އާޖެންޓީނާ އާއެކު އުފާފާޅުކުރުމުގެ ތެރޭގައި ފްރާންސް ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައި އެންޒޯ ފެނާންޑޭޒް ހޫނު ފެނަށް ވެއްޓިފައިވާ އިރު، އޭނާ އެނބުރި ސްކޮޑާ ގުޅުނަސް މައްސަލައެއް ދިމާވެދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.
އާޖެންޓީނާ އިން ކޮޕާ އެމެރިކާ ކާމިޔާބުކޮށް، އުފާފާޅުކުރި ކުރުމުގެ ތެރޭގައި އެންޒޯ ކޮށްފައިވާ އިންސްޓާ ލައިވްއެއްގައި ފްރާންސް ކުޅުންތެރިންގެ ނަސްލަށް ޖޯކު ޖަހާފައިވެއެވެ. އެގޮތުން އެހެން ގައުމުތަކަށް އުފަން ކުޅުންތެރިންގެ ނަސްލަށް ޖޯކު ޖަހައި، އެ ހުރިހާ ކުޅުންތެރިން އަތުގައި ފްރާންސްގެ ޕާސްޕޯޓް އޮންނާތީ އެކަމަށްވެސް ޖޯކު ޖަހާފައިވެއެވެ.
ފްރާންސްގެ ކަޅު ނަސްލުގެ ކުޅުންތެރިންގެ ތެރެއިން އެންޒޯ އާއެކު ޗެލްސީއަށް ކުޅޭ ވެސްލޭ ފޯފާނާއާއި އެކްސެން ޑިސާސީ، ބެނޮއިޓް ބަޑިއަޝީލޭގެ އިތުރުން ކްރިސްޓޮފާ އެންކުންކޫ ފަދަ ކުޅުންތެރިން ވަނީ އެންޒޯ ކުރި ކަންތަކަށް ނުރުހުން ފާޅުކޮށްފައެވެ. އޭގެ ތެރެއިން ފޯފާނާ ވަނީ ސޯޝަލް މީޑިއާގައިވެސް އެކަން ކުށްވެރިކޮށްފައެވެ.
އެންޒޯގެ މައްސަލަ ޗެލްސީއާއި ފީފާއިންވެސް ބަލަމުންދާ އިރު، އޭނާ އެނބުރި ޗެލްސީ ސްކޮޑާ ގުޅޭނީ އަންނަ ހޯމަ ދުވަހުއެވެ. އެއީ އެމެރިކާގައި ޕްރީ ސީޒަން ހަދަމުންދާ ޓީމާއެވެ.
"އެކަމާ މާބޮޑަށް ވިސްނާކަށް ނެތިން. ކުޅުންތެރިޔާވެސް މައާފަށް އެދި ބަޔާން ނެރެފި. އަދި ކްލަބުންވެސް އެކަމުގައި ޖަވާބުދާރީވި، ދެން އެ ހާލަތު އިތުރަށް ގޯސްކޮށް ތަފާތު ވާހަކަދެއްކެމުގެ މާބޮޑު ބޭނުމެއް ހަގީގަތުގައި ނެތް،" މަރެސްކާ ބުންޏެވެ.
މަރެސްކާ އިތުރަށް ބުނީ ޗެލްސީގައި ތިބި ފްރާންސް ކުޅުންތެރިންނަށް ޖަޒުބާތުގައި ބަހެއް ބުނެވިފައިވީ ނަމަވެސް، އެ ކަންކަން އިތުރަށް ގޯސްކުރަން އެ ކުޅުންތެރިން މަސައްކަތް ނުކޮށް، ކުރިއަށްދާނެ ކަމަށެވެ.
ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްވެސް ވަނީ އެންޒޯގެ ހާލަތަށް ވާހަކަ ދައްކާފައެވެ. އޭނާ ބުނީ އެ މައްސަލައިގައި ކެޕްޓަނެއްގެ ހައިސިއްޔަތުން އެންޒޯ އަދި ފްރާންސް ކުޅުންތެރިންނާ ވާހަކަ ދެއްކި ކަމަށާއި، އެ ވާހަކަތަކުގެ ތަފްސީލު އެނގެން ބޭނުންވަނީ ޓީމަށް އެކަނި ކަމަށެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ