އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ޗައިނާ އިން ޑައިރެކްޓް ފްލައިޓް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައި ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ވަޑައިގެން، ޝަންގިރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެންނާނެ ކަމަށް އެ ސިޓީގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.
އެ ވައުދުފުޅު ފުއްދުމުގެ އެންމެ މުހިންމު މަސައްކަތް ޓޫރިޒަމް މިނިސްޓްރީން މިހާރުވެސް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިދިޔަ ހަފުތާގައި ޝަންގިރިއްލާގެ މެނޭޖުމެންޓާއި ރާއްޖޭގައި ތިބި ޝަންގިރިއްލާގެ މެނޭޖުމެންޓުގެ އިސްވެރިންނާ ބައްދަލުކޮށް، ރިސޯޓު ހުޅުވުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
"ދެން އެ ބޭފުޅުން އަޅުގަނޑާ ކުރިމަތިކުރި ސުވާލަކީ ކޮބައިހޭ މި ސަރުކާރުގެ އައްޑޫއާ ދޭތެރޭގެ ޕްލޭނަކީ. އައްޑޫއާ ދޭތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރު ވަރަށްވެސް ބޮޑު. ހާއްސަކޮށް ޓޫރިޒަމް އައްޑޫގައި ތަރައްގީކުރުމަށްޓަކާ އެ މަނިކުފާނު ދެއްވާ ހާއްސަ އަހަންމިއްޔަތު ކަމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން ދާދި ފަހުން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރިން. އެ މަނިކުފާނު ވިދާޅުވި އެ މަނިކުފާނުގެ މި އަހަރުގެ ޑިސެމްބަރުމަހުގައި އައްޑުއަށް ދަތުރުފުޅު ކުރައްވަން ބޭނުންފުޅުވާ ކަމަށާއި އަދި ދާންވާއިރަށް އައްޑޫ ޝަންގިރިއްލާއަށް، އައްޑޫގެ ޓޫރިޒަމްގެ ކަންތައްތަކެއް ނިމިފައި ހުރުން އެއީ އެ މަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ކަމަށް،" ފައިސަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އައިޓީބީ ޗައިނާގެ ތެރެއިން ޗައިނާ އީސްޓަން އެއާލައިންސްގެ ނައިބު ރައީސްއާ ބައްދަލުކޮށް އައްޑުއަށް ދަތުރުތައް ފަށައިދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރާއި ޗައިނާގެ ސަރުކާރާ އޮތް ގާތް ބަދަހި ގުޅުމުގެ ތެރެއިން މި އަހަރުގެ ތެރޭގައި ޗައިނާގެ އެކި ޕްރޮވިންސްތަކުން އައްޑޫއަށް ޑައިރެކްޓް ފުލައިޓް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އައްޑޫގައި ސީ ޕްލޭން ޓާމިނަލެއް ހަދައި، ޗައިނާގެ ފުލައިޓްތަކުން އަންނަ ފަތުރުވެރިން ހުވަދޫ އަތޮޅަށާއި ފުވައްމުލަކާ ގުޅުވާލުން ކަމަށެވެ. އޭރުން އެ ތިން ސަރަހައްދުގައިވެސް ފަތުރުވެރިކަން ތަރައްގީ ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު