އެމްއެމްޕީއާރުސީ ހިޔާނާތުގެ ހަގީގީ ކުށްވެރިންނަކީ ކޮބައިތޯ ބަލަން ރައްޔިތުން ބޭނުންވާނެ ކަމަށާއި އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން އެހެން ވިދާޅުވެފައި މިވަނީ، އެކަމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވާހަކަފުޅުދައްކަވާފައި ވަނިކޮށެވެ. މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ، އެއީ ކޮންމެ މީހެއް ކަމުގައިވިޔަސް، އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދޭނެ ކަމަށެވެ.

އެކަމާ ގުޅުވައިގެން މިރޭ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދެއްކެވި ވާހަކައެއް ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި 200 އަށްވުރެ ގިނަ މީހުންގެ ނަން އޮތް އިރު، އެ އެންމެންގެ މައްސަލަ ބެލިފައި ނުވާ ކަމަށެވެ.

"ދެން އޮތީ މި ސަރުކާރުން އެ ވިދާޅުވާ ވާހަކަ. ޝައްކެއް ވެސް ނެތެއް ނޫންތޯ އެމްއެމްޕީއާރުސީގެ މައްސަލަ ބަލަންވާނެ ދެއްތޯ. ދެން އެމްއެމްޕީއާރުސީގެ މައްސަލައާ ބެހޭގޮތުން އަޅުގަނޑަށް މި ރައްޔިތުންގެ ޝައުގުވެރިކަން ހުންނާނެ ކަމެއް އަޅުގަނޑަށް ފާހަގަކުރެވޭ ދެ ތިން ކަމެއް ދަންނަވާލާނަން. އެންމެ މުހިންމު ކަމަކަށް ވާނީ މިއީ ކިހާ ފައިސާއެއްހޭ. މި ފައިސާ އިން ކިހާ ފައިސާއެއް ސަރުކާރަށް ހޯދޭނެ ހެއްޔޭ. އެއީ ފުލުހުން ބަލާފައި އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަަކީ. ދެން ދެވަނަ ކަމަކީ ކޮބާހޭ އެމްއެމްޕީއާރުސީގެ ހަގީގީ ލިސްޓަކީ، ހަގީގީ ކުށްވެރިންނަކީ ކޮބާހޭ، އެ ލިސްޓު ކޮންތާކުހޭ ވީ. ރައްޔިތުން އެނގިލަން ބޭނުންވާނެ ކޮން ބައެއްތޯ އޭގެ ތެރޭގައި އުޅުނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް ސޯލިހު، އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހުންނެވި އިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުކުރައްވައި 37 މިލިއަން ރުފިޔާއެއް ގެންދިޔަ ވާހަކައަކީ ޕީޕީއެމުން އެންމެ ގަދައަށް ދެއްކި ވާހަކަ ކަމަށާއި އެވަރުގެ ބޮޑު ހިޔާނާތެއް ހިންގި ގޮތުގެ ތަފްސީލާއި ބޭންކިން ނިޒާމުގެ ތެރެއިން އެ ފައިސާ ބޭރުވި ގޮތް ރައްޔިތުން އެނގެން ބޭނުންވާނެ ކަމަށެވެ.

"ފުރަތަމަ މި މުއާމަލާތްތައް ހިނގާފައި ހުންނާނީ ބޭންކިން ނިޒާމުގެ ތެރެއިން ނޫންތޯ. އެއީ ޓޫރިޒަމުން ރަށެއް ނަގާ މީހަކު ނަގުދު ފައިސާ ދެނީކީ ނޫނެއްނު. އޭނާ ދޭނީ އެމްއެމްޕީއާރުސީއަށް ޗެކެއް، އަނެއްކާ ދޭނީ ކްރޮސް ޗެކެއް. އެ އެކައުންޓަށް ނޫން ތަނަކަށް ނުލެވޭނެ އެ ފައިސާއެއް. ދެން އެ ފައިސާ ނަގުދަށް ވެގެން ނުކުތީ ކިހިނެއްތޯ. މާލިއްޔަތު ގާނޫނު ބުނާގޮތުން ވިއްޔާ ހުރިހާ ފައިސާއެއް އެމްއެމްއޭގެ ޓްރެޝަރީ އެކައުންޓަށް އެ ޖަމާވާނީ. އެހެންވީމާ ދައުލަތަށް މި ލިބޭ ފައިސާ ބޭންކު ތެރެއިން ކިހިނެއްތޯ މި މާރުކުރެވިގެން މި ނުކުތީ. އެހެންވީމާ މި ނުކުތް ގޮތެއް އެބަ އެނގެން ޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޕީއެންސީގެ އެ ޖަލްސާ ޓީވީން ބައްލަވާފައިވާނެ ކަމަށާއި ރައީސް މުއިއްޒު އެ ވާހަކަ ދެއްކެވި އިރު، ވަށައިގެން ތިބި މީހުންގެ ފަރާތުން މާ އުފާވި މަންޒަރު ފެނިފައިނުވާ ކަމަށެވެ. އަދި އެކަން އަލުން ބެލިޔަސް، އެމަނިކުފާނުގެ މައްސަލައެއް ފާހަގަނުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.