މިހާތަނަށް ސްޕެއިނުން ކުޅެމުން އައީ ކާމިޔާބު ފުޓުބޯޅައެއް ކަމަށާއި، އިންގްލެންޑް ވެގެން އެ ޕްލޭނަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ސްޕެއިންގެ މިޑްފީލްޑަރު ޑެނީ އޮލްމޯ ބުނެފިއެވެ.

އޮލްމޯ ވެގެން ގޮސްފައިވަނީ މި ޔޫރޯގައި ސްޕެއިނަށް މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔަކަށެވެ. ސެމީ ފައިނަލާ ހަމައަށް އޮލްމޯ ބެންޗުން އަރަމުން ދިޔަ ނަމަވެސް، އޭނާ މިވަގުތު އަންނަނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށްވެސް ވާދަކުރަމުންނެވެ. އެއީ ތިން ގޯލު ޖަހައިގެންނެވެ. އޭނާގެ އިތުރުން ހެރީ ކޭންއާއި ކޯޑީ ގަކްޕޯ، ޖަމާލް މުސިއާލާ އަދި ސްލޮވޭކިއާގެ އިވާން ޝްރާންޒްވެސް. ކޮންމެ ކުޅުންތެރިޔަކު ތިން ގޯލު ޖަހާފައިވާ އިރު، ފައިނަލުގައި ގޯލެއް ޖަހައި އެ މަގާމު ހޯދުމަށް އޮލްމޯއަށް ފުރުސަތު އެބައޮތެވެ.

ސެމީގެ މެޗުގައި ޖަރުމަނާ ދެކޮޅަށް އޮލްމޯ ވަނީ މެޗުގެ ކުރީކޮޅުގައި ނުކުމެފައެވެ. އެއީ ޕެޑްރީއަށް އަނިޔާވުމުންނެވެ. އެ މެޗަށް ނުކުމެ އޮލްމޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ކުރިއަށް އިންގްލެންޑާ ދެކޮޅަށް އޮތް ފައިނަލް މެޗަށް އޭނާ ހުރީ ތައްޔާރަށެވެ.

"އިންގްލެންޑާ ދެކޮޅަށް ވަކި ސްޓައިލަކަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް. އަހަރެމެން މިހާރު މި ކުޅެމުންދާ ސްޓައިލް ވަރަށް ފުރިހަމައަށް މަސައްކަތް ކުރޭ. ބަދަލުކުރުމުގެ ބޭނުމެއް ކޮބާ. އަހަރެމެންގެ ސްޓައިލަކީ ވަރަށް ޔުނީކް ސްޓައިލެއް. އެ ސްޓައިލަކީ އަހަރެމެންގެ އެންމެ ވަރުގަދަ ހަތިޔާރު. ދެން އިންގްލެންޑް މެޗަށްވެސް ކުޅުމުގެ ތެރެއިން އެޖަސްޓްވާން ޖެހޭ ބަދަލުތަކެއް އައިސްދާނެ. އެ ބަދަލުތައް ކޯޗު ފާހަގަކުރާނެ،" އޮލްމޯ ބުންޏެވެ.

އޮލްމޯ ޕްރި މެޗު ޕްރެސްގައި ބުނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަމުންދާ ނަމަވެސް، އެކަމަށް އެއްވެސް ސަމާލުކަމެއް މެޗުގައި ނުދޭނެ ކަމަށެވެ.

"މޮޅުވަންޏާ އަހަންނަށް މައްސަލައެއް ނެތް، ހެޔޮ، ގޯލްކީޕަރު އުނައި ސިމޮން ގޯލު ޖަހައިގެންވިޔަސް،" އޮލްމޯ ބުންޏެވެ.

އޮލްމޯ ބުނީ ސްޕެއިނަށް ފައިނަލާ ހަމައަށް ދާން ފަހިވި މަގަކީ ފަސޭހަ މަގެއް ނޫން ކަމަށާއި، ޖަރުމަނާއި ފްރާންސްވެސް ބަލިކޮށް ފައިނަލަށް ދެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެހެން ނަމަވެސް، އިންގްލެންޑްވެެސް ބަލިކޮށްގެން ނޫނީ ބޭނުންވާ ޓާގެޓް ހާސިލުނުވާނެ ކަމަށް އޮލްމޯ ބުންޏެވެ. އޮލްމޯ ބުނީ އުނދަގޫ މަގެއްގައި ފައިނަލާ ހަމައަށް ނުކުންނަން ޖެހުމަކީ މާޔޫސްވާން ޖެހޭ ކަމެއް ނޫން ކަމަށާއި، ޔޫރޯ ކަހަލަ މުބާރާތްތަކުގައި ތަށި ނެގޭނީ އެންމެ "ބެސްޓް ޓީމު" ބަލިކޮށްގެން ކަމަށެވެ.

ސްޕެއިނާއި އިންގްލެންޑް ވާދަކުރާ ޔޫރޯ ފައިނަލް އޮންނާނީ މާދަމާ ރޭ 12:00 ގައެވެ.