ފްރާންސްގައި ކުރިއަށްދާ ޕެރިސް އޮލިމްޕިކްސް 2024 ގެ ޓެނިސް ސިންގަލްސް އިވެންޓްގެ ދެވަނަ ބުރުގައި ދުނިޔޭގެ އެންމެ ވާދަވެރި ދެ ޓެނިސް ކުޅުންތެރިން ކަމަށްވާ ރަފޭލް ނަޑާލްއާއި ނޮވަކް ޖޮކޮވިޗް ވާދަކުރަން ޖެހިއްޖެއެވެ.

ސްޕެއިންގެ ނަޑާލް ރޭ ސިންގަލްސް ފުރަތަމަ މެޗު ކުޅެފައިވަނީ ޑަބަލްސް މެޗުގައި ކާލޯސް އަލްކަރާޒާއެކު ކުޅުނު މެޗަށްފަހު 24 ގަޑިއިރުވެސް ނުވަނީހެވެ. އެ މެޗުގައި ނަޑާލްގެ ފަލަމަސްގަނޑަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެސް ވެފައިވާ އިރު، ރޭ ހަންގޭރީގެ މާޓޮން ފުކްސޮވިކްސްއާ ދެކޮޅަށް ކުޅެވޭނެ ކަމާމެދުވެސް އޮތީ ސުވާލުތަކެއް އުފެދިފައެވެ.

އެ މެޗަށް ޝައްކުތަކެއް އޮތް ނަމަވެސް، އުމުރުން 38 އަހަރުގެ ނަޑާލް ވަނީ މެޗަށް ނުކުމެ، 6-1 އަދި 6-4 އިން ސެޓުތައް ގެންގޮސް، ދެވަނަ ބުރުން ފުރުސަތު ހޯދައިފައެވެ. ދެވަނަ ސެޓު ފުކްސޮވިކްސް ގެންދިޔައީ 6-4 އިންނެވެ.

މީގެ ކުރިން 2008 ވަނަ އަހަރު އޮލިމްޕިކްސްގެ ރަން މެޑަލް ހޯދި ނަޑަލް ވަނީ ފުރަތަމަ ސެޓުގައި ތަފާތު މޮޅަށް ކުޅެ، އަނިޔާއަށް އޮތް ސުވާލުތަކަށް ޖަވާބު ދީފައެވެ. ދެވަނަ ސެޓުގައި ނަޑާލަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، ފަލަމަސްގަނޑު ބެންޑޭޖްކޮށްގެން ތިންވަނަ ސެޓު ނަޑާލް ގެންދިޔައީ ވަރުގަދައަށް ހިތްވަރު ކޮށްގެންނެވެ.

ނަޑާލްގެ ވަރުގަދަ ވާދަވެރިޔާ ޖޮކޮވިޗާ ދެކޮޅަށް މިހާތަނަށް 59 މެޗެއް ކުޅެފައިވެއެވެ. އުމުރުން 37 އަހަރުގެ ޖޮކޮވިޗް ދެވަނަ ބުރަށް ދިޔައީ އޮސްޓްރޭލިއާގެ މެޓް އެބްޑެން ފަސޭހަކަމާއެކު ބަލިކޮށްގެންނެވެ. މިފަހަރު އޮލިމްޕިކްސްގައި ނަޑާލަށް އޮތް ފައިދާއަކީ ރެކޯޑު 14 ތަށި ހޯދާފައިވާ ފްރާންސްގެ ފިލިޕް ޗަޓްރިއޭ ކޯޓުގައި މެޗުތައް ކުޅެން ޖެހުމެވެ.

ނަޑާލް ކެރިއަރުގައި 22 ގްރޭންޑް ސްލޭމް ހަމަކޮށްފައިވާ އިރު، ޖޮކޮވިޗްގެ ތާރީހު މިހާރު އެއަށްވުރެވެސް ފުރިހަމައެވެ. އޭނާ 24 ގްރޭންޑް ސްލޭމް ހޯދާފައިވާ އިރު، ޖޮކޮވިޗަށް މަދުވަނީ އޮލިމްޕިކްސް ރަން މެޑަލްއެކެވެ. އެކަމަށް އޭނާ ހުރީވެސް ރަނގަޅު ފޯމެއްގައެވެ.