ޖަޕާނުގެ އައިޗީ-ނަގޯޔާގައި ކުރިއަށްދާ އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޭޝިއަން ގޭމްސް 2026ގެ ބެޑްމިންޓަން އަންހެން ސިންގަލްސް އިވެންޓްގެ ފުރަތަމަ ބުރުގައި ރާއްޖޭގެ އައިމިނަތު ނަބީހާ އަބްދުލް ރައްޒާގު ކުޅުނު މެޗުގައި މިއަދު މޮންގޯލިއާގެ އެންކްލެން ސެލްމެގް-އޮޑް ބަލިކޮށް، ދެވަނަ ބުރުގެ ޖާގަ ހޯދައިފިއެވެ.
ރާއްޖޭން މިފަހަރު އޭޝިއަން ގޭމްސްގެ ހަތް ކުޅިވަރެއްގައި ވާދަކުރަމުންދާ އިރު، އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންގައެވެ.
އޭޝިއާ ސަރަހައްދަކީ ދުނިޔޭގެ އެންމެ ވަރުގަދަ ބެޑްމިންޓަން ކުޅުންތެރިން ނިސްބަތްވާ ސަރަހައްދަށްވީ އިރު، އޭޝިއަން ގޭމްސްގައި މޮޅެއް ހޯދުމަކީ ބޮޑު ކުރިއެރުމެކެވެ. ނަބީހާ މިއަދު މޮންގޯލިއާ ކުޅުންތެރިޔާ ބަލިކުރީ ސީދާ ދެ ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 21-8 އަދި 21-3 އިންނެވެ.
ރާއްޖޭން މިފަހަރު އޭޝިއަން ގޭމްސްގެ ޓީމް އިވެންޓްގައި ވާދަނުކުރާ ނަމަވެސް އިންޑިވިޖުއަލް އިވެންޓްތަކުގައި ދަނީ ވާދަކުރަމުންނެވެ. މިކްސް ޑަބަލްސް އިވެންޓްގައި ނަބީހާއާއި ނިބާލް އަހުމަދު ވާދަކުރި މެޗުގައި އިންޑިއާގެ ވަރުގަދަ ޕެއާއެއް ކަމަށް ދްރޫވް ކަޕިލާއާއި ތަނީޝާ ކްސްޓޯއާ ވާދަކުރި އިރު، އެމެޗު އިންޑިއާ ޕެއާއިން ގެންދިޔައީ ދެ ސެޓުންނެވެ. އަދި މިކްސް ޑަބަލްސް ފުރަތަމަ ބުރުގައި ފާތިމަތު ނަބާހާ އަބްދުއް ރައްޒާގާއި ޒަޔާން ޒަކީގެ ޕެއާ ވާދަކުރަން ޖެހުނީ އިންޑޮނޭޝިއާގެ ފާދިއާ ސިލްވާއާއި ނިކޮލަސް ޖޮކީންގެ ޕެއާއާއެވެ. އެމެޗު އިންޑޮނޭޝިއާ ޕެއާއިން ގެންދިޔައީ ދެ ސެޓުންނެވެ.
ފިރިގެން ސިންގަލްސް ފުރަތަމަ ބުރުގައި ޒަޔާން ކުޅުނު މެޗުގައި މޮންގޯލިއާގެ ބަޓްޑާވާ މުންކްބަޓާ ވާދަކޮށް ބަލިވީ ސީދާ ދެ ސެޓުންނެވެ.
އަންހެން ސިންގަލްސްގައި ރާއްޖޭގެ ނަބާހާ ފަށާނީ ދެވަނަ ބުރުންނެވެ. އަދި ކުރިއަށް ރާއްޖޭގެ ފިރިހެން ޑަބަލްސް ޕެއާ ކަމަށްވާ ޒަޔާނާއި ނިބާލްގެ ޕެއާއަށާއި އަންހެން ޑަބަލްސް ޕެއާ ނަބީހާއާއި ނަބާހާގެ ޕެއާއަށްވެސް މެޗުތައް އެބަހުއްޓެވެ.
މުޙައްމަދު ޝަމްޢޫން
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
ކޮމެންޓް