މިއަދު އެންމެންގެ ސަމާލުކަން ހުއްޓިފައިވާ މެޗަަކަށް ވާނީ ޔޫރޯ 2024 ގެ ފައިނަލުގައި ޔޫރަޕް ފުޓުބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ސްޕެއިނާއި އިންގްލެންޑް ބައްދަލުކުރާ މެޗަށެވެ. މެޗުގައި ބައްދަލުކުރާ ދެ ޓީމުގެ އިތުރުން އެ މެޗުގައި ރެފްރީކަން ކުރާ ރެފްރީންނަކީ ވެސް ހާއްސަ ސަމާލުކަމެއް ދެވިގެންދާ ބަޔަކަށް ވާނެއެވެ.
ޖަރުމަނުގެ އޮލިމްޕިއާސްޓޭޑިއޮންގައި މިރޭ ކުޅޭ ފައިނަލުގައި ރެފްރީކަން ކުރާނީ ފްރާންސްގެ އުމުރުން 35 އަހަރުގެ ރެފްރީ، ފްރެންކޮއި ލެޓޭޒިއާ އެވެ. ލެޓޭޒިއާ ވަނީ މިހާތަނަށް މި މުބާރާތުގެ ޖުމުލަ ތިން މެޗެއްގައި ރެފްރީކަން ކޮށްފައެވެ. އެއީ ގްރޫޕު ސްޓޭޖުގައި ޑެންމާކާއި ސާބިއާ ބައްދަލުކުރި މެޗާއި ކްރޮއޭޝިއާ އާއި އަލްބޭނިއާ ބައްދަލުކުރި މެޗުގެ އިތުރުން ގަދަ 16 ގައި ސްޕެއިނާއި ޖޯޖިއާ ބައްދަލުކުރި މެޗެވެ.
އޭގެ އިތުރުން ލަޓޭޒިއާ ވަނީ ޔޫރޯ 2024 ގެ ފުރަތަމަ މެޗު، ޖަރުމަނާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗުގެ ހަތަރުވަނަ އޮފިޝަލުގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. ޔޫރޯގެ ފައިނަލް މެޗު ވެގެންދާނީ ގަދަ 16 އަށްފަހު ލަޓޭޒިއާ ފެނިގެންދާ ފުރަތަމަ މެޗަށެވެ.
މިރޭގެ މެޗުގައި ލަޓޭޒިއާގެ އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތް ކުރާނީ ފްރާންސްގެ ސިރީލް މުގްނިއޭ އަދި މެހްދީ ރަހްމޫނީއެވެ. އަދި ހަތަރުވަނަ އޮފިޝަލުގެ ގޮތުގައި މަސައްކަތް ކުރާނީ ވޯލްޑް ކަޕް 2022 ގެ ފައިނަލް އަދި މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެފްރީކަން ކުރި ޕޮލެންޑްގެ ސިމޯން މާޗިނިއަކްއެވެ.
ފައިނަލުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ގެ ގޮތުގައި މަސައްކަތް ކުރާނީ ފްރާންސްގެ ޖެރޯމް ބްރިސާޑްއެވެ. އޭނާގެ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރާނީ ފްރާންސްގެ ވިލީ ޑެލަޔޮޑް އާއި އިޓަލީގެ މަސިމިލިއާނޯ އިރާޓީއެވެ. އަދި ރިޒާވް އެސިސްޓަންޓް ރެފްރީއަކީ ޕޮލެންޑްގެ ތޯމަސް ލިސްޓްކިއެވިޗްއެވެ.
ބައިނަލްއަގުވާމީ މެޗުތަކުގައި ލެޓޭޒިއާ ރެފްރީކަން ކުރަން ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޔޫއެފާ ސުޕާ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި ސެވިއްޔާ ބައްދަލުކުރި މެޗުގައި ރެފްރީކަން ކޮށްފައެވެ. އޭގެ އިތުރުން މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ހަތަރުވަނަ އޮފިޝަލުގެ ގޮތުގައި ވެސް އޭނާ ފެނިގެންދިޔައެވެ.
ޔޫރޯ 2024 ގެ ފައިނަލަށް ސްޕެއިން ދަތުރުކުރީ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށްގެންނެވެ. އަދި އިންގްލެންޑުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި ނެދަލެންޑްސް ބަލިކޮށްގެންނެވެ.
ފައިނަލުގައި އެއްކޮޅުން ނުކުންނަ ސްޕެއިނުން ވަނީ 2008 އަދި 2012 ގެ ޔޫރޯ ކާމިޔާބުކޮށްފައެވެ. އަދި މިފަހަރުގެ މުބާރާތް ކާމިޔާބުކޮށްގެން ޔޫރޯގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމުގެ ޝަރަފު ހޯދުމުގެ ފުރުސަތު ސްޕެއިނަށް އެބައޮތެވެ. ސްޕެއިނާ ދެކޮޅަށް ނުކުންނަ އިންގްލެންޑުން އެންމެ ފަހުގެ ޔޫރޯގެ ފައިނަލަށް ދަތުރުކުރި ނަމަވެސް، އެޓީމަށް މިހާތަނަށް ޔޫރޯއެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
ޔޫރޯ 2024 ގެ ފައިނަލުގައި ސްޕެއިނާއި އިންގްލެންޑް ބައްދަލުކުރާނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024