އެޕަލް އިން އުފައްދާ ފުރަތަމަ ޓަޗްސްކްރީން މެކްބުކަށް ތައްޔާރުވުމުގެ ގޮތުން، އެ ކުންފުނީގެ ވެބް ބްރައުޒަރ ސަފާރީއަށް ބޮޑެތި ބަދަލުތަކެއް ގެންނާން ފަށައިފިއެވެ.

މެކްރޫމާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދާދި ފަހުން ނެރުނު މެކްއޯއެސް 27.2 ޑިވެލޮޕަރ ބީޓާގައި ސަފާރީއާއި ފޮޓޯސް އަދި ނޯޓްސް ފަދަ އެޕްލިކޭޝަންތަކަށް ޓަޗްސްކްރީން ސަޕޯޓު ވަނީ އިތުރުކޮށްފައެވެ. މީގެ ތެރޭގައި ސަފާރީއަށް ހާއްސަ "ޓަޗް ސެންޓިނެލް ރިކޮގްނައިޒަރ" އަކާއި، އިނގިލިން ތިރިއަށް ދަމާލުމުން ޕޭޖު ރިފްރެޝްވާ ފީޗަރ ހިމެނެއެވެ. މީގެ އިތުރުން، ސައިޑްކާ ފީޗަރ މެދުވެރިކޮށް އައިޕެޑް ސެކަންޑްރީ ސްކްރީނެއްގެ ގޮތުގައި ބޭނުންކުރާއިރު، ޓަޗް ކޮންޓްރޯލްތައް އިތުރަށް ފުރިހަމަކޮށްފައިވާކަން ވެސް ޑިވެލޮޕަރުން ވަނީ ފާހަގަކޮށްފައެވެ. މިއީ އެޕަލްގެ ލެޕްޓޮޕްތަކަށް ޓަޗްސްކްރީން ތައާރަފުކުރަން އުޅޭކަމުގެ އެންމެ ބޮޑު އެއް ހެއްކެވެ.

މި ސޮފްޓްވެއަރ ބަދަލުތައް ފެނިފައިވީ ނަމަވެސް، ޓަޗްސްކްރީން މެކްބުކެއް ނެރޭނެކަން އެޕަލް އިން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. ނަމަވެސް، ބްލޫމްބާގްގެ ނޫސްވެރިޔާ މާކް ގާމަން އާއި އެނަލިސްޓް މިންގް-ޗީ ކުއޯ ފަދަ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2027 ގެ ކުރީކޮޅު އޯލެޑް ޓަޗްސްކްރީން ޑިސްޕްލޭއަކާއެކު "މެކްބުކް އަލްޓްރާ" ގެ ނަމުގައި އާ ލެޕްޓޮޕެއް ނެރުމަށް އެޕަލް އިން އަންނަނީ މަސައްކަތްކުރަމުންނެވެ. މި ލެޕްޓޮޕްގައި އެމް6 ޗިޕަކާއި ޑައިނަމިކް އައިލެންޑް ފީޗަރ ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޗައިނާގެ ސަޕްލައި ޗެއިން ލީކަރެއް ކަމަށްވާ އިންސްޓަންޓް ޑިޖިޓަލް އިން ބުނި ގޮތުގައި މެކްބުކްގެ ސްކްރީނަށް ޓަޗް ސަޕޯޓު ލިބޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

މީގެ ކުރިން 2010 ވަނަ އަހަރު އެޕަލްގެ ކުރީގެ ސީއީއޯ ސްޓީވް ޖޮބްސް ވަނީ ލެޕްޓޮޕްތަކުގައި ޓަޗްސްކްރީން ބޭނުންކުރުމަކީ އަތަށް ވަރުބަލިކަން ގެނުވާނެ ކަމެއް ކަމަށް ބުނެ، އެ ހިޔާލާ ދެކޮޅުހަދައިފައެވެ. ނަމަވެސް މެކްއޯއެސްއަށް މިހާރު ގެންނަމުންދާ ބަދަލުތަކާއެކު، އެ ކުންފުނީގެ ވިސްނުން ބަދަލުވެފައިވާކަން ހާމަވެއެވެ. މިވަގުތު އެޕަލްގެ އެންމެ ފަހުގެ މެކްބުކް ޕްރޯ މޮޑެލްތަކުގައިވެސް ބޭނުންކުރަނީ ނޮން-ޓަޗް ޑިސްޕްލޭއެވެ.