މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ 16 ބިދޭސީން އަތުލައިގެންފިއެވެ.

އިމިގްރޭޝަން އިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރޭ މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް ހިންގަމުންދާ ތަންތަނާއި ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭ ތަންތަނަށް ކޮންމެ ދުވަހަކު ވެސް އަންނަނީ ރެއިޑް އޮޕަރޭޝަންތައް ހިންގަމުންނެވެ.

މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 100 އަށްވުރެ ގިނަ ބިދޭސީން ވަނީ އަތުލައިގެންފައެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމެކެވެ. އެގޮތުން "އޮޕަރޭޝަން ކުރަނގި" ފޭސް އެކަކާއި ފޭސް ދޭއް އިފްތިތާހުކޮށް ބިދޭސީންގެ ފިންގަޕްރިންޓް ނެގުމުގެ ކަންކަން ދަނީ ކުރަމުންނެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ގޮތުގައި ކުރަނގި އޮޕަރޭޝަނުން ކައުންސުލިތަކުން ރަށްރަށުގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓް ނަގާނެ ކަމަށެވެ. އަދި ކުރަނގި އޮޕަރޭޝަނުގެ ސަބަބުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ކަށަވަރުކޮށް، އެ ފަރާތްތައް ދެނެގަނެ އަދި އެމީހުންނާ ދޭތެރޭ އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރަނގި ފޭސް އެކެއްގައި ކުރި މަސައްކަތަކީ ސިޔާސަތުތައް އެކުލަވައިލުމާއި ބައެއް ރަށްރަށުގައި އެކަން އޮތް ހާލަތު ދެނެގަނެ އެޕްލިކޭޝަން ޑިވެލޮޕްކުރުމެވެ. ފޭސް ދޭއްގައި ކުރާނެ ކަމަކީ އެޕްލިކޭޝަންތަކުގެ އެކްސެސް ކައުންސިލްތަކަށް ދިނުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް، ކައުންސިލަރުންނަށް ޝައްކުވާ ބިދޭސީއެއްގެ ފޮޓޯ ނެގުމުން، އެ ބިދޭސީ މީހާގެ ނަމާއި ހުރިހާ ހުރިހާ ވަނަވަރެއް ކައުންސިލްތަކަށް އެނގިގެންދާނެ ކަމަށެވެ. އެއީ ކޮން ކުންފުންޏަކުން އެތެރެވި މީހެއް ކަމަށާއި އެންމެ ފަހުން ވިސާ އާ ކުރީ ކޮން ތާރީހެއްގައި ކަން ފަދަ މުހިންމު މައުލޫމާތުތައް ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ބެލޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމުގައި ކައުންސިލްތަކަށް ބާރުވެރިކަން ދިނުމުން އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ފުރަތަމަ ބައި ނިމުނީ ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އައިޑެންޓިފައި ކުރަން ސަރުކާރުން ކަނޑައަޅާފައި ވަނީ ތިން އަހަރު ކަމަށާއި ދެވަނަ އަހަރާއި ތިން ވަނަ އަހަރު ކުރާނެ ކަމަކީ އައިޑެންޓިފައި ކުރެވޭ މީހުން ގާނޫނީ އިމުގެ ތެރެއަށް ފެއްތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.