ކޮރަޕްޝަންގެ ގޮތުގައާއި އެކި ގޮތްގޮތުން ދައުލަތަށް ގެއްލިފައިވާ ފައިސާގެ ތެރެއިން 1.5 ބިލިއަން ރުފިޔާ ހޯދަން ދައުލަތުގެ އެކި އިދާރާތަކަށް 2009 ވަނަ އަވަރުން ފެށިގެން މިހާތަނަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް މިއަދު ވިދާޅުވީ، އޭސީސީން މައްސަލަ ބެލުމަށްފަހު، ދައުލަތަށް ލިބެންޖެހޭ ފައިސާއެއްވާނަމަ އެ ފައިސާ ހޯދުމަަށް ކަމާބެހޭ އިދާރާތަކަށް އެންގި ނަމަވެސް ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ މަަސައްކަތްތައް ނުކުރާނަމަ އެ ފައިސާ ދައުލަތަށް ފެންނާނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އެގޮތުން ދައުލަތަށް ގެއްލިފައިވާ 1.5 ބިލިއަން ރުފިޔާގެ ތެރެއިން ހޯދުނީ އެންމެ 100 މިލިއަނެއްހާ ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްސަލާމް ވިދާޅުވީ، ކަންކަން އިސްލާހު ކުރުމަށާއި ފައިސާ ހޯދަށް އޭސީސީން އަންގާ އިދާރާތަކުން ކަންކުރާ ގޮތް މޮނިޓާ ކުރުމަށް އެ ކޮމިޝަނުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އޭސީސީން އަންގާ ގޮތަށް ކަން ނުކުރާ އިދާރާތަކުގެ މައުލޫމާތާއި އެ އިދާރާއަށް އެންގީ ކޮންކަމެއް ކޮން ގޮތަކަށް ކުރަން ކަމާއި އެކަން އެ އިދާރާއަކުން ކުރިކަން ނުވަނަ ނޫންކަން އަދި އެކަމެއް އެ އިދާރާއަކުން ކޮށްފައި ހުރި މިންވަަރަކާއި އެކަމާބެހޭ އެންމެހާ މައުލޫމާތުތައް އާންމު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.