މާލެ ސިޓީ ކައުންސިލާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ތިން ރަށެއްގެ ކައުންސިލްތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަނުގައި މާލޭގެ ތިން ގޮނޑި އާއި ކުޅުދުއްފުށި ސިޓީގެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހެނދުނު އަށަކުން ހަވީރު ހަތަރަކަށް އޮތް އިންތިހާބުގައި ވަނީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާ އާއި ކުޅުފުއްފުށި ސިޓީ އުތުރު ދާއިރާ އާއި ރަސްމާދޫ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށާއި ބިލެތްދޫ ކައުންސިލްގެ ރައީސް ކަމަށް މީހަކު އިންތިހާބު ކުރަން ބޯޓު ނަގައިފައެވެ.

މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކާއި ކުޅުދުއްފުށި ސިޓީގެ ގޮނޑިއަށް ވާދަކުރީ އެމްޑީޕީ އާއި ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

  • ފާތިމަތު ޝައުފާ ސަލީމް - ހެންވޭރު ހުޅަނގު
  • ފާތިމަތު އިޝާން އަލީ - މައްޗަންގޮޅި މެދު
  • އަލީ އައިމަން - ހުޅުމާލެ
  • އިބްރާހިމް އަހްމަދު - ކުޅުދުއްފުށި އުތުރު

މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑި ހުސްވީ، އެ ގޮނޑިތައް ތަމްސީލްކުރެއްވި މެންބަރުން މަޖިލިސް މެންބަރުކަމަށް ވަޑައިގަތުމުންނެވެ. އެގޮތުން، ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރަކަށް ހުންނެވި، އަހްމަދު އައިފާން އަކީ މިހާރު އެ ދާއިރާގެ މެންބަރެވެ. އަދި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ކަން ކުރެއްވި އަހްމަދު ޒަމީރަކީ މިހާރު އެ ދާއިރާގެ މަޖިލީސް މެންބަރެވެ. ހުޅުމާލެ ދާއިރާގެ ކައުންސިލަރަށް ހުންނެވީ އިބްރާހިމް ޝުޖާއު ވެސް ވަނީ ބާރަށު ދާއިރާގެ މެންބަރު ކަމަށް ވަޑައިގެންފައެވެ.

މީގެ އިތުރުން ޅ. އަތޮޅު ކައުންސިލްގެ ރައީސަކަށް ހުންނެވި، ޔާސީން އަބްދުﷲ ނައިފަރު ދާއިރާގެ މެންބަރު ކަމަށް ވަޑައިގަތުމުން އެ ކައުންސިލްގެ ރައީސެއް އިންތިހާބުކުރުމަށްވެސް ބައި އިލެކްޝަނަށް ހުޅުވާލިއެވެ. ނަމަވެސް، މުއްދަތު ހަމަވި އިރު ކުރިމަތިލީ ޕީއެންސީގެ ކެންޑިޑޭޓް ޅ. ނައިފަރު މުނިމާގެ މުހައްމަދު ސަނީ އެކަންޏެވެ. އެހެންވެ، އިންތިހާބަކާ ނުލައި އޭނާއަށް ވަނީ އެ ގޮނޑި ލިބިފައެވެ.