ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނެގި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހާއި ހަމައަށް މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން 21 މައްސަލަ ފުލުހުންނަށް ހުށަހެޅިއެވެ. މާލޭގެ މިސްކިތްތަކުން ވައްކަން ކުރުން މި ފަހަކަށް އައިސް އިތުރުވެފައިވާ އިރު، މާލޭ އީދުމިސްކިތުން މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހާއި ހަމަޔަށް ދިހަ ފަންކާ ވަގުން ގެންގޮސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ކުރީން ވަނީ ބުނެފައެވެ.
މިސްކިތްތަކުން ވައްކަން ކޮށްފައި ހުރި މައްސަލަތަކުގެ ތެރޭގައި ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު މި އަހަރުގެ މާޗް 31 ވަގަށް ނަގާފައިވުމާއި އެ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ނެގުން ހިމެނެއެވެ.
މިސްކިތްތަކުން ވައްކަން ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން މާލެ ސިޓީކައުންސިލުން ވަނީ މިދިޔަ ޖޫން 24 ގައި ގޮވާލާފައެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ސީސީޓީވީ ކެމަރާ ހަރުކޮށްފައި ހުންނައިރުވެސް މިސްކިތްތަކުން ވައްކަން ކުރާ މައްސަލަތައް މަދެއް ނޫނެވެ.
ޚަބަރު
ޚަބަރު
ޚަބަރު