ދަޅަ ދައްކައިގެންނާއި އެ ނޫންވެސް އެކިއެކި ސަބަބުތައް ދައްކައިގެން، ފިރިހެން މީހުން ގެއަށް ވައްދައި، އިތުރު ބައެއްގެ ބައިވެރިވުމާއެކު ފޭރޭ މައްސަަލަތަކަކީ މި ފަހަކަށް އައިސް ވަރަށް ގިނައިން ފެންމަތިވާ ކަމެކެވެ. އެފަދަ މައްސަލަތަކުގައި މިހާރުވެސް ފުލުހުންގެ ބަންދުގައި އެތައް ބަޔަކު އެބަ ތިއްބެވެ. ދުރާލައި ރާވައި، ވަކި ބަޔަކަށް ޓާގެޓުކޮށްގެން އެފަދަ އަމަލުތައް ހިންގާ "ނެޓްވޯކް" ތައް އޮތީ މާލެއަށް މޫލައިފައެވެ. އެތައް ބައެއްގެ އަތުން އެތައް ލައްކަ ފައިސާއެއް އެގޮތަށް ފޭރިގެންފައި އެބަ ހުއްޓެވެ.
އެފަދަ މައްސަލައެއް މިމަހުގެ 24 ވަނަ ދުވަހުވެސް ވަނީ މާލޭގައި ހިނގައިފައެވެ. މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގުކަމުގައިވާ ދިލްބަހާރު މަގުގައި ހުރި ގޯޅިއެއްގެ ތެރޭގައި އާދައިގެ ގޮތަކަށް ހަދާފައި ހުރި މއ. މަސްފެންގޭގެ ތެރެއަށް މީހަކު ވައްދައި، އޭނާ ބަރަހަނާކޮށް އޭނާގެ އަތުން މިވަނީ ފޭރިފައެވެ. މި ހާދިސާ މިފަހަރު ކުރިމަތިވީ، ހއ. އިހަވަންދޫ ކައުންސިލަރެއް ކަމަށްވާ އަހުމަދު ރިޟްވާނަށެވެ. އޭނާ ވަނީ، އެ ހާދިސާ ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ވީޑިއޯއެއްގެ ޒަރީއާއިން ކިޔައިދީފައެވެ.
ރިޟްވާންގެ އަތުން ފައިސާ ފޭރުނު ގއ. މަސްފެންގޭގެ ކައިރީގައި ހުރެ، އޭނާ އާއްމުކުރި ވީޑިއޯގައި ކިޔައިދިން ގޮތުގައި އޭނާ އަތުން ފައިސާ ފޭރިގެންފައިވަނީ، އެ ދުވަހުގެ އިރުއޮއްސުނު ވަގުތުއެވެ.
"އަޅުގަނޑު މިތާ (ދިލްބަހާރު މަގުގައި) ހުއްޓިލައިގެން ހުއްޓައި ދެބައި އުމުރުގެ އަންހެނަކު އަޅުގަނޑަށް ގޮވައިމިލަނީ، ކޮއްކޯއޭ ބޮކި ބަދަލުކޮށްލަ ދޭން ދެވިދާނެ ހެއްޔޭ. ދެން އަޅުގަނޑު ބުނިން ދެވިދާނެއޭ. އެހެން ބުނެފައި އެ ދައްތަގެ ފަހަތުން އެ ގެ ހުންނަ ގޯޅިން ލާފައި އެ ގެެއަށް މިވަނީ" ރިޟްވާން ކިޔައިދިނެވެ.
ރިޟްވާން ކިޔައިދިން ގޮތުގައި، އޭނާ، އެ އަންހެން މީހާގެ ފަހަތުން އެ ގޯޅިތެރޭގައި ހުރި މަސްފެންގެއަށް ވަން އިރު، އެ ގޭގައި ކުޑަކުއްޖެއް ގޮވައިގެން އިތުރު އަންހެނެއްވެސް ހުއްޓެވެ. ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި އެ ގޭގެ ކޮޓަރިއަކަށް، އެ އަންހެން މީހާއާއެކު، އޭނާ ވަނެވެ. އެއީ، އެ ކޮޓަރީގައި ހުރި ބޮތްކެއް ބަދަލުކޮށްދޭން އެދުމުންނެވެ.
"އަޅުގަނޑު މިތާ (ކޮޓަރި) ތެރެއަށް ވަންއިރަށް އަންހެން މީހާ ތަންޑު އެޅުވީ. އަޅުގަނޑު ބުނިން ކީއްކުރަން ހެއްޔޭ ތި އުޅެނީ. ދެން ނުވާނެ 15 ވަރަކަށް ސިކުންތުވެސް، ބޮޑު ސިންގާ ދެ ފިރިހެނުން އައިސް އަޅުގަނޑު އެތެރެޔަށް ކޮއްޕާލީ، އަޅުގަނޑު ބިންމައްޗަށް ވެއްޓި ފުރަތަމަވެސް އަޅުގަނޑުގެ ބޯ ޖެހުނީ ތިރީގައި،" ކޮޓަރީގައި ހުރި ސިންގަލް އެނދުގެ ތިރީ ފަޑިއާ ދިމާލަށް އިޝާރާތްކޮށް އޭނާ ކިޔައިދިނެވެ.
ރިޟްވާން ކިޔައިދިން ގޮތުގައި، އޭނާ ބިންމައްޗަށް ވައްޓާލުމަށްފަހު، އެ ދެ ފިރިހެނުން ވަނީ އޭނާގެ ފޯނު ދޭން އެދިފައެވެ. އަދި އެކަމަށް އިންކާރު ކުރުމުން ގަދަކަމުން އޭނާގެ ވޮލެޓު ނަގައި އޭގައި އޮތް ކޭޝް ކާޑު ނަގައި ޕިން ނަންބަރު ދިނުމަށް އެދުނު ކަމަށް އޭނާ ކިޔައިދިނެވެ.
"ދެން އަންހެން މީހާ މި އެދުނީ ކާޑުގެ ޕިން ނަންބަރު ދޭން. ތަކުރާރުކޮށް އެދެމުން ދިޔައީ، ދެން ވަޅިއާ އެއްޗެހި އަޅުގަނޑަށް ފެނޭ، ނާމާން ބިރުވެރިކަމެއްގެ ތެރޭގައި އަޅުގަނޑު ހޭދަކުރަމުން ދިޔައީ. ގާތްގަނޑަކަށް ބުނާ ނަމަ އިރުއޮއްސި 6:40 އިން ފެށިގެން 8:00 ޖަހަންދެން ރަހީނުކުރެވި އަޅުގަނޑަށް އެތައް ގޮތަކުން އެތައް އަނިޔާއެއް ދެމުން އެ ފަރާތްތައް ދިޔައީ އަޅުގަނޑު އެތަނުން ނުކުންނަން އުޅުނީމާ އަޅުގަނޑުގެ ގައިގައި ބައްދައި، އަޅުގަނޑު ވައްޓާލައި، ކަރުގައި ހިފައި، ކަރުގެ މައްޗަށް ދެފައިވާ ގޮތަށް ބާއްވައި، އަޅުގަނޑުގެ މުޅި ގަމީހާއި ހެނދުމާއި އެއްކޮށް ބާލައި، އޮރިޔާންކޮށް ބިރު ދެއްކީ،" ރިޟްވާން ކިޔައިދިނެވެ.
ރިޞްވާން ވިދާޅުވި ގޮތުގައި، އޭނާ ކޭޝް ކާޑުގެ ޕިން ނަންބަރު ދިނީ މަޖުބޫރީ ހާލަތުގައި އެ ނޫން ގޮތެއް ނެތުމުންނެވެ. އަދި ޕިން ނަންބަރު ދިނުމުން އޭނާގެ މޯބައިލް ބޭންކިންއަށް ވަދެ، އޭނާގެ އެކައުންޓުން ގާތްގަނޑަކަށް 20،000 ރުފިޔާ އެހެން އެކައުންޓަކަށް ޓްރާންސްފާކޮށް، އެ ކާޑު ހިފައިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުންނަ ބީއެމްއެލްގެ އޭޓީއެމަށް ގޮސް، އެތަނުން 25،000 ރުފިޔާ ނަގައިފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.
"މިގޮތަށް އެތައް ބައެއްގެ އަތުން އެ މީހުން ފޭރިފައި އެބަހުރި. ފޮށިތަކެއް މަގުގައި ބަހައްޓައިގެން އެ އެއްޗެހި ވެއްދުމުގެ ބަހަނާއާއި ބޮލަށް އެނބުރުން އަރާކަމަށް ދައްކައި އެކަމުގެ ބަހަނާގައި ހަމަ މި އަންހެން މީހާ އެކަން ކޮށްފައި އެބަހުރި." ރިޟްވާން ކިޔައިދިނެވެ.
އެ މައްސަލައާ ގުޅިގެން، ފުލުހުން ވަނީ، އެ ތިން މީހުންވެސް މިހާރު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 43 އަހަރުގެ އަންހެނެވެ. އެ ދެ ފިރިހެނުންގެ ތެރެއިން 35 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް އަދި 26 އަހަރުގެ މީހާގެ 60 ދުވަސް ޖަހާފައިވާ އިރު، އެ ކުށުގައި އިސްކޮށް އުޅުނު އަންހެން މީހާ ވަނީ ތަހުގީގު ނިމެންދެން ބަންދުކޮށްފައެވެ.
އެ މައްސަލައިގައި ހައްުޔަރުކުރި ދެ ފިރިހެނުންގެ ކޯޓު އަމުރުން އެނގޭ ގޮތުގައި 35 އަހަރުގެ މީހަކީ، އެ ހާދިސާ ހިނގި މަސްފެންގޭގައި ދިރިއުޅޭ އައްޑޫ ހިތަދޫ، ސޯމާ، ޝަފީފް އިބްރާހިމެވެ. އޭނާއަކީ ބިރުދެއްކުމާއި ފޭރުމުގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. އަދި 26 އަހަރުގެ ފިރިހެން މީހާއަކީ، މަސްފަންގޭގައި ރަޖިސްޓްރީ އޮންނަ މުހައްމަދު ރީހާނެވެ. އޭނާއަކީ އެ މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ (މއ. މަސްފެންގޭ، އާއިޝަތު)ގެ ދަރިއެކެވެ. އެ ދެ މީހުންގެ އެފަދަ ގިނަ ކުށްތަކުގެ ލޮގްތައް އޮތް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
ފުލުހުން ވަނީ، މއ. މަސްފެންގެއަކީ، އެކިއެކި ބޭނުންތަކަށް އެ ގެއަށް މީހުން ވައްދައި، އެ މީހުންނަށް ބިރު ދައްކައި ފޭރުމުގެ ރެކޯޑް އޮތް ގެއެއްކަން ވެސް ފާހަގަކޮށްފައެވެ.
އިހަވަންދޫ ކައުންސިލަރު، ރިޟްވާންގެ އަތުން ފޭރުނު މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް