ރާއްޖޭގައި ބާއްވާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ ކާވާ 20 އަހަރުން ދަށުގެ ބައިނަލްއަގުވާމީ ވޮލީ މުބާރާތަކީ އެ އެސޯސިއޭޝަނާއި ކާވާ ގުޅިގެން ބާއްވާ މުބާރާތެކެވެ. ކާވާއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ 14 ގައުމެއް ހިމެނޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ރައީސްކަން، ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަންގެވެސް ރައީސް މުހައްމަދު ލަތީފު ކުރައްވަމުން ގެންދަވާ އިރު، އެ ޖަމިއްޔާއަކީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ވޮލީބޯލް (އެފްއައިވީބީ) ގެ އެފިލިއޭޓެޑް ޖަމިއްޔާއެކެވެ.
ދިރާގާއެކު މިއަދު ވެވުނު އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު، ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފެވެ. ކާވާގެ ފަރާތުން ސޮއިކުރެއްވީ ރައީސް، ލަތީފެވެ. މިއަދު ސޮއިކުރުމަށް ވަނީ ދިރާގުގައި ހާއްސަ އިވެންޓެއް ބާއްވާފައެވެ.
"ކަވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަށްވެ ޑިޖިޓަލް ގޮތުން މި މުބާރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ދިވެހި އެތުލީޓުންގެ ކުރިއެރުމަށް އެއްބާރުލުންދީ، އެކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް. އެގޮތުން އަޅުގަނޑުމެންގެ އުންމީދަކީ މިމުބާރާތް މެދުވެރިކޮށް އެކަންކަން ހާސިލުކުރުން،" ނާޔާ ވިދާޅުވިއެވެ.
ކާވާ މުބާރާތް މާލޭގެ ސޯޝަލްސެންޓަރުގަ މިއަދު ފަށާނެއެވެ. މުބާރާތުގައި ސްރީލަންކާ، ނޭޕާލް، ކިރްގިސްތާން އަދި ރާއްޖޭގެ 20 އަހަރުން ދަށުގެ އަންހެންޓީމުތައް ބައިވެރިވާނެއެވެ. މުބާރާތް ވެގެންދާނީ ރާއްޖޭގެ ޒުވާން ޓީމަށް އަމިއްލަ ފަސްގަނޑުގައި ރަނގަޅު ތަޖުރިބާއެއް ކުރަން ލިބޭ ފުރުސަތަކަށެވެ.
ދިރާގަކީ ޒުވާނުން ބާރުވެރިކޮށް، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު