ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތެއްގައި ވާދަކުރާ ޓީމެއްގެ ކުޅުންތެރިޔަކަށް ހަމަ އެމުބާރާތުގައި ރެފްރީކަން ކުރެވިދާނެ ހެއްޔެވެ. މީގެ ޖަވާބަކީ މިއެވެ. މިޒަމާނުގައިނަމަ މިއީ ނުކުރެވޭނެ ކަމެކެވެ. މުސްތަހީލު ކަމެކެވެ. އެހެންނަމަވެސް ވަރަށްކުރީގައި އެއީ ހުއްދަ ކަމެކެވެ. ކޮށްފައިވާ ކަމެކެވެ. ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މީގެ 103 އަހަރު ކުރިން މިކަންވަނީ ފެނިގެންގޮސްފައެވެ. ޖޮއާއޯ ޑިމަރިއާ އަކީ 1921 ވަނަ އަހަރުގެ ކޮޕާ އެމެރިކާގައި ބްރެޒިލްގެ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. ބައެއް މެޗުތަކުގައި ޑިފެންޑަރެކެވެ. އަނެއްބައި މެޗުތަކުގައި ފޯވާޑެކެވެ. ބްރެޒިލް ނުކުޅޭ މެޗުތަކުގައި އޭނާ ދަނޑަށް ނުކުންނަނީ ކަށިގަނޑު ހިފައިގެން ރެފްރީއަކަށެވެ. މީގެތެރެއިން އެއްމެޗަކީ އާޖެންޓީނާ އާއި ޗިލީ ބައްދަލުކޮށް އެކެއް އެކަކުން އެއްވަރުވި މެޗެވެ. އެފަހަރު ތަށި ނެގީ އާޖެންޓީނާއެވެ. ރެފްރީ ކުޅުނު ބްރެޒިލްއަށް ލިބުނީ ތިންވަނައެވެ. މިޒާތުގެ ކިތަންމެ ކިތަންމެ ރިކޯޑެއް ކޮޕާ އެމެރިކާގެ ތާރީޚާ ގުޅިފައިވެއެވެ.

އެއްދުވަސްވަރެއްގައި ކޮޕާ އެމެރިކާއަކީ އަހަރަކު އެއްފަހަރު ކުޅެވުނު މުބާރާތެކެވެ. އެއަށްފަހު ކޮންމެ ދެ އަހަރަކުން އެއްއަހަރު، ދެން ކޮންމެ ތިން އަހަރަކުން އެއްއަހަރު ބާއްވަމުން އައިސް 2007 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަނީ ކޮންމެ ހަތަރު އަހަރަކުން އެއްއަހަރުއެވެ. އެންމެ ފުރަތަމަ މި މުބާރާތުގައި ވާދަކުރެވެނީ ހަމައެކަނި ދެކުނު އެމެރިކާގެ ގައުމުތަކަށް އެކަންޏެވެ. އެހެންނަމަވެސް 1993 ވަނަ އަހަރުން ފެށިގެން ދެކުނު އެމެރިކާއިން ބޭރުގެ ބައެއް ގައުމުތަކަށް ދައުވަތު ދީގެން ބައިވެރިކުރެއެވެ. އެގޮތަށް ބައިވެރިކުރާ ގައުމުތަކުގެ ތެރެއިން ފައިނަލާ ހަމައަށް ވާސިލްވެފައިވަނީ މެކްސިކޯ އެކަންޏެވެ. މެކްސިކޯ ވަނީ ދެފަހަރަކު ކޮޕާ އެމެރިކާގެ ފައިނަލްގައި ކުޅެފައެވެ. އެ ދެފަހަރުވެސް ވީ ބައްޔެވެ. އެއީ 1993 އަދި 2001 ގައެވެ. އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޖަޕާނާއި ގަތަރުވެސް ވަނީ ކޮޕާ އެމެރިކާގައި ކުޅެފައެވެ. ސަރަހައްދުން ބޭރުގެ ޓީމުތައް ބައިވެރިކުރިއަސް ތަށިނަގަނީ އަބަދުވެސް އެ ސަރަހައްދުގެ ޓީމުތަކެވެ.

ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ ކޮންފެޑެރޭޝަނުގައި ހިމެނޭ ޖުމްލަ ދިހަ ގައުމުގެ ތެރެެއިން 8 ގައުމެއް މިހާތަނަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްފިއެވެ. އެކަން އަދިނުކުރެވޭ ދެ ގައުމަކީ އިކުއެޑޯރާއި ވެނެޒުއެލާއެވެ. ބައެއް މީހުން ހީކުރުން އެކަށީގެންވެއެވެ. އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ އާއި ބްރެޒިލްގެ ޕެލޭ ވާނީ ކިތަންމެ ފަހަރަކު ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައެވެ. ގޯހެކެވެ. އެ ދެ ކުޅުންތެރިންކުރެ ކުޅުންތެރިއަކަށްވެސް ކޮޕާ އެމެރިކާ ކާމިޔާބެއް ނުކުރެވެއެވެ. މަރަޑޯނާ ވަނީ ތިންފަހަރަކު އެ މުބާރާތުގައި ކުޅެފައެވެ. އޭގެތެރެއިން ތަށްޓާއި އެންމެ ކައިރިއަށް ދެވުނު ފަހަރު އާޖެންޓީނާއަށް ލިބުނީ ތިންވަނައެވެ. އެފަހަރު މަރަޑޯނާ ވަނީ ހަތަރު ގޯލްވެސް ޖަހައިފައެވެ. ކޮޕާ އެމެރިކާގައި ޕެލޭ ކުޅުނީ އެންމެ ފަހަރަކުއެވެ. އެއީ 1959 ގައެވެ. އެފަހަރު ބްރެޒިލްއަށް ލިބުނީ ދެވަނައެވެ. އެކަމަކު ޖުމްލަ 8 ގޯލް ޖަހައިގެން މުބާރާތުގެ ރަންބޫޓު އެފަހަރު ހޯދީ ޕެލޭއެވެ.

މިދިޔަ އާދީއްތަ ދުވަހު އެމެރިކާގައި ނިމިގެން އެދިޔައީ ކޮޕާ އެމެރިކާގެ 48 މުބާރާތެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރީ އާޖެންޓީނާ އާއި ކޮލަމްބިއާއެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލްގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ. ކޮޕާ އެމެރިކާއަކީ ދެކުނު އެމެރިކާގެ ގައުމުތަކުގެ ސަރަހައްދީ މުބާރާތަށްވާއިރު މިއީ މި މުބާރާތުގައި އާޖެންޓީނާގެ ތިރީސްވަނަ ފައިނަލެވެ. މި ފަހަރުގެ ތަށްޓާއެކު، މިހާތަނަށް ސޯޅަ ފަހަރު ޗެމްޕިއަންކަން ހޯދާފައިވެއެވެ. ކޮލަމްބިއާ ވަނީ ދެފަހަރަކު ފައިނަލްގައި ކުޅެ އެއްފަހަރު ޗެމްޕިއަންކަން ހޯދާފައެވެ. އެއީ 2001 ވަނަ އަހަރުއެވެ. އެފަހަރު ތަށި ނެގީ މުބާރާތުގެ ރިކޯޑަކާއެކުގައެވެ. ބައިކޮޅަށް އެންމެ ގޯލެއްވެސް ނުވަދެ ތަށި ނެގުމުގެ ރިކޯޑެވެ. އެހެން އެއްވެސް ބަޔަކަށް އަދި އެ ރިކޯޑާ އެއްވަރެއް ނުކުރެވެއެވެ. އަނެއްކޮޅުން އާޖެންޓީނާއަކީ ކޮޕާ އެމެރިކާގެ އެންމެ ގިނަ ރިކޯޑް ގާއިމްކޮށްފައިވާ ޓީމެވެ.

އާޖެންޓީނާގެ ރިކޯޑުތަކުގެ ތެރޭގައި ވިދިވިދިގެން ތިން ފަހަރު ޗެމްޕިއަންކަން ނެގުމުގެ ރިކޯޑާއި އެންމެ ގިނަ މެޗު ކާމިޔާބުކުރުމުގެ ރިކޯޑާއި އެއްމެޗެއްގައި އެންމެ ގިނަ ގޯލްޖެހުމުގެ ރިކޯޑާއި މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ގޯލްޖެހުމުގެ ރިކޯޑު ހިމެނެއެވެ. އާޖެންޓީނާ ވަނީ އިކުއެޑޯރު ކޮޅަށް އެއްމެޗެއްގައި ބާރަގޯލް ޖަހައިފައެވެ. އެއީ 1942 ގައެވެ. ރިކޯޑުތަކުގެ ވާހަކަ ލިޔާކަމަށްވެއްޖެނަމަ ކޮޕާ އެމެރިކާއަކީ އާދަޔާ ޚިލާފު ރިކޯޑުތަކުން މުއްސަނދިވެފައިވާ މުބާރާތެކެވެ. މިއީ ދުނިޔޭގެ އެންމެ ދުވަސްވީ ސަރަހައްދީ މުބާރާތެވެ. އެންމެ ފުރަތަމަ މުބާރާތް ބޭއްވީ 1916 ގައެވެ. އޭގެފަހުން މިހާތަނަށް 47 މުބާރާތް ބޭއްވިފައިވާއިރު ފާއިތުވި 108 އަހަރުގެ ތެރޭގައި ކޮންމެ ބަޔަކުވެސް އުފުލާލާފައިވަނީ ހަމައެއްތަށްޓެކެވެ. އޮރިޖިނަލް މުސްކުޅި ތަށްޓެވެ. އެއީ އާޖެންޓީނާގެ ވެރިރަށުގައި ހުރި ކާސާ އެސްކަސާނީ ނަމަކަށް ކިޔުނު ޖިވެލަރީ ސްޓޯރަކުން ތައްޔާރުކުރި ތަށްޓެކެވެ.

އެެއް އާއިލާއެއްގެ ތިން ޖީލުގެ މީހުން ތަށި އުފުލާލި މަންޒަރު ފެނިފައިވާ ބައިނަލްއަގުވާމީ ހަމައެކަނި މުބާރާތަކީވެސް މިހާތަނަށް ކޮޕާ އެމެރިކާއެވެ. މި ރިކޯޑް ލިބިފައިވާ އާއިލާއަކީ އުރުގުއާއީގެ ފޮރްލަން/ކޮރާޒޯ އާއިލާއެވެ. ކޮޕާ އެމެރިކާގެ ތަށި 1959 އަދި 1967 ގައި އުރުގުއާއީއަށް ކާމިޔާބުކޮށްދިން ކޯޗަކީ ހުއާން ކޮރާޒޯއެވެ. މީގެތެރެއިން 1967 ގައި ތަށި ނެގިފަހަރު ޓީމަށް ކުޅުނު އެއްކުޅުންތެރިޔަކީ ޕަބްލޯ ފޮރްލަންއެވެ. މި ކުޅުންތެރިޔާ އިނދެގެން އުޅުނީ ކޯޗު ހުއާން ކޮރާޒޯގެ އަންހެން ދަރިޔަކާއެވެ. އެހެންވީމާ އެއީ ކޯޗުގެ ދަނބިދަރިއެވެ. އެންމެފަހުން އުރުގުއާއީއަށް ތަށި ލިބުނީ 2011 ގައެވެ. އެއީ އުރުގުއާއީއަށް ޗެމްޕިއަންކަން ލިބުނު ޖުމްލަ ފަނަރަވަނަ ފަހަރެވެ. އެފަހަރު އުރުގުއާއީގެ ތަރިއަކީ ޑިއޭގޯ ފޮރްލަނެވެ. އެއީ ޕަބްލޯ ފޮރްލަނުގެ ދަރިއެކެވެ. ހުއާން ކޮރާޒޯގެ ކާފަދަރިއެކެވެ. އެގޮތުން ފޮރްލަންގެ މި އާއިލާއަކީ ކޮޕާ އެމެރިކާގެ 108 އަހަރުވީ ދިގު ތާރީޚުގައި އެހެން އެއްވެސް އާއިލާއަކަށް މިހާތަނަށް ހާސިލް ކުރެވިފައިނެތް ޝަރަފެއް ލިބިފައިވާ އާއިލާއެކެވެ.