ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ކަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އިސްތިއުފާ ދެއްވައިފިއެވެ.

އެކަން ޔަގީންކޮށްދެއްވަމުން "ވަން" އަށް ތޯރިގު މިއަދު ވިދާޅުވީ، ޕީއެންސީގެ ޕާލިއަންމަންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާދެއްވާފައިވާ ކަމަށާއި އެއީ މިވަގުތު އަމިއްލަ ކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެން ނެތުމުގެ ސަބަބުން ކަމަށެވެ.

ތޯރިގަކީ މިހާރު ތިއްބެވި މަޖިލިސް މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަން ކުރައްވާތާ ފަސްވަނައަށް އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރަކެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ތެރޭގައި ވެސް ތޯރިގު ހިމެނިވަޑައިގަންނަވައެވެ.

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ތޯރިގު އައްޔަންކުރެއްވީ، މިއަހަރުގެ މެއި މަހުގެ 22 ގައެވެ.

ތޯރިގު އިސްތިއުފާ ދެއްވާފައި މިވަނީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް އައުމަށް އޭނާ ކެމްޕޭން ކުރަމުންދާ ދަނޑިވަޅެއްގައެވެ.