ހަތްފޮޅުވަތުގައި ލިޔަނީ ހަތްފޮޅުވަތުން ލިޔެ ނިންމައިލެވޭވަރުގެ ކުރު، މުހިންމު މެސެޖުތަކެވެ. އެކަމަކު މިފަހަރު ތަފާތެވެ. ގަރުދިޔަ އާއި ބަތް ހުރިހާ ގޮތަކުންވެސް ތަފާތެވެ. ހަތް ފޮޅުވަތުން ނިންމައެއް ނުލެވޭނެ އެވެ.

މިހާރު އެންމެ "ހަރު" ވާހަކައަކީ ޚަރަދުކުޑަކުރާން، ރައްޔިތުން ގަރުދިޔައާއި ބަތް ކެއުމުގެ ވާހަކައެވެ.

އިއްޔެއާއި މިއަދު މުޅި ސޯޝަލް މީޑިއާ ފުރިފައި އޮތީ ގަރުދިޔައާއި ބަތުންނެވެ. އެންމެ ގިނަ މީހުން އިއްޔެ އާއި ރޭ ކެއީވެސް ގަރުދިޔައާއި ބަތްކަމަށް ވެދާނެ އެވެ.

ގަރުދިޔައާއި ބަތުގެ ވާހަކަދައްކާއިރު، މި ކެއުމުގެ މޮޅު ވާހަކަވެސް ދައްކާން ޖެހެއެވެ؛ މި ފަހަރު ދައްކާން މި އުޅެނީ ގަރުދިޔައިގެ ވާހަކައެވެ. އެންމެ ވޭލާ ޒަމާނުއްސުރެވެސް ދިވެހީންގެ މެދުގައި އެންމެ މަގުބޫލު އަދި އެންމެ މީރު ކެއުމަކީ ގަރުދިޔައާއި ބަތެވެ. މަހުގެ ބޮލާއި މެއާއި ބިހާއި ގޮހޮރާއި ލަގޮނޑި، އަދި ބަނޑައިދޫ ވެސް ހިމެނޭހެން ކައްކާފައި ހުންނަ ތާޒާ ގަރުދިޔަ "ބީޓް" ކުރެވޭނެ އެހެން ކެއުމެއް ނެތެވެ.

ގަރުދިޔަ ކައްކާ ގޮތާއި އެއާއި އެކު ކާ ބަތުގައި ވެސް ތަފާތު ގޮތްތައް މިހާރުގެ ދިވެހީން ގެންގުޅެއެވެ. ކުރީން އޮންނަ ގޮތަކީ މިއީއެވެ؛ މަސްވެރީން މަހުން ލަފައިގެން ގެއަށް އެ ގެންދާ މަސް ކަނޑާނީ، ބަދިގެ ފަރާތުގައި ސަތަރިގަނޑެއް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް އަޅައިގެން މަސްފިލައެއް މަތީގައެވެ. މަސްކަނޑައިން އިށީނދެ އިންނާނީ ލަކުޑީން ހަދާފައި ހުންނަ ތިރި ގޮނޑިއެއްގައެވެ. ފިރިހެނުން މަސްކަނޑަމުންދާއިރު، އަންހެންވެރީން އެ މަސް ބަދިގެއަށް ވައްދައި، ކައްކާން އުދައި، ކައްކައި ނިމުމުން ދުމަށީގައި ޖައްސައި ދިލަޖެއްސުމުގެ ބައި ކުރިޔަށް ގެންދެއެވެ. މި މަހުން ގަރުދިޔަ ކައްކާއިރު، ލަގޮނޑިއާއި ބަނޑައިދޫ، ގޮހޮރު، މޭ އަދި ބިސް، ކައްކާން ތެއްޔަށް އަޅަނީ ފަންވަތުގެ އިލޮށީން ހަދާފައި އޮންނަ އެކަމަށް ޚާއްސަ ފައްޗަކަށް އަމުނައިފައެވެ. ރަނގަޅަށް ރޯފިލުމުން އެ ފަތި ވަކީން ނަގައި ކާން އަރުވަނީ އެވެ. ބޮލާއި މަސް ހުންނާނީ ވަކީންނެވެ. ނިކަން ހޫނުކޮށް ތާޒާކޮށެވެ. ދުން އަރަމުންދާނެއެވެ. މި ގަރުދިޔަގަނޑު ކައްކާއިރު، ފެންގަނޑުތެރެޔަށް ލޮނު ފިޔަވައި އެހެން އެއްޗެއް އެޅުމެއް ނޯވެއެވެ.

މިއަދު ގަރުދިޔަ ކައްކާން ކޮލިޓީ މަހެއް ނުލިބެއެވެ. ދުވަހުން ދުވަހަށް ބާނާ ތާޒާމަހެއް ލިބޭނީ ހާހަކުން ފަހަރަކު އެވެ. އެ ނަސީބުވެސް ލިބޭނީ ރަށްފުށުގައި ދިރިއުޅޭ ނަސީބުވެރި ދިވެހީންނަށެވެ. މާލޭގައި އުޅޭ މީހުނަށް މުޅީންވެސް ލިބޭނީ ބޭނިތާ އެތައް ދުވަހެއް ވެފައި ހުންނަ އައިސްކުރިމަހެވެ.

މިއަދުގެ ދިވެހީން ގަރުދިޔަ ކައްކާގޮތަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ފެންފޮދުގެ ތެރެއަށް ހަމައެކަނި މަހާއި މަހުގެ ބާވަތްތައް އެކަނި އަޅައިގެނެއް ނުފުދެއެވެ. ހިކަނދިފަތާއި ލޮނުމެދާއި އިނގުރާއި ލެމަންގްރާހާއި ނޫޑްލްސް ސޫޕަކީވެސް މިއަދުގެ "މޮޅު" ގަރުދިޔަގަނޑު"ގެ މުހިންމު ބައިވެރީންނެވެ.

މަސް ކަނޑާ ގޮތަކީވެސް ގަރުދިޔަގަނޑުގެ ރަހައަށް ތަފާތު ގެނުވާ ކަމެއްކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. އެއް ބަޔަކަށް ކަމުދަނީ ގަނޑު އޮތްގޮތަށް ކެއްކީމައެވެ. އަނެއް ބަޔަކަށް ގަނޑު ދެބުރިއަށް ނުވަތަ ތިންބުރިއަށް ޖެހުމުން ކަމުދާއިރު، ފޮތިފޮއްޗަށް ކޮށައިގެން ގަރުދިޔަ ކައްކާ މީހުންވެސް ގިނައެވެ. ފަހުން މި ދެންނެވި ގޮތަކީ މިއަދު އެންމެ އާންމު ގޮތެވެ. މައިގަނޑު ސަބަބަކީ މިއަދު މި ގަރުދިޔަ މައުޟޫ ތިލަވި ސަބަބާ ގުޅިފައިވާ ކަމެކެވެ. ފޮތިފޮއްޗަށް ޖެހީމާ ކޮންމެ މީހަކަށްވެސް ކެވޭނީ ފޮއްޗެއް ނުވަތަ ދެ ފޮއްޗެވެ. މިގޮތުން ޚަރަދު ކުޑަކުރެވޭނެ އެވެ. ގަނޑު އޮތްގޮތަށް ކެއްކުމުން އެހެނެއް ނުވާނެއެވެ.

ގަރުދިޔައާއި ގުޅިފައިވާ އެހެން ވާހަކަތައްވެސް މަދެއް ނޫނެވެ. ވަޅޯމަހުގަރުދިޔަ އާއި ދަޅުމަހު ގަރުދިޔަވެސް މިއަދުގެ ދިވެހީން ތައްޔާރު ކުރެއެވެ. ރޯމަހުގެ ގަރުދިޔަ ކައްކާއިރު، މަހުގައި ހިމެނޭ ކަޅުމަސް ނުކާ ބަޔަކުވެސް އުޅެއެވެ. އެއްބަޔަކަށް ކިރުބިސް ކަމުނުދާއިރު، ބައެއް މީހުނަށް ކިރުބިސްވަރެއް ނޯވެއެވެ. ދޮންބިހަކީ އާންމުކޮށް އެންމެނަށްވެސް ވަރަށް މީރު އެއްޗެކެވެ.

މަސްވެރި މޫސުމެއް ނަމަ، ގަރުދިޔަ އެންމެ ގިނައިން ކައްކަނީ ކަނޑުމަހުގެ ބާވަތްތަކުންނެވެ. ކަނޑުމަހުގެ ތެރެއިންވެސް އެކި މީހުނަށް މީރީ އެކި ކަހަލަ މަހެވެ. އެއްބަޔަކަށް ކަޅުބިލަސް މީރުއިރު، ކަންނެލިގަރުދިޔަ ކަމުދާ މީހުންވެސް މަދެއް ނޫނެވެ. ރާގޮނޑިއާއި ލައްޓި ގަރުދިޔަ ވެސް ނިކަން މީރެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދަށް ބަލާއިރު، ފުވައްމުލަކުގައި އެންމެ މަޝްހޫރީ ކައްޓެޅި ގަރުދިޔައެވެ.

ގަރުދިޔައަކީ ހަމަ އެކަނި ކަނޑުމަހުގެ އުފެއްދުމެއްކަމުގެ ވިސްނުން ދޫކޮށްލުމުގެ ޒަމާންވެސް މިހާރު މިއޮތީ ޖެހިފައެވެ. މިހާރު ފަރުމަހުގެ ގަރުދިޔަ ކަމުދާ މީހުން ވަކީން ގިނަވާން ފަށައިފިއެވެ. ސަބަބުތައްވެސް ގިނަ އެވެ. ފަރުމަހު ގަރުދިޔައިގެ ފައިދާ މާ ބޮޑު ކަމަށް ދިރާސާތަކުން ދައްކާތީ އެވެ. "ވައިޓް ފިޝް"އޭ މި ކިޔާ ބާވަތްތަކުގެ ގަރުދިޔަ މާ ބޮޑަށްވެސް މީރުވެފައި ސިއްހަތަށް މޮޅުކަން ދަންނަ ދިވެހީން ގިނަވާން ފަށައިފި އެވެ. އެކަމަކު މި ވައްތަރު ގަރުދިޔަ ކިތަންމެ މޮޅަސް، "ފަރުމަހޭ" ކިޔައި ގާތް ނުވާ ބަޔަކުވެސް އުޅެއެވެ.

ފަރުމަހުގެ ވައްތަރުތަކުގެ ތެރެއިންވެސް ގަރުދިޔަ ނިކަން މީރުކަމަށް މަޝްހޫރު ބާވަތްތައް ހުރެއެވެ. މާތޮޅި، މުށިމަސް، ބޮޑު ފިލޮޅު، ރަތްމަސް، ކުރުމަސް، މާނިޔާމަސް، ކަށިނޫތޮޅި، ގިނިމަސް އަދި ހަންޖަކީ މީގެ ތެރޭގައި ހިމެނޭ އާންމު ބާވަތްތަކެވެ. ބޮޑުފިލޮޅު އަދި ރަތްމަސް ފަދަ މަސްމަހުގެ ގަރުދިޔަ ބޮލަކީވެސް ހޫނުކޮށް ހުންނައިރު، ސުފުރާ މަތީން ބަލިމީހަކަށް ލައްވައިނުލާ ބާވަތްތަކެވެ.

ގަރުދިޔައަކީ ޚަރަދު ކުޑަކުރާން ނޫނަސް ކެއުން އެންމެ ރަނގަޅު އެއްޗެކެވެ. އިހުގެ ދިވެހީން އެހާ ސިއްހަތު ރަނގަޅުކޮށް، ރޫފަ ހެޔޮކޮށް ތިބެނީ ގަރުދިޔަ ކާތީކަމަށްވެސް ވެދާނެ އެވެ. އެއީ ސީދާ ދިވެހީންގެ ކަނޑުފަޅުތަކުން ބާނައިގެން ގެންނަ ގޮތަށް ވަގުތުން ކައްކާ އެއްޗެކެވެ. އެއްވެސް ހަވާދެއް ނުލައެވެ. އެއްވެސް ކަހަލަ ކެމިކަލެއް ނުހުންނާނެއެވެ.

ގަރުދިޔައިގެ ވާހަކަދެއްކުމަކީވެސް ކުޅުދިޔާވާ ކަމެކެވެ. އެހެންވީމާ މިވާހަކަ ކުރުކޮށްލަނީއެވެ. އެކަމަކު އެއްވާހަކަ ކޮންމެހެންވެސް ބުނެލާން ބޭނުންވެއެވެ. އެއީ މޮޅު ގަރުދިޔަގަނޑެއްގެ ވާހަކައެވެ. އަހަރެންނަށް އެންމެ މީރު ގަރުދިޔަގަނޑެވެ. އެ ކެއްކީ ޅިޔަނު މާޖިދެވެ. އޭނާގެ ރެސިޕީއަކީ ސިއްރު ރެސިޕީއެއްކަމަށްވެއެވެ. އަހަރެމެން މަހަށް ދާ ރޭރޭ، އޭނާ އެ ތައްޔާރުކުރާ ގަރުދިޔަގަނޑު އެއީ ހަމަ އެއްވަނަ އެވެ. ބީޓެއް ނުކުރެވޭނެ އެވެ.