އެމްޑަބްލިޔުއެސްސީގެ ނަރުދަމާ ނިޒާމުގެ ޕަންޕު ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވުމަށް "އޮޑާ ކޮންޓްރޯލް ސިސްޓަމް" އެއް ބަހައްޓައި ބޭނުންކުރަން ފަށައިފިއެވެ.
ފުރަތަމަ އޮޑާ ކޮންޓްރޯލް ސިސްޓަމް ބަހައްޓައި ބޭނުންކުރަން ފަށާފައިވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓާ ސަރަހައްދުގައި ހުންނަ 4 ނަންބަރު ޕަންޕު ސްޓޭޝަންގައެވެ.
މިއަދު އެމްޑަބްލިޔުއެސްސީގެ މާފަންނު ޕަންޕު ސްޓޭޝަން ހުޅުވައިދެއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވީ އެ ކުންފުނީގެ ނަރުދަމާ ނިޒާމުގެ ޕަންޕު ސްޓޭޝަންތައް ގާއިމުކޮށްފައިވާ ސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން އާންމު ރައްޔިތުންނަށް އުނދަގޫވުން ނިމުމަކަށް ގެނައުމަށް އަމާޒުކޮށް އެ ސަރަހައްދުތަކުން ވަސްދުވުން ހުއްޓުވުމުވަށް ޒަމާނީ ވަސީލަތްތައް ގާއިމްކޮށް ބޭނުންކުރަން ފަށައިފައިވާ ކަމަށެވެ.
ވައި ސާފުކުރާ އެ ނިޒާމުގެ ސަބަބުން ޕަންޕު ސްޓޭޝަނުން ޖައްވު ތެރެއަށްދާ ވައިގައި ހުންނަ ނޭދެވޭ ވަހުގެ މިންވަރު 99 ޕަސެންޓަށް ދަށް ކުރެވޭނެ ކަމަށް ބެލެވޭ ކަމުގައި އެމްޑަބްލިޔުއެސީން ބުންޏެވެ.
އެ ވަސީލަތްތައް ދެން ގާއިމުކުރަން ނިންމާފައިވަނީ މާލޭގެ ޕަންޕު ސްޓޭޝަން 2 ގައެވެ. އެއަށްފަހު މާލޭގައި ގާއިމުކުރެވިފައިވާ 9 ޕަންޕު ސްޓޭޝަންގައި އެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އެއް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖައްސައިފައެވެ.
އޭގެ އިތުރުންވެސް ޖާގަ ލިބޭ ތަންތަނުގައ،ި އެ ވަސީލަތްތަކަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ސޯލާ ޕެނަލް ހަރުކޮށް ޕަންޕު ސްޓޭޝަން ތަކަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ވަސީލަތްތައް ބޭނުންކުރާ ތަންތަނަށް ބަދަލު ކުރެވޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.
"މި ޒަމާނީ އާ ނިޒާމަކީ ޕަންޕު ސްޓޭޝަންތައް ހުންނަ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެ ސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން ތަހައްމަލު ކުރާ އުނދަގޫތަކަށް ދާއިމީ ހައްލެއް ފޯރުކޮށްދިނުމަށް ކުންފުނިން އެކި ކަހަލަ ދިރާސާ ކުރުމަށްފަހު ބެހެއްޓިގެން ދިޔަ އާ ނިޒާމެއް" މަތީން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު