ބަންގްލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

ހިދުމަތް ޖަމިއްޔާއިން މިއަދު މީޑިޔާތަކަށް ބުނީ ބަންގްލަދޭޝްގައި މިސްކިތެއްގެ ބިންގާ އެޅުމަށް އެ ގައުމަށް ދިޔަ އޮޕަރޭޝަންސް މެނޭޖަރު ހުސެއިން ހައިޝަމް އެކްސިޑެންޓުވީ ޑާކާއިން ޗިޓަގޮންގް އަށް ކުރި 8 ގަޑިއިރުގެ ދަތުރުގެ ތެރެއިން، ކާރުގެ ޑްރައިވަރަށް ނިދި ޖެހުމުން ކަމަށެވެ.

"މައުލޫމާތު ލިބޭގޮތުގައި ޑްރައިވަރަށް ނިދިޖެހުނީ ކަމަށް ވަނީ" ހިދުމަތް ޖަމިއްޔާއިން ބުންޏެވެ.

އެކްސިޑެންޓުގައި ހައިޝަމްގެ ފައިގެ މާކަޅުވާ ކަށިގަނޑު ބިންދައިގެން ދިޔުމުގެ ސަބަބުން ހޮސްޕިޓަލްގެ އިމަޖެންސީގައި ދަނީ ފަރުވާދެމުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"ހުރިހާ ބޭފުޅުންގެ ހެޔޮދުއާގައި އަޅުގަނޑުމެން އަހާ ޝާމިލް ކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. ދުއާ އަކީ އާއިލާއަށް ކެތްތެރިކަން ދެއްވާ އަވަސް ޝިފާއެއް ހައިޝަމްއަށް މިންވަރުކޮށް ދެއްވުން" ހިދުމަތް ޖަމިއްޔާއިން ބުންޏެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނީ ބަންގްލަދޭޝްގައި މިވަގުތުވެސް ޖުމުލަ ހަތަރު މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށާއި ހައިޝަމް އަކީ އެ ހުރިހާ ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބަލަހައްޓާ އިސްފަރާތް ކަމަށެވެ.