ރާއްޖޭގައި ބާއްވާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ކިރިގިސްތާނުން ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށްފިއެވެ.
ކާވާ 20 އަހަރުން ދަށުގެ ބައިނަލްއަގުވާމީ ވޮލީ މުބާރާތަކީ ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނާއި ކާވާ ގުޅިގެން ބާއްވާ މުބާރާތެކެވެ. ކާވާއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ 14 ގައުމެއް ހިމެނޭ ޖަމިއްޔާއެކެވެ. މިފަހަރުގެ މުބާރާތުގައި ހަތަރު ގައުމަކުން ވާދަކުރަމުންދާއިރު، ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ކިރިގިސްތާނުން ސެޓުތައް ގެންދިޔައީ 25-11, 25-11 އަދި 25-17 އިންނެވެ.
މިއަދުގެ މެޗު ފެށިގެން ފުރަތަމަ ކޮޅުގައި ރާއްޖެ އިން ވާދަވެރިކޮށް ކުޅުނު ނަމަވެސް ކިރިގިސްތާނުން ވަނީ މަޑުމަޑުން ލީޑު ފުޅާކޮށްފައެވެ. ސެޓުގެ މެދުތެރެއިން ރާއްޖެއަށް ރިސީވް ދޭން އުނދަގޫތަކާ ދިމާވި އިރު، ކިރިގިސްތާނުން ސާވިސް އިން ގިނަ ޕޮއިންޓްތަކެއް ނަގައި، ފުރަތަމަ ސެޓު ކިރިގިސްތާނުން ގެންދިޔައީ 11-25ގެ ނަތީޖާ އަކުންނެވެ.
ދެވަނަ ސެޓުގައި ރާއްޖެއަށް މާބޮޑަށް ވާދަވެސް ކޮށްލެވޭ ގޮތެއް ނުވިއެވެ. ސެޓުގެ މެދުތެރެއިން ރަނގަޅު ހަމަލާތަކެއް ކޮންމެވެސް ހިސާބަކުން ފެނުނު ނަމަވެސް އެ ސެޓުވެސް ކިރިގިސްތާނުން ވަނީ 11-25 އިން ގެންގޮސްފައެވެ.
ތިންވަނަ ސެޓަށް ރާއްޖެއިން ކުޅުން ރަނގަޅުކުރިއެވެ. ސީނިއާ ސްކޮޑުގައިވެސް ހިމެނޭ މާޔާ ހުސެއިންގެ ތަފާތު ރާއްޖެ ޓީމުން ފެނިގެންދިޔަ އިރު، ތިންވަނަ ސެޓުގައި ރާއްޖެ އިން ކޮންމެވެސް ވަރަކަށް ވާދަކޮށް، ފުރަތަމަ ކޮޅުގައި ގާތްގާތުގައި ޕޮއިންޓް ހޯދިއެވެ. ނަމަވެސް މެޗުގެ ފަހުކޮޅަށް ގޮސް ކިރިގިސްތާނުން ކުޅުން ރަނގަޅުކޮށް، ސެޓު ގެންދިޔައީ 17-25 އިންނެވެ.
މި ބާރާތުގައި ދެން ވާދަކުރަނީ ނޭޕާލް އަދި ސްރީ ލަންކާއެވެ. ޖުމުލަ ހަތަރު ޓީމަކުން ވާދަކުރާ މުބާރާތުގައި ލީގު ބުރެއް ކުޅެ، ސެމީ ފައިނަލް ދެ މެޗު ރޭންކިންއަށް ބަލައިގެން ކުޅެން ހަމަޖެހިފައިވާއިރު، ފައިނަލް އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތާއި ނޭޕާލް އަދި ސްރީ ލަންކާ ވާދަކުރާ މެޗު މިރޭ އޮންނާނެއެވެ. ދެން ރާއްޖެ އިން ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މާދަމާ ހަވީރެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް