އިޓަލީ ގައުމީ ޓީމުގެ ބޮލޯނިއާ ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ އާސެނަލްގެ މެޑިކަލް ފުރިހަމަކޮށް، އެ ޓީމުގެ ޕްރީ ސީޒަނާ ގުޅެން ތައްޔާރުވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީން މިފަހަރުގެ ޔޫރޯ ގަދަ 16 އާ ހަމައަށް ކުރި ދަތުރުގައި އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކަށްވީ ޑިފެންޑަރު ކަލަފިއޯރީއެވެ. އޭނާ ވަނީ ޓީމުގެ ފަހަތުން ލީޑުކޮށް މުހިންމު އެޓޭކުތަކެއްވެސް އުފައްދައިފައެވެ. ގްރޫޕް ސްޓޭޖުގައި ދެ ރީނދޫ ކާޑު ހަމަވުމުން ކަލަފިއޯރީ ގަދަ 16 ގެއްލުނުއިރު، އިޓަލީ މުބާރާތުން ވަކިވާން ޖެހުނީ އެ މެޗުގައި ސްވިޒަލޭންޑް ކައިރިން ބަލިވެގެންނެވެ.

ކަލަފިއޯރީ ހޯދުމަށް އާސެނަލްއާއި ޗެލްސީގެ އިތުރުން ޔުވެންޓަސްއިންވެސް މަސައްކަތް ކޮށްފައިވެއެވެ. އާސެނަލް އިން ފުރަތަމަ ކުރި ބިޑު ނާކާމިޔާބުވި ނަމަވެސް ފަހުން ބޮލޯނިއާ އިން ބޭނުންވި އަދަދަށް އަގު މަތިކޮށް، އާސެނަލް އިން މިހާރު ވަނީ ކްލަބާއެކު އެއްބަސްވެފައެވެ. އަދި މިހާރު ކުރިއަށްދަނީ ޓްރާންސްފާގެ ފަހު މަރުހަލާއެވެ.

އިތުބާރު ނޫސްތަކުން ބުނެފައި ވަނީ އާސެނަލް އިން ބޭނުންވަނީ މިއަދު މެޑިކަލް ފުރިހަމަ ކުރުވައި އެމެރިކާގައި މި ވަގުތު އޮތް ޓީމާ އޭނާ ގުޅުވާށެވެ. އާސެނަލް އިން ޕްރީ ސީޒަން ޓުއާގައި މި ވަގުތު އެމެރިކާގެ ލޮސް އެންޖެލެސްގައި ކޭމްޕް ކުރަމުންދާ އިރު، އެ ޓީމުން ބުދަ ދުވަހު އެކުވެރިކަމުގެ ސީރީސްގެ މެޗެއްގައި ބޯންމައުތާ ދެކޮޅަށް ނުކުންނާނެއެވެ. އަދި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުމަށްފަހު، ފިލަޑެލްފިއާގައި ލިވަޕޫލާ ދެކޮޅަށް ކުޅޭނީ މި މަހުގެ 31 ގައެވެ.

ރޯމާގެ އެކަޑެމީން ކެރިއަރު ފެށި ކަލަފިއޯރީ ފުރަތަމަ ބަދަލުވި ކްލަބަކީ ސްވިޒަލޭންޑްގެ ބާސެލްއެވެ. އެއީ 2022 ވަނަ އަހަރެވެ. ބޮލޯނިއާއަށް މިދިޔަ ސީޒަނުގައި ކަލަފިއޯރީ ދިޔައީ 3.3 މިލިއަން ޕައުންޑްގެ އަގެއްގައެވެ. މިހާރު ކަލަފިއޯރީގެ އަގު، 45 މިލިއަން ޕައުންޑަށްވުރެ މައްޗަށް އަރައެވެ.

މިދިޔަ ސީޒަނުގައި ތިއާގޯ މޮޓާގެ ކޯޗުކަމުގެ ދަށުން ކަލަފިއޯރީ ވަނީ ބޮލޯނިއާއަށް 30 މެޗު ކުޅެފައެވެ. އެ ޓީމުން މިދިޔަ ސީޒަނުގައި އިޓަލީ ލީގުގެ ފަސްވަނައިގައި ނިންމާލައި، މި ސީޒަންގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދިއެވެ.