މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެ އިން 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޑްރަން އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑީއީޑީގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް، ނާހިދު ހުސެއިން ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަދަދަށް ބަލާއިރު، އެއީ އެވްރެޖުކޮށް ކޮންމެ މަހެއްގެ މައްޗަށް ދިހަ ކިލޯގެ މަސްތުވާތަކެތި ކަމަށެވެ.

"އަދި އޭގެ އިތުރުން މަސްތުވާތަކެއްޗާއި ބަނގުރަލާއި ޕާޓީ ޑްރަގްސް، އަޅުގަނޑުމެން މިކިޔާ އެކި ކަހަލަގެ ޑްރަގް ކަހަލަ އެއްޗެއްސާއެކީގައި މަގުމަތީގެ އަގު އަޅުގަނޑުމެންނަށް ނެގިފައި ހުރި މަސްތުވާތަކެތިން އެބަ އަރާ 143 މިލިއަން ދިވެހި ރުފިޔާއަށް" ނާހިދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ހަ މަަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކުގައި 116 ބިދޭސީން ޑީޕޯޓް ކޮށްލާފައިވާނެ ކަމަށެވެ.