ޔޫރޯ 2024 ގެ ފައިނަލްގައި މިރޭ އިންގްލެންޑް ބަލިކޮށް، ސްޕެއިނުން ރެކޯޑު ހަތަރު ވަނަ ޔޫރޯ ކާމިޔާބު ކޮށްފިއެވެ.

ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލުގައި ސްޕެއިނުން އިންގްލެންޑް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ ފައިނަލަކީ ޔޫރޯ ފުޓުބޯޅަ ތާރީހުގައި ކުޅުނު 17 ވަނަ ފައިނަލެވެ. ފައިނަލަށް ކުރެވެމުންދިޔަ އިންތިޒާރު އޮތީ މާކުރިންވެސް ބޮޑުވެފައެވެ. އިންގްލެންޑުން އެގައުމުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޔޫރޯ ތަށްޓެއް ހޯދަން ނުކުތީ 58 އަހަރުގެ ހިތްދަތި، ހިތި ހަނދާންތައް ނިމުމަކަށް ގެންނާށެވެ.

މިރޭ މެޗަށް ނުކުތް އިރު، އިންގްލެންޑުން ފުޓުބޯޅައިގައި އެންމެފަހުން ހޯދާފައިވާ ތަށްޓަކީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އޭގެފަހުން އެތައް ގައުމެއްގައި އެތައް މުބާރާތެއް ކުޅެގެންވެސް އިންގްލެންޑަށް ޗެމްޕިއަންކަމެއް ނުހޯދުނެވެ. އެފަހުން ފައިނަލަކަށް އެންމެ ފުރަތަމަ ދިޔައީ މިހާރުގެވެސް ކޯޗު ގެރެތު ސައުތުގޭޓާއެކު ޔޫރޯ 2020 ގައެވެ. އެ ފައިނަލުން ބަލިވީ އިޓަލީ ކައިރިން ޕެނަލްޓީ ޖަހައިގެންނެވެ.

ކޮންމެއަކަސް ސައުތުގޭޓް މިހާރުވެސް ތާރީހު ލިޔެލައިފިއެވެ. އެއީ ޖެހިޖެހިގެން ދެ ޔޫރޯ ފައިނަލަށް އިންގްލެންޑް ގެންގޮސްގެންނެވެ. އެހެން ނަމަވެސް މިރޭ އޮތީ 58 އަހަރުގެ ކަރުނައަށް ނިމުން ގެންނަން ތައްޔާރުވެގެންނެވެ.

އަނެއްކޮޅުން ސްޕެއިން ނުކުތީ އެގައުމުގެ ރަން ޖީލުން އެންމެފަހުން ހޯދި 2012 ވަނަ އަހަރު ޔޫރޯގެ ކާމިޔާބީ ތަކުރާރު ކުރުމަށެވެ. އެއީ މިރޭގެ ކުރިން ސްޕެއިނުން ޔޫރޯ ފައިނަލެއްގައި އެންމެފަހުން ކުޅުނު އަހަރެވެ. ސްޕެއިނަށް އޮތީ މިރޭ ތަށި ހޯދައި، ޔޫރޯގެ ތާރީހުގައި އެންމެ ގިނަ މުބާރާތް ކާމިޔާބު ކުރި ޓީމަށްވެމެވެ. މީގެ ކުރިން އެންމެ ގިނަ ޔޫރޯ ކާމިޔާބުކުރުމުގެ ރެކޯޑު އޮތީ ސްޕެއިނާއި ޖަރުމަނު އަތުގައެވެ. އެއީ ތިން ޓަށްޓާއެކުގައެވެ. ސްޕެއިނުން އެ ރެކޯޑު އަމިއްލަ ކުރަން މިރޭ ނުކުތީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައި އޮވެގެންނެވެ.

ބަޑިބޭހާއި ހަވާގެ ކުލަގަދަ އިވެންޓަކާއެކު މިރޭގެ ފައިނަލް ބާލިން ސްޓޭޑިއަމްގައި ފެށީ އެތައް ތާރީހުތަކެއް ބަދަލުކުރަމުންނެވެ. ލަމީން ޔަމާލް، 16 އަހަރުގެ ކުޅުންތެރިއެއްގެ ގޮތުގައި މުބާރާތަށް ނުކުތް ނަމަވެސް، އިއްޔެ އޭނާއަށް ވަނީ 17 އަހަރު ފުރިފައެވެ. އެހެން ނަމަވެސް އޭނާ ވެގެން ގޮސްފައިވަނީ ޔޫރޯ ފައިނަލެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

މެޗުގެ ކުރީކޮޅުގައި އިންގްލެންޑުން ސްޕެއިނަށް ކުޅުން ދޫކޮށްލިއެވެ. ސްޕެއިނުން އެޓީމުގެ ރަސްމީ ކުޅުމުގައި ގިނަ ޕާސްތަކެއް ޖަހައިގެން، ޑޮމިނޭޓް ކުރަން މަސައްކަތް ފެށިއެވެ. އިންގްލެންޑުން ފަހަތަށް ޖެހި ފުރަތަމަ ކޮޅުގައި އަޖުމަ ބަލައިލަން މަޑުކޮށްލިއެވެ. އެވަގުތު ސްޕެއިނުން ނުރައްކާ ކުރިވެސް މެއެވެ. ނިކޯ ވިލިއަމްސް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ޖޯން ސްޓޯންސް ހުޝިޔާރުކަމާއެކު ބްލޮކްކުރި އިރު، ރޮބިން ލެ ނޯމަންޑް ފޮނުވާލި ހަމަލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

އިންގްލެންޑުން ހާފުގެ ފަހުކޮޅުގައި ކުރިއަށް ޖެހިލައި، ހަމަލާއެއްގެ މަސައްކަތް ކުރި ނަމަވެސް، އެޓީމަށްވެސް ގޯލަށް އަމާޒުކޮށް ނުރައްކާ ކޮށްލެވުނީ އެންމެ ހަމަލާއަކުންނެވެ. ފުރަތަމަ ޖޫޑް ބެލިންހަމް ދިން ބޯޅައިން ހެރީ ކޭން ފޮނުވާލި ހަމަލާ ރޮޑްރީ ވަރުގަދައަށް ޖައްސައި ބްލޮކް ކުރި އިރު، ހާފު ނިމެން ދަނިކޮށް ފިލް ފޮޑެން ޖެހި ބޯޅަ މަތަކުރީ އުނައި ސިމޮންއެވެ. އެއިީ ފުރަތަމަ ހާފުގައި ފެނުނު ހަމައެކަނި ގޯލާ އަމާޒުވި ހަމަލާއެވެ. ފެނުނީ ޓެކްޓިކަލް ކުރިމަތިލުމެކެވެ. ފިޒިކަލީ އިންގްލެންޑުން ސްޕެއިން ހިފެހެއްޓިއެވެ. ސްޕެއިންގެ ސިސްޓަމް މުޅިއަކުން ތަންފީޒު ނުކުރެވި ހާފު ނިންމާލީއެވެ.

ދެވަނަ ހާފުގައި ސްޕެއިން މަޑަކުން ނުތިބެއެވެ. އެންމެ މުހިއްމު ކުޅުންތެރިޔާ ރޮޑްރީއަށް އަނިޔާވެ، އޭނާގެ ބަދަލުގައި މާޓިން ޒުބިމެންޑީ ކުޅެން ނެރެން ޖެހުނު ނަމަވެސް، ސްޕެއިން ފެށީ ވަރުގަދަ ފެށުމަކުންނެވެ. މެޗުގެ 47 ވަނަ މިނެޓުގައި ސްޕެއިނުން އިނގިރޭސީން މާޔޫސްކޮށްލިއެވެ. ސްޕެއިނުން މެޗުގައި ލީޑު ނަގައި، ތަށީގެ އުންމީދު ބޮޑުކޮށްލިއެވެ. ލަމީން ޔަމާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް ގޯލު ކާމިޔާބުކޮށްދިނީ ނިކޯ ވިލިއަމްސްއެވެ. ތިރީ ކަނަށް އަމާޒުކޮށްލި ބޯޅައާއެކު ސްޕެއިން ހަމަޖެހިލިއެވެ.

ހަމަޖެހިލުމާއެކު ސްޕެއިންގެ އަސްލު ހަގީގީ ކުޅުން ފެނިގެން ދިޔައެވެ. އޭގެ އިރުކޮޅެއްފަހުން ހުސްކޮށް ލިބުނު ފުރުސަތެއްގައި ޑެނީ އޮލްމޯ ޖެހި ބޯޅަ ބޭރަށް ދިޔައީ ދަނޑި ކައިރިންނެވެ. އިންގްލެންޑް ފަހަތުން ހަދަމުންދިޔަ އެ ގޯސްތަކަށް ކީޕަރު ޖޯޑަން ޕިކްފޯޑް ދިޔައީ ހަޅޭއްފަޅޭއް ޖަހަމުންނެވެ. އިންގްލެންޑް ދެވަނަ ހާފު ފެށި މަޑު ރާގާއެކު އެޓީމަށް ޕްރެޝަރުވެ، ޕްރެޝަރުން އަރައިގަންނަން ޖެހުނެވެ.

ސްޕެއިންގެ ހަމަލާތަކާއެކު ބަދަލެއް ގެންނަން މަޖުބޫރުވެއްޖެކަން ސައުތުގޭޓަށް އެނގި، ކެޕްޓަން ހެރީ ކޭންގެ ބަދަލުގައި އޮލޭ ވޮޓްކިންސް ކުޅެން ނެރުނެވެ. އެ ބަދަލާއެކު އިންގްލެންޑުން އާ ވިސްނުމެއްގައި ފަށައި، ޖޫޑް ބެލިންހަމްގެ ހަމަލާއަކުން ނުރައްކާވެސް ކުރިއެވެ. އޭނާ ފޮނުވާލި ބޯޅަ ތިރިތިރިން ބޭރަށް ދިޔައީ ކިރިޔާއެވެ.

އިންގްލެންޑުން ބިރު ކަނޑާލައި ކުރިއަށް ޖެހިގެން ކުޅެމުން ދިޔަ ނަމަވެސް، ސްޕެއިންގެ އެޓޭކް މަޑުޖައްސަން އުނދަގޫވިއެވެ. މެޗުގެ 66 ވަނަ މިނެޓުގައި އޮލްމޯ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ލަމީން ޔަމާލް ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑަށް މަތަކުރެވުނީ ކިރިޔާއެވެ. އަދި އޭގެފަހުން ފަބިއަން ރުއިޒް ފޮނުވާލި ހަމަލާ ދިޔައީ މަތިން ބޭރަށެވެ.

ސްޕެއިނުން އެ އެޓޭކްތައް އުފައްދަމުން ދިޔަ ދިޔުމަށް މަޑުޖެހުމެއް ގެނުވީ ބެންޗުން ނުކުތް ޗެލްސީގެ ކޯލް ޕާމާއެވެ. 71 ވަނަ މިނެޓުގައި ބަދަލުގައި ނުކުތް ޕާމާ، 73 ވަނަ މިނެޓުގައި ގޯލު ޖަހައި އޭނާގެ ފެންވަރު ސާބިތުކޮށްދިނެވެ. ސަކާ އަރިމަތިން ކުރިއަށް ޖެހި އޭރިއާ ތެރެއަށް ޖައްސާލި ބޯޅަ، ބެލިންހަމް ބައިންދާލަދިނީ އޭރިއާ ބޭރުން ޕާމާއަށެވެ. އޭނާ އެއްފަހަރުން ބޯޅަ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ. އިނގިރޭސިން ކެކި އެރިއެވެ. އުންމީދު ލިބި، ހިތްވަރު އާވިއެވެ.

އޭގެފަހުން ދެ ޓީމުންވެސް ރިސްކްތައް މަދުކޮށްގެން ކުޅުނު އިރު، ސްޕެއިނުން އަނެއްކާވެސް ފެނުނީ ނުރައްކާ ކޮށެވެ. މަދުވީ ގޯލެކެވެ. ޔަމާލް އަރިމަތިން ލިބުނު ބޯޅައިގައި ފޮނުވާލި ހަމަލާ ހުޝިޔާރުކަމާއެކު މަތަކުރީ ޕިކްފޯޑެވެ. އަނެއްކާވެސް ޕިކްފޯޑް އިންގްލެންޑް ސަލާމަތްކޮށްދިނެވެ.

ސްޕެއިންގެ އެ ޕްރެޝަރަށް ކެތް ނުކުރެވި، އިންގްލެންޑުން ސްޕެއިންގެ އަތްދަށުވީ 86 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. މާކް ކުކުރެއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިކެލް އޮޔާޒަބަލްއެވެ.

އިންގްލެންޑުން އޭގެފަހުން މޮޅުވޭތޯ ހަމަލާތައް އުފެއްދި ނަމަވެސް، އަނެއްކާވެސް ނިންމާލީ ކަރުނައިންނެވެ.