މާލޭގެ މަގުތައް އަމާން ކުރުމަށާއި ތޮއްޖެހުން ހައްލު ކުރަން ހިންގާ "މާލެ ފަހި" ޕްރޮގްރާމް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވައިފިއެވެ.

ރައީސް އެ ޕްރޮގްރާމު އިފުތިތާހުކޮށްދެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ. މާލެފަހި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވުމަށްފަހު ރައީސް ވަނީ "މާލެ ފަހި" ޕްރޮގްރާމުގެ ފޮތް ނެރެދެއްވައިފައެވެ.

މާލެ ފަހި ޕްރޮގްރާމަކީ ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

އެ ޕްރޮގުރާމް ބެހިފައިވާ މައިގަނޑު ތިންބަޔަކީ ގާނޫނާއި ގަވައިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން، ޕަބްލިކް ޓްރާންސްޕޯޓްގެ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުން އަދި މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ އަދި އަމާން ތަންތަނަށް ހެދުމެވެ.

މާލެ ފަހި ޕްރޮގްރާމަކީ ރައީސްގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ހާއްސަ އިރުޝާދާ އެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.