މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރި މޭސަން ގްރީންވުޑް، އެ ކްލަބު ދޫކޮށް ފްރާންސް ލީގުގެ މާސޭއަށް ބަދަލުވެއްޖެއެވެ.
ގްރީންވުޑް ގެންދަން މާސޭއިން އެއްބަސްވެފައި ވަނީ ގާތްގަނޑަކަށް 25.2 މިލިއަން ޕައުންޑްގެ އަގެއް ދައްކާފައެވެ. އެއީ ޓްރާންސްފާ ފީގެ އިތުރުން ބޯނަސް ފައިސާއާވެސް އެކުގައެވެ. ގްރީންވުޑާއެކު މާސޭއިން އެއްބަސްވެފައި ވަނީ 2029 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެ އެއްބަސްވުމެކެވެ. މާސޭއާއި ޔުނައިޓެޑުން އެއްބަސްވި އެއްބަސްވުމުގައި، މާސޭއިން ގްރީންވުޑް ވިއްކާލާނަމަ، ޔުނައިޓެޑަށް އޭގެން ބޯނަސްއެއް ދޭން ޖެހޭނެ ގޮތަށް ހިމަނާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.
އުމުރުން 22 އަހަރުގެ ގްރީންވުޑް، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މޮޑެލް، ހެރިއެޓް ރޮބްސަންއަށް އަނިޔާކުރި ކަމަށް ބުނެ، ހެރިއެޓްގެ އިންސްޓާގްރާމް ސްޓޯރީއަށް ވަނީ ވީޑިއޯތަކުގެ އިތުރުން ފޮޓޯ އަދި އޯޑިއޯ ރެކޯޑިންތަކެއްވެސް ޕޯސްޓުކޮށްފައެވެ.
އެ މައްސަލައިގައި 2022 ވަނަ އަހަރު ފެބްރުއަރީ މަސްތެރޭގައި ގްރީންވުޑް ހައްޔަރު ކުރިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ކަފާލާތުގެ ދަށުން ގްރީންވުޑް ދޫކޮށްލި ނަމަވެސް، ޔުނައިޓެޑުން ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ. ގްރީންވުޑްގެ މައްޗަށް ފުރަތަމަ ދެ ދައުވާއެއް އުފުލި ނަމަވެސް، 2023 ފެބްރުއަރީ މަހު އެ ދެ ދައުވާވެސް ވަނީ ބާތިލުކޮށްފައެވެ.
ގްރީންވުޑްގެ ގެވެށި އަނިޔާގެ މައްސަލަ ކުރިން ފެންމަތިވެފައި އޮތުމުން މާސޭއިން އޭނަ ގެންދާތީ އެ ސިޓީގެ މޭޔަރުގެ ފާޑުކިޔުންވެސް އަމާޒުވެފައިވެއެވެ. އެހެން ނަމަވެސް އެ ފާޑު ކިޔުމަށް ނުބަލައި، މާސޭއާ އަލަށް ހަވާލުވި ކޯޗު، ރޮބާޓޯ ޑި ޒާބީ ވަނީ ގްރީންވުޑްގެ ސޮއި ހޯދަން ނިންމާފައެވެ.
ގްރީންވުޑް، މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައި ވަނީ ގެޓާފޭއަށެވެ. އެ ޓީމަށް އޭނާގެ ފޯމުވެސް ރަނގަޅެވެ. ކުޅުނު 36 މެޗުން 10 ގޯލު އޭނާ ޖަހާފައިވެއެވެ.
ގްރީންވުޑް އަނބުރާ ޔުނައިޓެޑްގެ ސްކޮޑަށް ކުޅުވަން އެ ޓީމުން ތައްޔާރުވި ނަމަވެސް، އޭގެފަހުން ނިންމީ ރަނގަޅު ގޮތެއް ހޯދައި، ޓްރާންސްފާއެއް ފުރިހަމަ ކުރުމަށެވެ. ގްރީންވުޑް ޓްރާންސްފާއަކަށް ނިންމާފައި ވަނީ ޔުނައިޓެޑްގެ ޓްރެއިނިން ސެންޓަރަށް ގޮސް، ކްލަބުގެ ބޯޑު މެމްބަރުންގެ އިތުރުން ސްޕޯޓިން ޑިރެކްޓަރު ޑޭން އެޝްވޯތާއި ޓެކްނިކަލް ޑިރެކްޓަރު ޖޭސަން ވިލޮކްސްވެސް ބައްދަލުކުރުމަށްފަހުއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް