އަންނަ ހުކުރު ދުވަހު ފްރާންސްގެ ވެރި ރަށް، ޕެރިހުގައި ފަށާ އޮލިމްޕިކްސްގައި ވާދަކުރާ ދިވެހި އެތުލީޓުންގެ ކޮންޓިޖެންޓް މިއަދު ފުރައިފިއެވެ.
މިފަހަރުގެ އޮލިމްޕިކްސްގެ ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނީ ޓީޓީ ތަރި ފާތިމަތު ދީމާ އަލީއާއި އެތުލެޓިކްސްގެ ދުވުންތެރިޔާ އިބާދުﷲ އާދަމެވެ.
އުމުރުން އެންމެ 16 އަހަރުގައި ދީމާ އޮލިމްޕިކްސް ކޮލިފިކޭޝަން ޔަގީން ކުރީ ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދިޔަ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ މުބާރާތުގެ ފައިނަލުގައި ދީމާ ވަނީ ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ 4-1 ސެޓުން ބަލިކޮށްފައެވެ. އެއީ ދިވެހި އެތުލީޓަކު އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެ ޝަރަފާ އެކު ދީމާ މިފަހަރު އޮލިމްޕިކްސްއަށް ދިޔައީ ރާއްޖޭގެ ތާރީހުގައި އޮލިމްޕިކްސްއަށް ދިޔަ އެންމެ ބޮޑު ކޮންޓިޖެންޓުގައެވެ.
ރާއްޖެއިން މިފަހަރު ހަތަރު ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ ޓީޓީ، އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަނާއި ސްވިމިން އިވެންޓެވެ.
ޖެމެއިކާގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ އިބާދުﷲ އަށް އޮލިމްޕިކްސް އިން ފުރުސަތު ދީފައިވަނީ ޓައިމް ޓްރައިލްސްއަށް ބަލައިގެންނެވެ. އިބާދުﷲ މިއަހަރުގެ އިވެންޓްތަކަށް އެނބުރި އައިސްފައި ވަނީ އަނިޔާގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. މިދިޔަ އަހަރު އޮތް އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައިވެސް އިބާދުﷲ ފެނިގެން ގޮސްފައެއް ނުވެއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. އެހެން ނަމަވެސް، އަނިޔާއިން ރަނގަޅުވެ، އިބާދުﷲ އަންނަނީ އަނެއްކާވެސް ތަފާތު ދައްކަމުންނެވެ.
އޮލިމްޕިކްސްގައި މި ފަހަރު ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާއެވެ. ސްވިމިން އިން އޮލިމްޕިކްސް އަށް ދާ އެތުލީޓުންނަކީ، މުހައްމަދު އާން ހުސައިން އަދި އައިޝަތު އުލްޔާ ޝާއިގެވެ. އަންނަ މަހުގެ 11 އާ ހަމައަށް ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަރަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ) އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ