އަންނަ ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސް އަށް ދާ ދިވެހި ކޮންމެ އެތުލީޓަކީވެސް ހާއްސަ އެތުލީޓެއް ކަމަށާއި އެތުލީޓުން ވަނީ މިސާލު ދައްކާފައި ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރާފިއު އެހެން ވިދާޅުވީ، އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ވިހުރުވާނެ އެތުލީޓުން އިއުލާން ކުރުމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އޮލިމްޕިކްސްގެ ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނީ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އާއި އެތުލެޓިކްސްގެ ދުވުންތެރިޔާ އިބާދުﷲ އާދަމްއެވެ.

އުމުރުން އެންމެ 16 އަހަރުގައި ދީމާ އޮލިމްޕިކްސް ކޮލިފިކޭޝަން ޔަގީންކުރީ ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދިޔަ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ.

އެ މުބާރާތުގެ ފައިނަލުގައި ދީމާ ވަނީ ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ 4-1 ސެޓުން ބަލިކޮށްފައެވެ. އެއީ ދިވެހި އެތުލީޓަކު އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެ ޝަރަފާއެކު ދީމާ މި ފަހަރު އޮލިމްޕިކްސްއަށް ދާނީ ރާއްޖޭގެ ތާރީހުގައި އޮލިމްޕިކްސްއަށް ދާ އެންމެ ބޮޑު ކޮންޓިޖެންޓުގައެވެ.

ރާއްޖެ އިން މިފަހަރު ހަތަރު ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ ޓީޓީއާއި އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަނާއި ސްވިމިން އިވެންޓެވެ.

ޖެމެއިކާގައި ތަމްރީނު ފުރިހަމަ ކުރަމުން އަންނަ އިބާދުﷲ އަށް އޮލިމްޕިކްސް އިން ފުރުސަތު ދީފައިވަނީ ޓައިމް ޓްރައިލްސްއަށް ބަލައިގެންނެވެ. އިބާދުﷲ މި އަހަރުގެ އިވެންޓްތަކަށް އެނބުރި އައިސްފައިވަނީ އަނިޔާގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. މިދިޔަ އަހަރު އޮތް އޭޝިއަން ގޭމްސްއާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައިވެސް އިބާދުﷲ ފެނިގެން ގޮސްފައެއް ނުވެއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. ނަމަވެސް އަނިޔާ އިން ރަނގަޅުވެ، އިބާދުﷲ އަންނަނީ އަނެއްކާވެސް ތަފާތު ދައްކަމުންނެވެ.

އޮލިމްޕިކްސްގައި މި ފަހަރު ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާއެވެ. ސްވިމިން އިން އޮލިމްޕިކްސް އަށް ދާ އެތުލީޓުންނަކީ މުހައްމަދު އާން ހުސައިން އަދި އައިޝަތު އުލްޔާ ޝާއިގެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވީ، ކުރިއަށް އޮތް އޮލިމްޕިކްސްއަކީ ރާއްޖެ ފަހުރުވެރިވާންޖެހޭ ސަބަބުތައް ގިނަ މުބާރާތެއް ކަމަށެވެ. އެގޮތުން ވަކިވަކި އެތުލީޓުންގެ ހާއްސަ ކައްތައްތައް ފާހަގަކުރެއްވިއެވެ.

"ބެޑްމިންޓަންގައި ބައިވެރިވާ ނަބާހާއަކީ ދެވަނަ ފަހަރަށް ޓްރައި ޕާޓޭ އިންވިޓޭޝަންގެ ފުރުސަތުގައި ރާއްޖެ ތަމުސީލުކުރާ ފުރަތަމަ އެތުލީޓް. އަދި އެތުލެޓިކްސް އިން ބައިވެރިވާ އިބާދުﷲ އަކީ އަނިޔާގެ ސަބަބުން، ފާއިތުވެދިޔަ 2023 ވަނަ އަހަރުގެ އައިއޯއައިޖީގައި ބައިވެރި ނުވެވުނު ނަމަވެސް، ރިހެބްލިޓޭޝަން ޕްރޮގްރާމްގެ ސަބަބުން ރިކަވާވެ، އިތުރު ހިތްވަރާއެކު މަސައްކަތް ކުރުމުގެ ސަބަބުން، އެ ހިތްވަރުގެ ނަތީޖާ އިން އޮލިމްޕިކްސްއަށް ދާ އެތުލީޓެއް. ސްވިމިން އިން ބައިވެރިވާ އާންއަކީ ދެ ކޮނޑުގެ އޮޕަރޭޝަނަކަށްފަހު ރިހިބްލިޓޭޝަން ފުރިހަމަކޮށްފައިވާ އެތުލީޓެއް. އެ އުނދަގޫތަކާއެކުވެސް އޮލިމްޕިކްސްގައި ރާއްޖެ ތަމުސީލުކުރާ މިންވަރަށް އާން ކުރިއެރުން ހޯދި. އަދި އަންހެން އެތުލީޓް، އުލްޔާއަކީ ފާއިތުވި އެއް މަސް ތެރޭގައި 50 މީޓަރު ފްރީސްޓައިލްގެ ރެކޯޑު އާކޮށްފައިވާ އެތުލީޓެއް. ދެން އަނެއް އެތުލީޓަކީ މުޅި ރާއްޖެ ފަހުރުވެރިވާ ޓޭބަލް ޓެނިހުގެ ތަރި ދީމާ. ދީމާ އިތުރަށް ކިޔާ ދޭކަށް ނުވެސް ޖެހޭނެ،" ރާފިއު ވިދާޅުވިއެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ އޮލިމްޕިކްސްއަށް ދާ އެތުލީޓުންގެ ފަރާތުން ފެނިގެންދަނީ މުޅި ގައުމަށް ރަނގަޅު މިސާލެއް ކަމަށާއި އެ އެތުލީޓުންނަށް ޗެލެންޖުތަކާ ކުރިމަތިވުމުން، އެނބުރި އަންނަން ކުރި މަސައްކަތާއި ހިތްވަރުން މިސާލު ނަގަންޖެހޭ ކަމަށެވެ. އަދި ދިވެހި ދިދަ ޖާޒީގައި އިނުމުން، ގައުމު ތަމުސީލުކުރަން ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށާއި އެގޮތުން ގައުމަށްޓަކައި ދެއްކެން އޮތް އެންމެ ބޮޑު ހިތްވަރެއް ދައްކައި ރާއްޖޭގެ ދިދައަށް ކުރެވެން މަސައްކަތެއް ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.