ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ، ވީއޭއެމް ކަޕްގެ ފައިނަލުގައި ކްލަބު ވެމްކޯއާއި ޕޮލިސް ކްލަބު ވާދަކުރަން ޖެހިއްޖެއެވެ.
މިފަހަރުގެ ވީއޭއެމް ކަޕް އަންހެން ޑިވިޝަނުގެ މުބާރާތް، ޕްރިލިމިނަރީ ބުރުން ފެށިގެން ކުޅެމުން އަންނަނީ އިންޑިއާގެ ޕްރައިމް ވޮލީ ލީގުން މަގުބޫލުވި، ސުޕަ ޕޮއިންޓް ރެލީ ސިސްޓަމަަށެވެ. މިފަހަރުގެ ވީއޭއެމް ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެފައި ވަނީވެސް 18 ޕޮއިންޓްގެ ހަތަރު ސެޓާއި، 15 ޕޮއިންޓްގެ ޓައި ބްރޭކާ ސެޓެއް ކުޅޭ ގޮތަށެވެ. އެހެންނަމަވެސް، ކޮންމެވެސް ވަރެއްގެ ފާޑު ކިޔުމަކާއެކު ސެމީ ފައިނަލުން ފެށިގެން 25 ޕޮއިންޓަށް ސެޓުތައް ދިގު ދަންމާލިއެވެ. އެގޮތަށް ސެޓުތައް 25 ޕޮއިންޓަށް ހެދި ނަމަވެސް، އަދިވެސް މެޗުތައް ކުޅެމުންދަނީ ސުޕަ ޕޮއިންޓް ރެލީ ސިސްޓަމަށެވެ.
މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ނުކުތީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަދި ވެމްކޯއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު އެ މެޗު، ވެމްކޯއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ވެމްކޯ އަތުން ގެއްލުނީ 25-23 އިންނެވެ. އެ ސެޓު ގެއްލުނު ނަމަވެސް، ވެމްކޯ ފެނުނީ ފަހުން މާ ވަރުގަދަކޮށެވެ. އެޓީމުން ވަނީ ރަނގަޅަށް ކުޅެ، 25-23، 17-25 އަދި 17-25 އިން ސެޓުތައް ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ އައިޝަތު މާޖިދާއެވެ.
ރޭ ޕޮލިހުން ކުޅުނު މެޗުގައި އެސޯސިއޭޝަން ފޯ ދަރަނބޫދޫ ޑިވެލޮޕްމަންޓްގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-11، 25-14 އަދި 25-08 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ހައްވާ ރާޝިދާއެވެ.
ޕޮލިހާއި ވެމްކޯ ވާދަކުރާ ފައިނަލް މެޗު އޮންނާނީ މިރޭ 8:30 ގައެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް