ރާއްޖޭގެ އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ، ލ. ގަމަށް އުފަން ހުސައިން ޝަރީފް (އޮންލީ)ގެ ކަކުލަށް ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން ސާޖަރީ ހަދައި، ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އޮންލީ އަށް އަނިޔާވީ ކުޑަ އީދުގައި ކުޅުނު މުބާރާތެއްގެ ތެރެއިންނެވެ. އޭގެފަހުން އޭނާ އިތުރު ބައެއް މުބާރާތްތައް ކުޅެން މަސައްކަތް ކުރި ނަމަވެސް، އަނިޔާގެ ބޮޑުކަމުން ކުޅެވިފައެއް ނުވެއެވެ. އޮންލީގެ ޕޮސްޓޭރިއާ ކްރޫޝިއޭޓް ލިގަމެންޓް (ޕީސީއެލް) އެއްކޮށް "ޓިއާ"ވުމާއެކު އޮންލީއަށް ޖެހުނީ ސާޖަރީއަކަށް ދާށެވެ. އޭނާ މިދިޔަ ހޮނިހިރު ދުވަހު ސާޖަރީ ފުރިހަމަކޮށްފައިވާ އިރު، މިހާރު ދަނީ މަޑުމަޑުން ރިކަވާ ވަމުންނެވެ.

"އަނިޔާއެއް ލިބުމަކީ އެހާ ފަސޭހަ ކަމެއް ނޫން. އެއީ މި ކުޅިވަރަށް އަހަރެމެންގެ މުޅި ދިރިއުޅުން ބިނާކޮށްފައި އޮންނާތީ. އެހެންވިޔަސް، އަނިޔާ ލިބުމުން އެކަމާ ޑީލްކުރަން ޖެހޭނެ އެތުލީޓުން. މިއީ ފުދޭ ވަރަކަށް ބޮޑު އަނިޔާއެއް މި ލިބުނީ. ދުވަސް ނަގާނެ އެނބުރި އަންނަން. ބޮޑު ދެ މުބާރާތްވެސް ގެއްލޭނެ. އެހެންވިޔަސް ޓީމަށް އަރާނެ ކުޅުންތެރިންނަށް އިތުބާރު ކުރަން،" އޮންލީ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

އޮންލީއަކީ 2023 ވަނަ އަހަރު ރާއްޖޭގެ ޗެމްޕިއަންކަން ހޯދި ލ. ގަމު ފުޓްސަލް ޓީމުގެ ކެޕްޓަނެވެ. އޭގެ އިތުރުން އޭނާއަކީ ކްލަބު މޯލްޑިވްސް ކަޕްގައި އެޗްޑީސީއަށްވެސް މުހިންމު ކުޅުންތެރިއެކެވެ. އަށް ވަރަކަށް މަހަށް ކުޅުމާ ދުރަށް ދާން ޖެހުމުން އޮންލީއަށް ކުރިއަށް އޮތް ކްލަބު މޯލްޑިވްސް ކަޕާއި 2024 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުވެސް ގެއްލޭނެއެވެ. އެ މުބާރާތްތައް ގެއްލުނު ނަމަވެސް، އޭނާގެ ހިތްވަރު އަބަދުވެސް ޓީމަށް ދެމުންދާނެ ކަމަށް ބުންޏެވެ. އަދި ޓީމުގައި ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާނެ ކަމަށްވެސް ބުންޏެވެ.

އޮންލީ ބުނީ ސަޕޯޓަރުންގެ ފަރާތުން މިހާރުވެސް ވަރަށް ބޮޑަށް ހިތްވަރުގެ މެސެޖު ލިބެމުންދާ ކަމަށާއި އެނބުރި އަންނަން ތައްޔާރަށް ހުރި ކަމަށެވެ.

"ސްޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ އަބަދުވެސް ހިތްވަރުކޮށް، އެނބުރި ވަރުގަދަކޮށް އަންނާނަމޭ އިންޝާ ﷲ. ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ދެމުންދާ ލޯތްބަށް. ހާއްސަކޮށް ހަމަ މިކަމުގައި އެހީތެރިވެދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކުރަން. ހާއްސަކޮށް ހަމަ އާއިލާގެ އިތުރުން އަންހެނުން ދެމުންދާ ސަޕޯޓް ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުންވޭ،" އޮންލީ ބުންޏެވެ.

އޮންލީ ރާއްޖޭގެ ހުރިހާ ބޮޑެތި މުބާރާތްތަކެއް ކާމިޔާބު ކޮށްފައިވާއިރު، އޭނާއަކީ ލީޑާޝިޕް އަދި ޑިސިޕްލިންގެ ނަމޫނާ ކުޅުންތެރިއެކެވެ. 2023 ވަނަ އަހަރު ގަމަށް ރާއްޖޭގެ ޗެމްޕިއަންކަން ހޯދައި ދިންއިރު، އޭނާއަކީ އެ މުބާރާތުގެ ކިންގެވެ. އޭގެ ކުރިންވެސް އޮންލީ ވަނީ ކްލަބު މޯލްޑިވްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

ފުޓްސަލްގެ ކެރިއަރެއް ބިނާކޮށް، އެ ކެރިއަރުން އާމްދަނީ ހޯދަމުންދާ އޮންލީއަކީ ޒުވާން ކުޅުންތެރިން އުފައްދައި އެ ކުޅުންތެރިން ފުޓްސަލްގެ ތެރެއަށް ނެރުމަށްވެސް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ގައުމީ ފުޓްސަލް ޓީމު ތަމުސީލުކޮށްދީ، ބައިނަލްއަގުވާމީ މެޗުތަކެއްވެސް ކުޅެދީފައެވެ.