އާޖެންޓީނާ އިން ކޮޕާ އެމެރިކާ 2024 ކާމިޔާބުކޮށް، އުފާފާޅުކުރުމުގެ ތެރެއިން ކިޔާފައިވާ ލަވައަކީ "ފްރާންސްގެ ރައްޔިތުންނަށް ދީފައިވާ ހަމަލާއެއް" ގޮތުގައި ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ހޫގޯ ލޮރިސް ސިފަކޮށްފިއެވެ.
އާޖެންޓީނާ އިން ކޮޕާ އެމެރިކާ ކާމިޔާބުކޮށް ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ފްރާންސްގެ ކުޅުންތެރިންގެ ނަސްލަށް ފުރައްސާކޮށް ކިޔާފައިވާ ލަވަ ލީކުވެފައިވަނީ ޗެލްސީގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒްގެ އިންސްޓާގްރާމް ލައިވްއަކުންނެވެ. އެންޒޯ ކޮށްފައިވާ އިންސްޓާ ލައިވްއެއްގައި ފްރާންސް ކުޅުންތެރިންގެ ނަސްލަށް ޖޯކު ޖަހާފައިވެއެވެ. އެގޮތުން އެހެން ގައުމުތަކަށް އުފަން ކުޅުންތެރިންގެ ނަސްލަށް ޖޯކު ޖަހައި، އެ ހުރިހާ ކުޅުންތެރިން އަތުގައި ފްރާންސްގެ ޕާސްޕޯޓް އޮންނާތީ އެކަމަށްވެސް ޖޯކު ޖަހާފައިވެއެވެ.
ފްރާންސްގެ ކަޅު ނަސްލުގެ ކުޅުންތެރިންގެ ތެރެއިން އެންޒޯ އާއެކު ޗެލްސީއަށް ކުޅޭ ވެސްލޭ ފޯފާނާއާއި އެކްސެން ޑިސާސީ، ބެނޮއިޓް ބަޑިއަޝީލޭގެ އިތުރުން ކްރިސްޓޮފާ އެންކުންކޫ ފަދަ ކުޅުންތެރިން ވަނީ އެންޒޯ ކުރި ކަންތަކަށް ނުރުހުން ފާޅުކޮށްފައެވެ. ފީފާއިންވެސް މައްސަލަ ތަހުގީގުކުރަމުންދާ އިރު، އެ ލަވައަކީ ފްރާންސްގެ ސަޕޯޓަރުންގެ ފަރާތުން ފުރަތަމަ ފެނިގެން ދިޔަ ލަވައެއް ކަމަށް ނޫސްތައް ބުނެއެވެ.
ފްރާންސަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ އަދި އެ ގައުމާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ތަށި އުފުލާލި ކެޕްޓަން ލޮރިސް ބުނީ އުފާފާޅުކުރުމުގެ ތެރެއިންވެސް ބޭނުންވާ އެއްޗެއް ނުކިޔޭނެ ކަމަށާއި ޖަޒުބާތުގައި ޖެހި އެފަދަ ކަންކަން ކުރުންވެސް ބަލައި ނުގަންނާނެ ކަމަށެވެ.
"ގަބޫލުކުރަން އާޖެންޓީނާއަށް ލިބުނީ މުހިންމު ތައްޓެއް ކަމަށް. އެހެންވިޔަސް އެކަމުގެ އުފާފާޅުކުރުމުގައި ޖަޒުބާތުގައި ޖެހިގެން ބޭނުންހާ އެއްޗެއް ނުކިޔޭނެ. ތަށި ހޯދައި، ޗެމްޕިއަނަކަށްވުމަކީ އަދި އިތުރު ޒިންމާއެއް ނަގަންޖެހޭ ކަމެއް. ފުޓްބޯޅައިގައި އެފަދަ އެއްވެސް އެއްޗެއް އަޑު އިވިގެން ނުވާނެ. ނަސްލީ ތަފާތުކުރުމާއި ފުރައްސާރަ ހުއްޓާލަންޖެހޭ،" ލޮރިސް ބުންޏެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާއާއި ފްރާންސް ވާދަކޮށް، އާޖެންޓީނާ އިން ޕެނަލްޓީގައި އެ މެޗު ކާމިޔާބު ކޮށްފައިވާ އިރު، އޭރުވެސް ގޯލު ބެލެހެއްޓީ ލޮރިސްއެވެ.
ލޮރިސް އިތުރަށް ބުނީ އާޖެންޓީނާ ކުޅުންތެރިންނަށް ހެދުނު ގޯސް ގަބޫލުކުރާނެ ކަމަށް އުންމީދުކުރާ ކަމަށާއި ގޯހެއް ހެދުމުން އެ ގޯސް ގޯހެއްގެ ގޮތުގައި ގަބޫލުކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި އާޖެންޓީނާއަކީ މި ވަގުތު ދުނިޔޭ ފުޓުބޯޅައިގެ މޫނުމައްޗަށްވާއިރު، ދެކުނު އެމެރިކާގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގައި އެ ގައުމުން ހޯދާފައިވާ ކާމިޔާބީތަކަށް އިހުތިރާމު ހައްގު ކަމަށެވެ.
ނަމަވެސް މޮޅުވުމުން އެތައް ބަޔަކަށް މިސާލު ދައްކަންޖެހޭ ކަމަށާއި އާޖެންޓީނާގެ ފަރާތުން ފެނުނީ މޮޅަކާއެކު "ފްރާންސް ރައްޔިތުންނަށް ދިން ހަމަލާއެއް" ކަމަށް ލޮރިސް ބުންޏެވެ.
ފްރާންސްގެ ކުރީގެ ކެޕްޓަން ލޮރިސް ގައުމީ ޓީމުން ރިޓަޔާކޮށް، މިހާރު ކްލަބު ފުޓުބޯޅަ ކުޅެމުންދަނީ އެމެރިކާ ލީގުގެ ލޮސް އެންޖެލެސް އެފްސީއަށެވެ.
ފްރާންސް
ފްރާންސް
ފްރާންސް
ފްރާންސް