ކެނެޑާގެ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗު ބެވް ޕްރީސްޓަމަން، އިދިކޮޅު ޓީމުގެ ތަމްރީނުތަކަށް ޑްރޯން ބޭނުން ކުރި މައްސަލައިގައި އެ ޓީމަށް ބޮޑެތި އަދަބުތަކެއް ދީފިއެވެ.

ކެނެޑާއަކީ 2020 ވަނަ އަހަރު ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސްގައި އަންހެން ފުޓުބޯޅައިން ރަން މެޑަލް ހޯދި ޓީމެވެ. އޮލިމްޕިކްސް ގްރޫޕް ސްޓޭޖުން އެ ޓީމަށް ހަ ޕޮއިންޓް އުނިކުރުމަށް ފީފާއިން މިހާރު ނިންމާފައިވުމާ އެކު، އެ ޓީމަށް އޮތީ ގްރޫޕް ސްޓޭޖު ފަހަނައަޅާ ދާން ދަތިވެފައެވެ. އޭގެ އިތުރުން ކެނެޑާގެ އެފްއޭ 175،720 ޕައުންޑުން ޖޫރިމަނާކޮށް، ކޯޗު ޕްރީސްޓްމަން ފުޓުބޯޅައިން އެއް އަހަރަށް ސަސްޕެންޑް ކޮށްފައިވެއެވެ.

ކޯޗު ޕްރޯސްޓްމަންއާ އެކު ފުޓުބޯޅަ އިދާރާގެ އޮފިޝަލުން ކަމަށްވާ ޖޯސެފް ލޮމްބާޑީ އާއި ޖޭސްމިން މެންޑާވެސް ފީފާއިން ވަނީ އަހަރަކަށް ފުޓުބޯޅައިން ސަސްޕެންޑް ކޮށްފައެވެ.

ފީފާއިން ބުނެފައި ވަނީ އިދިކޮޅު ޓީމުގެ ތަމްރީނުތަކަށް ފާރަލުމަށް ޑްރޯން ބޭނުން ކުރުމަކީ އެ އިދާރާގެ އުސޫލުތަކާއި ގަވާއިދުތަކަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ. ފީފާއިން ބުނީ މިފަހަރުގެ އޮލިމްޕިކްސްއަށް ފްރާންސަށް ދިޔަފަހުން ވެސް ކެނެޑާއިން ޑްރޯން ބޭނުންކޮށް، ބައެއް ޓީމުތަކަށް ފާރަލާފައިވާ ކަމަށެވެ. އެ މައްސަލަ ފީފާއާ ހަމައަށް ގެންދިޔައީ ނިއުޒީލެންޑްގެ އަންހެން ޓީމުގެ ފަރާތުންނެވެ.

އެ މައްސަލައިގައި ކެނެޑާގެ ކޯޗު ޕްރީސްޓްމަން ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާ ދީފައެވެ. ޕްރީސްޓްމަން ވަނީ މައްސަލައިގެ ޒިންމާ ނަގައިފައެވެ.

ކެނެޑާ އެފްއޭއިން ބުނެފައި ވަނީ ނިންމުމުގެ ސަބަބުން ކުށެއް ނެތް، އެތައް ކުޅުންތެރިންގެ ހައްގުތަކަކަށް އުނިކަން އަންނަ ކަމަށް ގަބޫލުކުރާ ކަމަށެވެ. ކޯޗުގެ ގޯސް ގަބޫލުކޮށް، ކޯޗު މިވަގުތު ޓީމުން އިސްތިއުފާ ދީފައިވުމާ އެކު، ޓީމުން ޕޮއިންޓް އުނިކުރުން އެއީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށްވެސް ކެނެޑާ އެފްއޭއިން ބުންޏެވެ.

އެފްއޭ އާއި ކެނެޑާގެ އޮލިމްޕިކް ކޮމިޓީ ގުޅިގެން އެ މައްސަލައިގެ އިސްތިއުނާފަށް ހުށަހަޅަން މިހާރު ތައްޔާރުވެފައިވާ އިރު، ކެނެޑާ އޮލިމްޕިކް ކޮމިޓީން ބުނީ، ޓީމުގެ ކުޅުންތެރިންނަށް ކޯޗު ކުރި ކަންތައް ނޭނގޭ ކަމަށެވެ.

ކެނެޑާއިން މިފަހަރު އޮލިމްޕިކްސްގައި ކުޅުނު ފުރަތަމަ މެޗުގައި ނިއުޒީލެންޑް ބަލިކޮށް، ތިން ޕޮއިންޓް ހޯދި ނަމަވެސް، ގްރޫޕް ފުލުގައި އޮތީ މައިނަސް ތިން ޕޮއިންޓާ އެކުގައެވެ. އެ ގްރޫޕްގައި ދެން އޮތީ ކޮލަމްބިއާ އާއި ފްރާންސެވެ.