ސިޔާސީ މަގާމުތަކަށް އައްޔަން ކުރާ މީހުންގެ އަދަދުތައް ވެސް ގާނޫނުން ހިފަހައްޓަން ޖެހޭ ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ނައިބު ރައީސް، އަދި ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިގޮތަށް ވިދާޅުވީ މަޖިލިސް މެންބަރުންގެ އަދަދު އިތުރުވެގެންދިޔަ ނުދިނުމަށްޓަައި އޭނާ މަޖިލީހަށް ހުށަހެޅުއްވާފައިވާ ގަރާރަށް ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ފަރާތުން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ޕީޕީއެމް ޕީއެންސީގެ އިތުރުން އިދިކޮޅު އެމްޑީޕީންވެސް ބައިވެރިވިއެވެ. މިއީ މަޖިލިސް ކުޑަ ކުރުމަށް ޕާޓީތަކުގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މިކާއިލް އަހުމަދު ނަސީމް، މާލީ ބުރަ އަންނަނީ ހަމައެކަނި މަޖިލީހުގެ މެންބަރުންގެ އަދަދާއި އޭގެ ހަރަދުގެ ސަބަބުންތޯ ޕީއެންސީ އާއި އެމްޑީޕީއަށް ސުވާލު ކުރެއްވިއެވެ.

އެ ސުވާލުގެ ޖަވާބުގައި ޝުޖާއު ވިދާޅުވީ ދައުލަތުގެ މާލީ ބުރަ ކުޑަ ކުރުމަކީ ތިން ބާރު ވެސް އެކީގައި ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެކަން ކުރެވޭނީ ހުރިހާ ފަރާތްތަކަކުން ވާހަކަ ދައްކައިގެން ކަމަށްވެސް ވިދާޅުވިއެވެ. އަދި މަޖިލިސް މެންބަރުންގެ އަދަދު ހިފެހެއްޓުމާ އެކު ސިޔާސީ މަގާމުތަކުގެ އަދަދު ވެސް ގާނޫނުން ހިފަހައްޓަން ޖެހޭ ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

ސިޔާސީ މަގާމުތައް ހިފެހެއްޓުމަށް ތާއީދު ކުރައްވާކަން ޝުޖާ ވިދާޅުވުމުން، މީކާއިލް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ އިސްލާހުތައް މަޖިލީހަށް ހުށަހެޅުމުން ޕީއެންސީގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ދައުލަތުގެ މާލީ ބުރަ ކުޑަ ކުރުމަށް ސަރުކާރު ލެވެލްގައި ވެސް އެޅިދާނެ ފިޔަަވަޅުތައް އެބަހުރި ކަމަށެވެ. އެ ފިޔަވަޅުތައް ނާޅައި، ކައުންސިލަރުންނާއި މަޖިލިސް މެންބަރުންގެ އަދަދު މަދު ކުރުން ހަމަ ނުޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަނަސް ވިދާޅުވީ ސަރުކާރަށް ސިޔާސަތު ތަންފީޒު ކުރުމަށާއި އެ ނޫން ވެސް މަގުސަދުތައް ހާސިލު ކުރުމަށް "އެއްވެސް މިނެއް ނެތި" ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.