ގައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ އެތުލީޓުން އޮލިމްޕިކްސްގައި ވާދަނުކުރެވޭނެ ގޮތެއް ހެދުމަށް ފަލަސްތީންގެ އޮލިމްޕިކްސް ކޮމިޓީން އަނެއްކާވެސް ގޮވާލައިފިއެވެ.
އިޒްރޭލުން ހުއްޓުމެއް ނެތި ފަލަސްތީނުގެ ގާޒާއަށް ހަމަލާދީ އެތައް މުސްލިމުންނެއް މަރަމުންދާއިރު ދުނިޔޭގެ އެކިއެކި ސަރަހައްދުތަކުގައި ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 500 އެއްހާ އެތުލީޓުންވެސް މަރުވެފައިވާ އިރު، ކުޅިވަރު ދުނިޔެ އިން އެކަމަށް ބީރު ކަންފަތެއް ދެމުންދާތީ، މުސްލިމު ގިނަ ގައުމުތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ފްރާންސްގެ ބައެއް ސަރަހައްދުތަކުގައިވެސް އެކަމަށް އަޑު އުފުލާފައިވެއެވެ.
ރަޝިޔާއާއި ޔުކްރެއިން ހަނގުރާމައިގެ ސަބަބުން، ރަޝިއާ ކުޅިވަރުން ބޭރުކޮށްފައިވާ އިރު، އެ ގައުމުގެ އެތުލީޓުންނަށް މިފަހަރުގެ އޮލިމްޕިކްސްގައި ވެސް އަމިއްލަ ގައުމެއް ރަމްޒެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި ރަޝިޔާގެ އެތުލީޓުންނަށް ބައިވެރިވެވެނީ ނިއުޓްރަލް އެތުލީޓުންގެ ގޮތުގައެވެ. އެކަން އެހެން އޮތް ނަމަވެސް، އިޒްރޭލަށް ފިޔަވަޅެއް ނާޅާތީ، ފަލަސްތީނުގެ އޮލިމްޕިކްސް ކޮމިޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ކަންބޮޑުވުންތަކާއެކު ފަލަސްތީނު އޮލިމްޕިކްސް ކޮމިޓީގެ ފަރާތުން ދުނިޔޭގެ އޮލިމްޕިކްސް ކޮމިޓީއަށް ހާއްސަ ސިޓީއެއް ފޮނުވާފައިވާއިރު، އެ ސިޓީ އާއެކު އިޒްރޭލުގެ ބައެއް އެތުލީޓުން އެ ގައުމުގެ އަސްކަރިއްޔާގައި ހަރަކާތްތެރިވެފައިވާކަމުގެ ހެކިވެސް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ޖޫޑޯ އެތުލީޓެއް ގައްޒާއަށް މިސައިލް ފޮނުވުމުގައި ހަރަކާތްތެރިވެފައިވާ ވީީޑިއޯއެއްވެސް ހިމެނެއެވެ.
ފަލަސްތީނުގެ އޮލިމްޕިކްސް ކޮމިޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ނަދީރް ޖަޔޯސީ ވިދާޅުވީ އިޒްރޭލުން ގައްޒާގައި ހިންގާ ލާއިންސާނީ އަމަލުތަކަކީ ދުނިޔޭގެ އިންސާނީ ހައްގުތަކާ އެތައް ގޮތަކުން ފުށުއަރާ އަމަލުތަކެއް ކަމަށާއި އެ ގައުމުގެ ބައެއް އެތުލީޓުން އޮލިމްޕިކްސްގައި ބައިވެރިވެނީ ގައްޒާއަށް ހަމަލާ ދޭން ސިފައިން ތެރޭގައި އުޅުމަށްފަހު ކަމަށެވެ. އަދި އެއީ އޮލިމްޕިކްސްގެ ރޫހާ މުޅިން ހިލާފު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޮލިމްޕިކްސް އިން އިޒްރޭލު ބޭންކުރަން ފަލަސްތީނުން ތަކުރާރުކޮށް ގޮވާލި ނަމަވެސް މުބާރާތުގައި ބައިވެރިވާ އިޒްރޭލުގެ އެތުލީޓުން މި ވަގުތު ތިބީ ޕެރިހުގައެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް