ބަލްކު ޕްރޮކިޔުމެންޓް އުސޫލުގެ ދަށުން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން ގެންނަ ޔޫރަޕް ކޮލިޓީ ބޭހުގެ ފުރަތަމަ ޝިޕްމަންޓް މިއަދުން ފެށިގެން އެސްޓީއޯގެ ބޭސް ފިހާރަތަކުން ގަންނަން ލިބޭނޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

ޔޫރަޕިއަން ސްޓޭންޑާޑުގެ ބޭސް ރާއްޖެއިން ލިބޭނެ ގޮތް މަގުފަހިކޮށް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ހެލްތް މިނިސްޓްރީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، އެސްޓީއޯ އަދި ފިނޭންސް މިނިސްޓްރީން ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުން، ޔޫއެންޑީޕީއާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން ބަލްކު ޕްރޮކިޔުކޮށް ރާއްޖެ ގެނައުމަށް ފަށައިފައިވާ ޕްރޮޖެކްޓުގެ ދަށުން އަސާސީ ހުރިހާ ބޭހެއް ރާއްޖެއިން ލިބެން ހުންނާނެކަން ކަށަވަރުކުރާނެ ކަމަށެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ގެންނަ ބޭސްތަކަކީ ސީދާ ބޭސް އުފައްދާ ކުންފުނިން ގަނެ، ބޭސް އުފެއްދުމާ ހަމައިން ފެށިގެން ބަލި މީހާއާ ހަމައަށް ރައްކާތެރިކަން ކަށަވަރުކޮށްފައިވާ ބޭސްތަކެއް ކަމަށް ސަރުކާރުން ބުންޏެވެ.

އެ ސިޔާސަތުގެ ދަށުން ރާއްޖެއަށް އެތެރެކުރުމަށް ހުއްދަދީފައި ވަނީ އަދި ކުރިއަށް އޮތް ތަނުގައި ވެސް ހުއްދަ ދޭނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގައި ލިސްޓެޑް ނުވަތަ ސްޓްރިޖެންޓް ރެގިއުލޭޓްރީ އޮތޯރިޓީއެއްގެ ރަޖިސްޓްރީ ކޮށްފައިވުމާ އެކު، ޔޫއެންޑީޕީ އަދި އެމްއެފްޑީއޭގެ މިންގަނޑުން ފާސްވެފައިވާ ޕްރޮޑަކްޓްސް ކަމަށް ސަރުކާރުން ބުންޏެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި މި ސިޔާސަތުގެ ތެރެއިން ގެނެވި ބޭނުން ކުރާނީ ޔޫރަޕުގެ ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަދީފައިވާ ބޭސް އެކަނި ކަމަށް ސަރުކާރުން ބުންޏެވެ.

"މި ސިޔާސަތު މިއަދުން ފެށިގެން ތަންފީޒުކުރެވެން ފެށޭނެއެވެ. ދެ މަރުހަލާއަކަށް ބަހާލައިގެން ތަންފީޒުކުރެވޭ އިރު، މިއަދުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް، ފުރަތަމަ ތައާރަފުކުރެވޭ ހަތް ބޭސް ލިބެން ފަށާނެއެވެ،" ސަރުކާރުން ބުންޏެވެ.

ސަރުކާރުން ބުނީ ޔޫރަޕް ސްޓޭންޑާޓު ބޭސް މިހާރު ރާއްޖެއިން ލިބޭނެ ގޮތް ހަމަޖެހިފައިވާތީ އާސަންދަ ނިޒާމު ހިމެނޭހެން ގުޅުންހުރި ނިޒާމުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ފަށާނެ ކަމަށެވެ.

ޔޫރަޕް ސްޓޭންޑާޑު ބޭސްތަކަށް ވެސް އާސަންދައިން ފުލް ކަވަރޭޖް ލިބިގެންދާނެ ކަމަށާއި ނަމަވެސް އާސަންދަ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި ލީކޭޖުތައް ހުއްޓުވި، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ބުންޏެވެ. އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނަށް އެންމެ ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދެވުމުގެ އިތުރުން އާސަންދައިގެ ތެރެއިން ބޭހަށް ކުރާ ބޮޑު ހަރަދު ބޮޑުތަނުން ސަލާމަތް ކުރެވިގެން ދިޔުން ކަމަށް ސަރުކާރުން ބުންޏެވެ.