ސެޕްޓެމްބަރު 28، 2022 ވަނަ ދުވަހުގެ ރޭ ވިލިމާލެ އިން ފުރި ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަންގެ މަރުގެ މައްސަލައިގައި ގދ. ތިނަދޫ/ މަނާރު، މުހަައްމަދު ނިޒާމުގެ މައްޗަށްކުރާ ދައުވާތަކުގައި ލިޓަން މަރާލީ ފައިސާގެ ބޭނުމުގައި މޫދަށް ވައްޓާލައިގެން ކަމަށް ދައުލަތުން ތުހުމަތުކޮށްފިއެވެ.

ލިޓަންގެ މަރުގެ މައްސަލައިގައި ނިޒާމުގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ވަނީ އުފުލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގަސްތުގައި މީހަކު މެރުމުގެ އިތުރުން ވައްކަމާއި މަސްތުވާތަކެތީގެ މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާއެވެ. މިއީ ހަށިގަނޑު ނުފެންނަނީސް އެ މީހާ މަރާލި ކަމަށް ބުނެ ރާއްޖޭގައި މަރުގެ ދައުވާއެއް ކުރާ ފުރަތަމަ ފަހަރެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ލިޓަން ބޯޓުގައި ހުއްޓާ މަރާލީ، ކ. ގަލުފަޅު ކިޔާ ސަރަހައްދުން އޭނާ ކޮށްޕައި މޫދަށް ވައްޓާލައިގެން ކަމަށެވެ. އެއީ ފައިސާގެ ބޭނުމުގައި ނިޒާމް ކުރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު އެ ބޯޓުގައި ހުރި ލިޓަންގެ 51،000 ރުފިޔާ ނިޒާމު ވަގަށް ނެގި ކަމަށާއި އޭނާގެ މައްޗަށް ވައްކަމުގެ ދައުވާ ކުރަނީ އެ މައްސަލައިގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި ނިޒާމުގެ މައްޗަށް ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ދައުވާ ކުރަނީ އޭނާ ދިރިއުޅު ކޮޓަރިން މަސްތުވާތަކެތި ފެނުމުން ކަމަށްވެސް ވަކީލާ ވިދާޅުވިއެވެ.

ނަމަވެސް މިއަދުގެ އަޑުއެހުމުގައި ނިޒާމު ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ.

ލިޓަންއާއި ނިޒާމު އެ މީހުން ދަތުރުކުރި ތެޔޮ ބޯޓާއެކު ގެއްލިފައިވަނިކޮށް، ޖެނުއަރީ 01، 2023 ގައި އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފަ އެވެ. ނަމަވެސް ބޯޓުގައި ލިޓަން އަދި ނިޒާމުވެސް ނެތެވެ.

އެ ދެ މީހުން ހޯދުމަށް ފުލުހުން މާލެތެރެ ބަލަމުން ދަނިކޮށް ނިޒާމު ފެނުނީ ޖެނުއަރީ ތިން ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގައި ހުރި ގެސްޓްހައުސްއަކުންނެވެ. ލިޓަން އަދިވެސް ފެނިފައިނުވާ އިރު، މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ވަނީ ވ. ވެމްޕަރު ފަޅުން ފެނިފައެވެ.