އަނިޔާވެރި އިޒްރޭލް ފުޓުބޯޅައިން ސަސްޕެންޑް ކުރަން ފަލަސްތީނުން ހުށަހަޅާފައިވާ ހުށަހެޅުމަށް ގޮތެއް ނިންމަން ފީފާއިން ފަސްކުރަނީ އޮލިމްޕިކްސްގައި އިޒްރޭލަށް ވާދަކުރަން ފުރުސަތު ދޭން ކަމަށް މީޑިއާތައް ބުނެފިއެވެ.

އިޒްރޭލުން ހުއްޓުމެއް ނެތި ފަލަސްތީނުގެ ގާޒާއަށް ހަމަލާދީ، އެތައް މުސްލިމުންނެއް ޝަހީދު ކުރަމުންދާ އިރު، ދުނިޔޭގެ އެކިއެކި ސަރަހައްދުތަކުގައި ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. މީގެ ކުރިން ފީފާއިން ރަޝިއާ ފުޓުބޯޅައިން ބޭރުކޮށްފައިވާ އިރު، އިޒްރޭލްގެ ލާއިންސާނީ އަނިޔާތަކާ އެކު އެ ގައުމުވެސް ފުޓުބޯޅައިން ބޭރުކުރަން ގިނަ ބަޔަކު ވަނީ މީގެ ކުރިންވެސް ހިޔާލު ފާޅުކޮށްފައެވެ. އެހެންނަމަވެސް ފީފާއިން އެކަމަށް މީގެ ކުރިން ޖަވާބު ދީފައެއް ނުވެއެވެ.

އިޒްރޭލަށް އަދަބު ދޭން ފަލަސްތީނުގެ އެފްއޭއިން ފީފާއަށް ހުށަހެޅީ މިދިޔަ މެއި މަހު ތައިލެންޑްގެ ބެންކޮކްގައި ބޭއްވި ކޮންގްރެސްގައެވެ. ފަލަސްތީނުގެ ފުޓުބޯޅަ އިދާރާއިން ހުށަހެޅީ އިޒްރޭލް ފުޓުބޯޅައިން ސަސްޕެންޑް ކުރުމަށެވެ. އެ ހުށަހެޅުމަށް ކޮންގްރެސްގައި ޖޯޑަންގެ އެފްއޭއިން ވަނީ ތާއީދުވެސް ކޮށްފައެވެ.

ފަލަސްތީނު އެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް މައްސަލަ ހުށަހަޅުއްވަމުން ފީފާގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފައްދަވާފައިވެއެވެ.

"ފަލަސްތީނުގެ ފުޓުބޯޅަ އާއިލާ ކިހާ ހާލަތެއްގައި ޖެހުނީމާތޯ ފީފާއަށް އެކަން އެނގޭނީ. ފީފާއަށް އިޒްރޭލަށް ފިޔަވަޅު އަޅަން ކެރޭނީ ކިހާވަރެއްވީމަތޯ؟ މީގެ ކުރިން އެހެން މައްސަލަތަކުގައި އެޅި އަވަސް ފިޔަވަޅުތައް މި މައްސަލައިގައި ނާޅަނީ ކީއްވެތޯ؟ ފީފާއަށް ބައެއް ހަނގުރާމަތައް، ބައެއް އިންސާނުންގެ ކަރާމާތް ހާއްސަވަނީތޯ؟،" ޖިބްރީލް ރަޖޫބް ވިދާޅުވިއެވެ.

އެ ހުށަހެޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އެ މައްސަލައިގައި ގޮތެއް ނިންމާނީ ފީފާ ކައުންސިލުން ކަމަށާއި އެކަމަށް ގާނޫނީ ލަފާ ހޯއްދަވާނެ ކަމަށެވެ.

މީޑިއާތައް ބުނެފައި ވަނީ ފަލަސްތީނުގެ ހުށަހެޅުމަށް ފީފާއިން ވާހަކަ ދައްކަންވެސް ނިންމާފައި ވަނީ ޕެރިސް އޮލިމްޕިކްސްއަށް ފަހުގައި ކަމަށެވެ. ޕެރިސް އޮލިމްޕިކްސް އޮންނާނީ ޖުލައި 26 އިން 11 އޮގަސްޓަށެވެ.

ފީފާއިން މިހާރު ބުނެފައި ވަނީ އެ މައްސަލައިގެ ގާނޫނީ ނިންމުން، ފީފާ ކައުންސިލާ ހިއްސާކުރަން ނިންމާފައި ވަނީ އޮގަސްޓް 31 ވަނަ ދުވަހު ކަމަށެވެ. ފީފާއިން ބުނީ ދެ ފަރާތުން ވެސް ހުށަހަޅަން ހުރި ކަންކަމަށް ފުރުސަތު ދޭން ވެގެން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މައްސަލައިގައި ވަގުތު ބޭނުންވާ ކަމަށެވެ. އެއީ ނިންމުން ރަނގަޅަށް ނިންމަން ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ.

އިޒްރޭލުން އޮލިމްޕިކްސް 2024 ގެ ފުޓުބޯޅަ އިވެންޓްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާނެއެވެ. އެ ޓީމު ހިމެނެނީ މާލީ، ޕެރަގުއާއީ އަދި ޖަޕާނާ އެއް ގްރޫޕެއްގައެވެ.

އިޒްރޭލުން އޮލިމްޕިކްސްއަށް ތައްޔާރުވާން މަސައްކަތް ކުރަމުންދާ އިރު، ނޭޝަންސް ލީގުގައި ބެލްޖިއަމާ ދެކޮޅަށް އިޒްރޭލުން ކުޅެން އޮތް މެޗު، ސަޕޯޓަރުން ނުވައްދާ ހަންގޭރީގެ ޑެބްރެސެންގައި ކުޅެން މިހާރު ވަނީ ނިންމައިފައެވެ. އެއީ ބެލްޖިއަމްގައި އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތީ، ސަލާމަތަށް ނުރައްކާވާނެ ކަމަށް ބުނެއެވެ.