އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ކުޅުނު ފުރަތަމަ މެޗުވެސް ބޮޑު ހަމަނުޖެހުންތަކަކަށް ގޮސްފިއެވެ.

ޕެރިސް އޮލިމްޕިކްސް ރަސްމީކޮށް ނުފެށި ނަމަވެސް އިއްޔެ ވަނީ ރަގްބީއާއި ފުޓްބޯޅައިގެ ޓީމު އިވެންޓްތައް ފަށައިފައެވެ. ފިރިހެން ފުޓުބޯޅައިގެ ގްރޫޕް ސްޓޭޖު މެޗުތައް އިއްޔެ ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި އާޖެންޓީނާ، މޮރޮކޯ ކައިރިން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި އެތައް ޑްރާމާއެއް ފެނިގެން ގޮސްފައިވެއެވެ. ހާފު ނިމުމުގެ ކުރިން ސުފިޔާން ރަހީމީ ގޯލެއް ޖަހައި މޮރޮކޯއަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފަށް ނުކުމެ މާގިނައިރެއް ނުވެ، އޭނާ ދެވަނަ ގޯލެއްވެސް ޖެހިއެވެ.

އާޖެންޓީނާ އިން މެޗު އެއްވަރުކުރުމަށް ކުރި މަސައްކަތުގައި ޖިއުލިއާނީ ސިމެއޯނޭ ޖެހި ގޯލުން ހިތްވަރެއް ހޯދިއެވެ. އަދި އިތުރު ވަގުތުގެ ތެރެއިން 16 މިނެޓް ހިނގިފަހުން އެ ޓީމުން ގޯލެއް ޖަހައި އެއްވަރުކުރި ކަމަށް ބެލެވުނެވެ. އާޖެންޓީނާ އިން ފޮނުވާލި ބޯޅައެއް ގޯލަށް ވަދެ، މެޗު އެއްވަރުވި ކަމަށް ބެލެވުނު އިރަށް، ފްރާންސްގެ ޖިއޮފްރޭ-ގުއިޗާޑް ސްޓޭޑިއަމަށް މޮރޮކޯ ސަޕޯޓަރުން އަރައިގަތެވެ.

އޭގެ އިތުރުން ފުޅިވެސް އުކައި، ހަމަނުޖެހުމަކަށް މަސައްކަތް ކުރުމުން، އެ ގޯލު ވީއޭއާރުން ޗެކްކުރުމުގެ ކުރިން މެޗު ވަނީ ސަސްޕެންޑްކޮށްފައެވެ. ސަސްޕެންޑްކޮށް، ހުރިހާ ސަޕޯޓަރުންވެސް ދަނޑުން ނެރެ ދެ ޓީމު އަލުން ދަނޑު މައްޗަށް ނެރުނީ ދެ ގަޑިއިރެއްހާއިރު ފަހުންނެވެ. ނެރުމަށްފަހު ވީއޭއާރް ބަލައި، ރެފްރީ ނިންމީ އާޖެންޓީނާ އިން ގޯލެއް ނުޖަހާ ކަމަށެވެ. އެއީ އެ ބޯޅައަށް ކުޅުންތެރިޔާ މަސައްކަތްކުރި އިރު، އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

އެ މެޗަށްފަހު އޮލިމްޕިކްސްއަށް ދިޔަ އާޖެންޓީނާގެ ޒުވާން ޓީމުގެ ކޯޗު، ހާވިއާ މެޝެރާނޯ ބުނީ ފެނިގެން ދިޔައީ ގަބޫލުކުރަން ދަތި، "ސާކަސް"އެއްގެ މަންޒަރެއް ކަމަށާއި އިންތިޒާމުތައް މިއަށްވުރެ ބޮޑަށް ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އާޖެންޓީނާގެ ސީނިއާ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއާއި އެހެން ކުޅުންތެރިންވެސް ވަނީ އެ ކަންކަން ގަބޫލުނުކުރެވޭ ކަމަށް ބުނެ ޓީމަށް ހިތްވަރު ދީފައެވެ.