ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމަށްޓަގައި ފެށި "ޕޭ ހާމަނައިޒޭޝަން ޕްރޮގްރާމް" ކުރިއަށް ނުދާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ޓީޗަރުންނާއި ޕްރިންސިޕަލުންނާއި ޑޮކްޓްރުންނާއި ނަރުހުންގެ މުސާރަ، އާ އޮނިގަނޑަށް ހިޖުރި ކުރި ނަމަވެސް ދެ އަަހަރުވެގެން ދިޔައިރުވެސް ސިވިލް ސާވިސް މުވައްޒަފުން އެ އޮނިގަނޑަށް ބަދަލުކޮށްފައިނުވާ ކަމަށެވެ.

އަދި ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައަށް މީގެ 15 އަހަރު ކުރިން ގެނައި ބަދަލަށްފަހު، ބޮޑު ބަދަލެއް ގެނެސްފައިނުވާއިރު އިދާރީ މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނާސިހު ވިދާޅުވީ، މުސާރަތައް އެއްހަމަކުރަން ފެށި މަސައްކަތުގެ މަގުސަދު ހާސިލުވަމުންނުދާ ކަމަށާއި އެކަމުގެ ސަބަބުން މުސާރައިގެ ފަރަގު ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށެވެ. އެގޮތަށް ކަންތައް ދިމާވީ އެ މަސައްކަތް ކޮށްފައިވާ ގޮތުން ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ސިވިލް ސާވިސް ކޮމިޝަނަކީ ދައުލަތުގެ އެންމެ ގިނަ މުވައްޒަފުންގެ ބެލެނިވެރިޔާ ކަމަށްވާއިރު، އާ ޕޭ ފްރޭމްވޯކަށް ބަދަލުވުމުގައި އެ ކޮމިޝަންގެ މަޝްވަރާއާއި ލަފާ ޕޭ ކޮމިޝަނުން ހޯދާފައިނުވުން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާއަށް ބަލައި ދަރަޖަކުރުމަކީ ސީއެސްސީގެ މެންޑޭޓުގައި ހިމެނޭ ކަމަކަށްވިޔަސް، އާ ފްރޭމްވޯކަށް ބަދަލުކުރުމުގައި ޕޭ ކޮމިޝަނުން އެ ޝަރުތުތައް ކަނޑައެޅުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.