު ވަނީ ހޯދައިފައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ މަޖިލީހުގެ މެންބަރުންގެ އަދަދަށް ގެންނާނެ ބަދަލާ ގުޅޭ ގޮތުން އީސީގެ ބަހެއް ހޯދުމެވެ. ބައްދަލުުވމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އީސީގެ ރައީސް ފުއާދު ވިދާޅުވީ ރާއްޖެ ގޮތަށް ލިމިޓެއްް ނެތި މަޖިލިސް މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތް ގައުމެއް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އެކަމުގައި އީސީގެ ވިސްނުން ހިއްސާކުރައްވަމުން ފުއާދު ވިދާޅުވީ، މަޖިލިސް މެންބަރުންގެ އަދަދު 77 އަށް ތިރިވާންޖެހޭ ކަމަށެވެ. އެއީ މާލެއަށް ދެ ގޮނޑި އާއެކު ކޮންމެ އަތޮޅަކަށް ދެ ގޮނޑި ދެން ހުރި ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހާލާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދެކޭ ގޮތުގައި މީގައި ކެޕް އެޅުވިފަ އޮންނައިރު އަޅުގަނޑުމެން މި ވިސްނާފައިވާ ގޮތަކީ ކޮންމެ އަތޮޅަކަށް އެންމެ ފުރަތަަ ދެ ގޮނޑި ދީފަ ދެން އެއަށްފަހުގައި ބާކީ މިސާލަކަށް 77 ގޮނޑި ކަމަށްވާނަމަ ފުރަތަމަ އިނުން މާލެއަށް ދެ ގޮނޑިއާއި ކޮންމެ އަތޮޅަކަށް ދެ ގޮޑީ ދިނީމަ 42 ގޮނޑި، ދެން ބާކީ އިންނާނީ 35 ގޮޑި، އެ 35 ގޮޑިއަކީ އާބާދީގެ ނިސްބަތުން އަތޮޅުތަކަށް ބަހާލެވޭ ގޮނޑިތަކެއްގެ ގޮތުގައި ވެއްޖެއްޔާ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭރުން ޖިއޮގުރަފީ ގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތަށް ބަލައި ކޮންމެ އަތޮޅަކަށް ދެ ގޮޑި ލިބިފައި، އާބާދީ ބޮޑެތި އަތޮޅުތަަކަށް ގިނަ ގޮނޑި ލިބޭނެ ކަމަށެވެ.

"އޭރުން ހއ. އަށް ދެ ގޮނޑިއާ އެކު ޖުމްލަހަތަރު ގޮނޑި ލިބޭނެ، މާލެ އަށް ދެ ގޮނޑިއާ އެކު އިތުރު އަށް ގޮނޑި ހާއްސަ ކުރެވޭނެ، އައްޑު އަށް ދެ ގޮނޑި އާއި އިތުރަށް ލިބޭ ތިން ގޮނޑިއާ އެކު ޖުމްލަ ފަސް ގޮނޑި ލިބޭނެ," ފުއާދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އީސީން އެކި ފޮމިއުލާ ބަލާފައިވާނެ ކަމަށާއި ނަމަވެސް ކޮންމެ އަތޮޅަކަށް ދެ ގޮނޑި ދިނުމަށްފަހު ބާކީ ހުރި ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހާލާ ގޮތަށް، މަޖިލިސް މެންބަރުންގެ އަދަދު 77 އަށް ހެދުމަށް ހުށަހެޅުއްވި ވިސްނުމަކީ 2050 ވަނަ އަހަރާ ހަމަައަށް ބަދަލެއް ނައިސް އެގޮތުގައި އޮންނާނެ ވިސްނުމެއް ކަމަށެވެ. އެއީ އާބާދީ އިތުރުވަމުން އަންނަ ނިސްބަތަށް ބެލިޔަސް އެއީ އެކަބް އޮތް ގޮތް ކަަމަށް ވިދާޅުވިއެވެ.