ޔޫރޯ 2024 ގެ ފައިނަލުގައި ސްޕެއިނާއި އިންގްލެންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ޔޫރޯ ފުޓުބޯޅަ ތާރީހުގައި ކުޅޭނެ 17 ވަނަ ފައިނަލް. ފައިނަލަށް ކުރެވެމުން އަންނަ އިންތިޒާރު ބޮޑު. އިންގްލެންޑުން އެގައުމުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޔޫރޯ ތަށްޓެއް ހޯދަން ނުކުންނަ އިރު، ސްޕެއިން ނުކުންނަނީ އެގައުމުގެ ރަން ޖީލުން އެންމެފަހުން ހޯދި 2012 ވަނަ އަހަރު ޔޫރޯގެ ކާމިޔާބީ ތަކުރާރު ކުރުމަށް. އަދި ސްޕެއިން މިރޭ ތަށި ހޯދައިފިނަމަ އެގައުމު ވެގެންދާނީ ޔޫރޯގެ ތާރީހުގައި އެންމެ ގިނަ މުބާރާތް ކާމިޔާބު ކުރި ޓީމަށް. މީގެ ކުރިން އެންމެ ގިނަ ޔޫރޯ ކާމިޔާބުކުރުމުގެ ރެކޯޑު އޮތީ ސްޕެއިނާއި ޖަރުމަނު އަތުގައި. އެއީ ތިން ޓަށްޓާއެކު.

ޔޫރޯގައި އެންމެ ކާމިޔާބު އެއް ގައުމު ޖަރުމަނުގައި ޔޫރޯ ކުޅެވެމުންދާ އިރު، މިފަހަރުގެ ޔޫރޯ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ސްޕެއިން ނުކުންނާނީ ބާލިންގެ އޮލިމްޕިކްސް ސްޓޭޑިއަމްގައި. މިއީ އިންގްލެންޑުން ޖެހިޖެހިގެން ކުޅޭ ޔޫރޯގެ ދެވަނަ ފައިނަލް މެޗު. އެންމެފަހުން ޔޫރޯ 2020 ގެ ފައިނަލުގައި އިންގްލެންޑުން ކުޅުނު ފައިނަލުގައި އިޓަލީ ކައިރިން ބަލިވީ 3-2 ގެ ނަތީޖާއަކުން. އެއީ ޕެނަލްޓީގައި.

ސައުތުގޭޓަކީ 1966 ވަނަ އަހަރު ވޯލްޑް ކަޕަށްފަހު، އެގައުމުގެ ގައުމީ ޓީމު ގޮވައިގެން ފައިނަލަކަށް ދިޔަ ހަމައެކަނި ކޯޗު. އިންގްލެންޑަށް ތަށްޓެއް ނުލިބޭތާ 58 އަހަރު ވެފައިވާ އިރު، މިރޭ އެ އިންތިޒާރަށް ނިމުން ގެންނަން ނުކުންނަނީ އަމިއްލަ ގައުމުގައި މާޔޫސްވި ކޯޗެއް. 1996 ވަނަ އަހަރު އިންގްލެންޑުގައި ޖަރުމަނުން ޔޫރޯ ކާމިޔާބު ކުރި. އެ އަހަރު ޖަރުމަނުން ޔޫރޯ ތަށްޓާ ހަމައަށް ދިޔައީ ސެމީ ފައިނަލްގައި ޕެނެލްޓީ ޖަހައިގެން އިންގްލެންޑް ކަޓުވާލުމަށްފަހު. ޔޫރޯގެ ތަށި އިންގްލެންޑަށް އަދި ހޯދިފައި ނުވާއިރު، ޖަރުމަނާ ދެކޮޅަށް ކުޅުނު 1996 ގެ ސެމީމެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެން.

ދެޓީމުންވެސް ފުރަތަމަ ފަސް ޕެނެލްޓީ ކާމިޔާބުކޮށް ޕެނެލްޓީ ޝޫޓްއައުޓް ދިގުލައިގެން ދިޔަ އިރު، ހަވަނަ ޕެނެލްޓީ ޖަރުމަނުން ވެއްދި ނަމަވެސް، އިންގްލެންޑަށް ވީ ނާކާމިޔާބު. އެ ފަހަރު އިންގްލެންޑަށް ނާކާމިޔާބު ވި ޕެނެލްޓީ ޖެހީ މިހާރުގެ ކޯޗު ސައުތުގޭޓް.

މިރޭގެ މެޗަށް ނުކުންނަ އިރު، ސައުތުގޭޓަށް އޮތީ ޖަރުމަނުގެ ފަސްގަނޑުގައި ގައުމަށް، އެފަހަރު ނުލިބުނު ޔޫރޯ ހޯދައިދިނުން. އެހެންނަމަވެސް، ސައުތުގޭޓްގެ ނަޒަރުގައި އެކަހަލަ ފެއަރީޓޭލް އޭނާ ގަބޫލެއް ނުކުރޭ.

"އަހަރެން އެކަހަލަ ފެއަރީޓޭލް ގަބޫލެއް ނުކުރަން. އަހަންނަކީ ހުވަފެންތައް ދެކެ، ހުވަފެންތައް ހަގީގަތަކަށް ހަދަން މަސައްކަތް ކުރުން ގަބޫލުކުރާ މީހެއް. އަހަރެމެން މިފަހަރު ޔޫރޯއަށް ނުކުތީ ބޮޑެތި އުންމީދުތަކަކާ އެކުގައި. އަދި މި ޔޫރޯގެ މުހިއްމުކަން ވެސް ދަނެގެން. އެހެން އެކަން އޮތަސް، ހުވަފެންތައް ހާސިލްކުރަން ޖެހޭނެ މަސައްކަތް ކުރަން،" ސައުތުގޭޓް މެޗު ކުރިން ބުނި.

ސްޕެއިނުން 2012 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޔޫރޯގެ ފައިނަލަށް މިރޭ ނުކުންނާނީ ރެކޯޑު ހަތަރު ވަނަ ޔޫރޯ ތަށްޓެއް ހޯދުމަށް. މިހާތަނަށް މުބާރާތުގައި ސްޕެއިންގެ ފަރާތުން ހިތްގައިމު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އެޓީމުން ވަނީ ކުޅުނު ހަ މެޗުންވެސް މޮޅުވެފައި. ސްޕެއިނަކީ ހަ މެޗުން މިފަހަރުގެ ޔޫރޯގައި މޮޅުވެފައި އޮތް ހަމައެކަނި ޓީމު. އެހެން ނަމަވެސް، ކޯޗު ޑެ ލަ ފުއެންޓޭގެ ނަޒަރުގައި ސްޕެއިނަކީ ފެވަރިޓުންނެއް ނޫން.

"އަހަރެމެން މިތިބީ ވަރަށް ހަމަޖެހިގެން. އަހަރެމެންގެ އަމާޒު ހާސިލު ކުރަން ފޯކަސް ގެއްލުވައެއް ނުލާނަން. އަހަރެމެންނަށް ކޮންޓްރޯލް ކުރެވޭ ކަންތައް ކޮންޓްރޯލް ކުރުމަށް ވިސްނާނީ. އަހަރެމެންނަކީ ފެވަރިޓުންގެ ގޮތުގައި ނުބުނެވޭނެ. ފައިނަލް ވެގެންދާނީ ހަމަހަމަ ބެލެންސް މެޗަކަށް. އަހަރެމެން ފެވަރިޓުން ބަލައިގެން މިރޭގެ މެޗަށް ނުކުންނަން ބޭނުމެއް ނޫން،" ޑެ ލަ ފުއެންޓޭ މެޗުގެ ކުރިން ބުނި.

އޭނާ ބުނީ ސްޕެއިނަށް އެންމެ މުހިއްމު ކަމަކީ ސްޕެއިންގެ ގޮތުގައި އޮތުން ކަމަށާއި ސްޕެއިނުން އިންގްލެންޑް ވެގެން ސްޓައިލް ބަދަލުކޮށް ނަހަދާނެ ކަމަށް.

މިފަހަރުގެ ޔޫރޯ ކުރިން ސްޕެއިން ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭގެ ނަން ފުޓުބޯޅައިގައި މާ ބޮޑަކަށް ހިނގާފައެއް ނުވޭ. ފާޑަކަށް އާ މޫނެކެވެ. އެހާ ބޮޑު ފަސްމަންޒަރެއްވެސް ނެތް. ތަޖުރިބާއެއްވެސް ނެތް. ޑެ ލަ ފުއެންޓޭ ކޯޗަކަށް ނެރުމުން ސްޕެއިން ފެޑަރޭޝަނުން ކީއްކުރަންތޯ، މުބާރާތުގެ ކުރިން ބަޔަކު ސުވާލުވެސް އުފެއްދި. އެސޯސިއޭޝަން ނާޒަކު ހާލަތެއްގައި އޮތް އޮތުމުން ޓީމަށް އޮތް ޕްރެޝަރު ޑެ ލަ ފުއެންޓޭއަށް ހޭންޑްލް ނުކުރެވޭނެ ކަމަށްވެސް ގިނަ ބަޔަކު ދެކުނު.

ކޯޗިން ކެރިއަރު 1997 ވަނަ އަހަރު ފެށި ލުއިސް ޑެ ލަ ފުއެންޓޭ އަކީ މާބޮޑަށް ފާހަގަކޮށްލެވޭ ކޯޗެއް ނޫން. ވޯލްޑް ކަޕް 2022 ގެ ނާކާމިޔާބީއާއެކު ލުއިސް އެންރީކޭ މަގާމުން އިސްތިއުފާދިނުމަށްފަހު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޓީމާ ހަވާލުވި ޑެ ލާ ފުއެންޓޭ ވަނީ މިދިޔަ އަހަރު ސްޕެއިނަށް ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްދީފައި. އެއީ ހަމަ ޖެހުމެއް. އޭނާ ސްޕެއިނާއެކު ޔޫރޯ ފައިނަލަށް ދިޔައީ ޒުވާން ޓީމުތަކުން ކުޅުންތެރިންނާ ގުޅުނު ގުޅުމުގެ ބޭނުންކޮށްގެން.

ސްޕެއިންގެ 19 އަހަރުން ދަށާއި، 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ނެގި ޑެ ލަ ފުއެންޓޭ ނުދަންނަ ކުޅުންތެރިޔަކު މިހާރުގެ ފުރަތަމަ ޓީމުގައި މަދު. އެއީ ޖޫނިއާ ރޭންކްތަކުގައި އޭނާ ބޮޑަށް ހަރަކާތްތެރިވުމުން. އެ ޒކުޅުންތެރިން ގާތުން އެނގޭތީ ޑެ ލަ ފުއެންޓޭއަށް ލިބުނު އެންމެ ބޮޑު ފައިދާއަކީ އާއިލީ ގުޅުމެއް އޮންނަ ޓީމެއް ބިނާކުރުމަށް ފަސޭހަވުން.

  • ޔޫރޯ 2024 މުބާރާތުގެ މެޗުތައް ކުޅޭނެ އެންމެ ބޮޑު ދަނޑަކީ އޮލިމްޕިއާސްޓާޑިއޯން ބާލިން
  • މިއީ ޖަރުމަނުގެ އެންމެ މަޝްހޫރު އަދި އެންމެ މުހިއްމު އެއް ފުޓުބޯޅަ ދަނޑު
  • 1985 އިން ފެށިގެން ޖާމަން ކަޕް ފައިނަލް ކުޅޭ ދަނޑަކީ މިއީ
  • އެދަނޑުގައި ކުޅެފައި ވާ މުހިއްމު މެޗުތަކުގެ ތެރޭގައި 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗާއި، 2015 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ހިމެނޭ
  • ކެޕޭސިޓީ: 71000
  • ހޯމް ޓީމު: ހާތާ ބާރލިން