ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސްގެ އަންހެން ބެޑްމިންޓަން ސިންގަލްސް އިވެންޓްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ފާތިމަތު ނަބާހާ ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާގެ އެންމެ ކާމިޔާބު އެއް އަންހެން އެތުލީޓް، ލެޖެންޑަރީ ކުޅުންތެރިޔާ ޕީވީ ސިންދޫ އަތުން ބަލިވެއްޖެއެވެ.

މިއަދުގެ މެޗުގައި ނަބާހާއާ ދެކޮޅަށް ނުކުތް ސިންދޫއަކީ 2016 ވަނަ އަހަރު ރިއޯގައި ބޭއްވި އޮލިމްޕިކްސްގެ އަންހެން ސިންގަލްސް އިވެންޓްގެ ރިހި މެޑަލް އަދި 2020 ވަނަ އަހަރު ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސްގެ ބެޑްމިންޓަން އަންހެން ސިންގަލްސް އިވެންޓުން ލޯ މެޑަލްވެސް ހޯދި ކުޅުންތެރިއެކެވެ.

މިވަގުތު ވެސް ދުނިޔޭގެ ބެޑްމިންޓަން ރޭންކިންގެ 13 ވަނައިގައި ސިންދޫ އޮތް އިރު، އޭނާ ވަނީ 2019 ވަނަ އަހަރު ބާސެލްގައި ބޭއްވި ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދައިފައެވެ.

ޓްރައިޕާޓައިޓް ފުރުސަތެއްގައި ޖެހިޖެހިގެން ދެ ވަނަ އޮލިމްޕިކްސްގައި ނަބާ ފެނިގެންދާ އިރު، އޭނާ އަކީ ދެ އޮލިމްޕިކްސްއެއްގައި ރާއްޖެ ތަމްސީލް ކުރާ ފުރަތަމަ ބެޑްމިންޓަން ކުޅުންތެރިޔާއެވެ.

މިއަދުގެ މެޗުގެ ކުރީކޮޅުގައި ނަބާ ރަނގަޅު ވާދައެއް ކުރި ނަމަވެސް ސިންދޫގެ ތަޖުރިބާގެ އަލީގައި ނަބާއަށް އުނދަގޫތައް ކުރިމަތި ކުރުވިއެވެ. ފުރަތަމަ ސެޓުގެ ތެރޭގައި ނަބާ ހަމަހަމަ ކޮށްލައިގެން ލީޑެއް ނެގޭތޯ ހިތްވަރު ކުރި ނަމަވެސް، ސިންދޫ އެ ފުރުސަތެއް ނުދިނެވެ.

މެޗުގެ ސެޓުތައް ސިންދޫ ގެންދިޔައީ، 21-09، 21-06 އިންނެވެ.

ނަބާ ދެން ކުޅެން ޖެހޭނީ އެ ގްރޫޕްގައި ހިމެނޭ އެސްޓޯނިއާގެ ކަރިސްޓިން ކޫބާއާ ދެކޮޅަށެވެ.