ކޮލަމްބިއާ ބަލިކޮށް، އާޖެންޓީނާއިން ރެކޯޑު 16 ވަނަ ކޮޕާ އެމެރިކާ ތަށި ހޯދައިފިއެވެ.

ރޭގެ މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އާޖެންޓީނާއިން ގޯލު ޖެހީ އިތުރު ވަގުތުގައެވެ. އެމެރިކާގައި މިފަހަރު ކޮޕާ އެމެރިކާ އިންތިޒާމުކުރަމުންދާ އިރު، ރޭގެ ފައިނަލް މެޗު ކުޅެފައި ވަނީ ވޯލްޑް ކަޕް 2026 ހޯސްޓް ކުރަން ހަމަޖެހިފައިވާ ހާޑް ރޮކް ސްޓޭޑިއަމްގައެވެ.

މެޗުގެ ކުރިން ދަނޑު ބޭރުންވެސް ހަމަނުޖެހުންތައް ހިނގާފައިވާ އިރު، ބައެއް ކުޅުންތެރިންގެ އާއިލާތަކަށްވެސް މެޗަށް ނުވަދެވި ތިބެން ޖެހުނެވެ. ހަމަނުޖެހުންތައް އެންމެ ބޮޑުވީ ޓިކެޓް ނެތް ސަޕޯޓަރުންތަކެއް މެޗަށް ވަންނަން މަސައްކަތް ކުރުމުންނެވެ. އެ ހަމަނުޖެހުންތަކާ ހެދި ބައެއް ސަޕޯޓަރުން މިއާމީގެ ހޫނުގައި ގަޑިއިރެއްވަންދެން މެޗަށް ނުވަދެވި ތިބެން ޖެހުނެވެ.

އަށްޑިހަ ވަރަކަށް މިނެޓަށް މެޗުގެ ފެށުން ލަސްވެފައިވާ އިރު، ހާފް ޓައިމްގައި ލަވަކިޔުންތެރިޔާ ޝަކީރާގެ ހުށަހެޅުންތަކެއްވެސް ފެނިގެން ގޮސް، 25 މިނެޓް ވަންދެން ހާފު ޓައިމް ދިގުލައިގެން ދިޔައެވެ. އެކަމަށްވެސް ޓީމުތަކުން ވަނީ ފާޑު ކިޔައިފިއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މާ ގިނަ ފުރުސަތުތަކެއް ފެނިގެން ގޮސްފައިނުވާ އިރު، ކޮލަމްބިއާގެ ޖޯން ކާޑޯބާ ޖެހި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. މެޗުގެ ފަހުކޮޅުގައި ނިކޮލަސް ޓަގްލަފީކޯ ފޮނުވާލި ބޯޅައެއް ގޯލަށް ވަދެ އާޖެންޓީނާ ލީޑު ނެގި ކަމަށް ބެލެވުނު ނަމަވެސް، އެ ބޯޅައަށް އޭނާ މަސައްކަތް ކުރި އިރު، އޮތީ އޮފްސައިޑް މަގާމެއްގައެވެ.

އާޖެންޓީނާ އިތުރު ވަގުތުގައި މޮޅުކޮށްދިނީ ލައުޓާރޯ މާޓިނޭޒެވެ. އޭނާ ޖުމުލަ ފަސް ގޯލު މުބާރާތުގައި ޖެހި އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއާ އެކު ރަން ބޫޓް ލިބުނީވެސް މާޓިނޭޒަށެވެ. ކޮޕާ އެމެރިކާ 2024 ގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކޮލަމްބިއާގެ ހަމޭސް ރޮޑްރިގޭޒްއެވެ.

ރޭގެ މެޗުގެ ދެވަނަ ހާފުގެ ތެރެއިން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އޭނާ ވަނީ އެކަމުގައި ހިތާކޮށް ރޮއެފައެވެ. މެސީއަށް މިދިޔަ ތިން އަހަރު ތެރޭގައި އިންޓަނޭޝަނަލް ތިން ތަށި ލިބިފައިވާ އިރު، އޭނާ ގައުމީ ޓީމުން ރިޓަޔާކުރަން ސީދާ ނިންމުމެއް ރޭގެ މެޗަށްފަހު ނިންމާފައެއް ނުވެއެވެ.

އެންހޭލް ޑި މަރިއާ ރޭގެ މެޗަށްފަހު އާޖެންޓީނާއަށް ކުޅުން ހުއްޓާލާފައިވާ އިރު، އޭނާ ނިންމާލީވެސް ވޯލްޑް ކަޕެއްގެ އިތުރުން ދެ ކޮޕާ އެމެރިކާއާ އެކުގައެވެ.