އެތައް ހާސް އެތުލީޓުންނެއް ވާދަކުރާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓް، އޮލިމްޕިކްސް 2024 ރޭ ކުލަގަދަކޮށް ހުޅުވައިފިއެވެ.

ފްރާންސްގައި މިފަހަރު ކުރިއަށްދާ އޮލިމްޕިކްސް ރޭ ފެށީ ތާރީހީ ފެށުމަކުންނެވެ. ޕެރިހުގެ އެންމެ ތާރީހީ ކޯރު، ސެންގައި އެތުލީޓުންނާއި ޑެލިގޭޓުންގެ ޕެރޭޑް ރޭ ބާއްވާފައިވާ އިރު، މިއީ އޮލިމްޕިކްސް ހުޅުވުމުގެ ޕެރޭޑެއް ސްޓޭޑިއަމުން ބޭރުގައި ބޭއްވި ފުރަތަމަ ފަހަރެވެ. ޕެރިހުގެ އެ ޕްލޭނަށް ފުރަތަމަ ފާޑުކިޔުންތައް އައި ނަމަވެސް، އެ ގައުމުން ރޭ ވަނީ ތަފާތު މަންޒަރުތަކެއް ދައްކުވާލައިފައެވެ.

ޕެރޭޑުގައި 205 ޑެލިގޭޝަނަކުން 6800 އެތުލީޓުން ބައިވެރިވެފައިވާއިރު، ސެން ކޯރުގައި ދުއްވާ ބޯޓުތަކުގައި އެތުލީޓުންނާއި އޮފިޝަލުން ދިޔައިރު، އަރިމަތިން ހުރި އިމާރާތްތަކާއި މަތިން އަޅާފައިވާ ފާލަންތަކުގައި އެކިއެކި ޕާފޮމަންސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ހަތަރު ގަޑިއިރަށް ދެމިގެންދިޔަ އިވެންޓްގައި ފްރާންސްގެ މާހައުލާއި ސަގާފަތުގެ އިތުރުން ތާރީހާއި އެ ގައުމުގެ މަގުބޫލު އެތައް ހިދުމަތްތެރިންނެއްގެ ހަނދާން އާކޮށްދީފައިވެއެވެ. އަދި އެކިއެކި ޒަމާންތަކަށް ހާއްސަ ހުށަހެޅުންތައް ފެނިގެން ގޮސްފައިވެއެވެ.

ފްރާންސްގެ ދިދަ ރަމްޒު ކޮށްދޭ ބަޑިބޭހުގެ ކުޅިވަރުތަކުން ޕެރޭޑް ފެށި އިރު، އެކި ވަގުތުތަކުގައި މަގުބޫލު އާޓިސްޓުންގެ ސަޕްރައިޒް ހުށަހެޅުންތައް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން އެމެރިކާގެ މަގުބޫލު ލަވަކިޔުންތެރިޔާ ލޭޑީ ގާގާއާއި ކެނެޑާގެ އައިކަލް ސެލިން ޑިއޯންވެސް ހުށަހެޅުންތައް ހުށަހަޅައިދިނެވެ. ސެލިން ޑިއޯން 2004 ވަނަ އަހަރު ގްރީސްގައިވެސް ހުށަހެޅުންތައް ހުށަހަޅައި ދިންއިރު، މިއީ އޭނާގެ އެނބުރި އައުމެކެވެ.

އިވެންޓް ކުރިއަށްދިޔަ ވަގުތު ވާރޭ ވެހެމުން ދިއުމުން ބައެއް ޕްލޭންތަކަށް ބުރު އެރިއެވެ. އޭގެ އިތުރުން ޓޯޗްބެރެއާއަށްވެސް އުނދަގޫތަކެއް ދިމާވިއެވެ. ނަމަވެސް 2،000 މިއުޒީޝަނުންނާއި ނެށުންތެރިންގެ އިތުރުން އާޓިސްޓުން ވަރުގަދަ ހުށަހެޅުންތަކެއް ގެނެސްދިނެވެ.

ޒައިނައްދީން ޒިދާނާއި މަގުބޫލު އާޓިސްޓް ސްނޫޕް ޑޯގްގެ އިތުރުން ރަފޭލް ނަޑާލް ފަދަ އެތުލީޓުންގެ އަތުން ދަންމަރު ގެންގޮސް، އެންމެފަހުން ރޯ ކޮށްލާފައިވަނީ ހޮޓް އެއާ ބެލޫންއެއްގައެވެ. އެ ޝަރަފު ހޯދީ ފްރާންސްގެ ޖޫޑޯ ލެޖެންޑް ޓެޑީ ރިނާއާއި ބާރު ދުވުންތެރިޔާ މޭރީ-ހޯސޭ ޕެރެކެވެ.

މި ވަގުތު ދުނިޔޭގައި ގިނަ ދެބަސްވުންތަކަކާއި ހަނގުރާމަތަކެއް ހިނގަމުންދާ އިރު، އޮލިމްޕިކްސްއަށް ވެސް އޮތީ ސިޔާސީ އަސަރު ކޮށްފައެވެ. އެގޮތުން އިސްރޭލުގެ އެތުލީޓުންނަށް ފުރުސަތު ދިނުން އެއީ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. އެ ވާހަކަތަކާއެކު ރޭގެ އިވެންޓުގައި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސް ބަޗް ވިދާޅުވީ ހަނގުރާމައިން ވީދައިގެން ގޮސްފައިވާ ދުނިޔެއަކަށް ކުޅިވަރުގެ ގުޅުންތެރިކަން މުހިންމު ކަމަށެވެ.

އޮލިމްޕިކްސްގައި 10،500 އެތުލީޓުން 32 ކުޅިވަރެއްގައި ވާދަކުރާނެއެވެ. މި އަހަރުގެ އޮލިމްޕިކްސް އޮގަސްޓް 11ގެ ނިޔަލަށް ކުރިއަށްދާއިރު ރޭގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ވިހުރާލަ ދިނީ ދުވުންތެރިޔާ އިބާދުﷲ އާދަމް އަދި ތާރީހުގައި ފުރަތަމަ ފަހަރަށް ކޮލިފިކޭޝަން ޔަގީންކޮށް ދިޔަ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް އޮލިމްޕިކްސްއަށް އެންމެ ގިނަ އެތުލީޓުން ދިޔަ ފަހަރެވެ. އެ ދެ އެތުލީޓުންގެ އިތުރުން ދެން ވާދަކުރާނީ ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާއާއި ސްވިމިންއިން ދިޔަ މުހައްމަދު އާން ހުސައިން އަދި އައިޝަތު އުލްޔާ ޝާއިގެވެ.