ޔޫރޯ 2024ގެ ސެމީ ފައިނަލުގައި އިންގްލެންޑާއި ނެދަލޭންޑްސް ރޭ ވާދަކުރި މެޗުގެ ބޭރުން ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އިންގްލެންޑްގެ 15 ސަޕޯޓަރަކު ހައްޔަރުކޮށްފިއެވެ.
ރޭ ޑޯޓްމުންޑް ސްޓޭޑިއަމްގައި ކުޅުނު ސެމީ މެޗު އިންގްލެންޑުން ކާމިޔާބު ކުރީ 2-1ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗަށް ނެދަލޭންޑްސްގެ އެތައް ހާސް ސަޕޯޓަރުންނަށް ޑޯޓްމުންޑް ސްޓޭޑިއަމް ކައިރިއަށް ޖަމާވެ ފޯރި ނަގާފައިވާ އިރު، އިންގްލެންޑުގެވެސް 25،000 ސަޕޯޓަރުން ދަނޑަށް ވަދެފައިވެއެވެ. އަދި ފޭން ޒޯންތަކުގައި މެޗު ބަލަންވެސް ގިނަ ސަޕޯޓަރުންތަކެއް ޖަރުމަނަށް ގޮސްފައިވެއެވެ.
ދެ ޓީމުގެ ސަޕޯޓަރުންގެ ނުތަވަސްކަން މެޗުގެ ކުރިންވެސް ބޮޑުވެފައި އޮތްއިރު، ނެދަލޭންޑްސް އާއި އިންގްލެންޑް ސަޕޯޓަރުން ވަނީ މެޗުގެ ކުރިން ކުރިމަތިލައިފައެވެ. އެގޮތުން ދެ ގައުމުގެ ސަޕޯޓަރުން ތަޅާފޮޅުންތަކާއެކު ބައެއް ސަޕޯޓަރުންނަށް އަނިތާތައް ލިބުނު ކަމަށްވެސް ޖަރުމަނުގެ ސަލާމަތީ ބާރުތަކުން ބުނެފައިވެއެވެ. އަދި ބޮޑު ފޭން ޒޯނެއް ބަންދުކުރަން ޖެހިފައިވާ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
ޖަރުމަނުގައި އަމަން ބަލަހައްޓަން އެ ގައުމުގެ ސިފައިންނާއެކު އިނގިރޭސި ސިފައިންވެސް ހަރަކާތްތެރިވަމުންދާ އިރު، ހަމަނުޖެހުން ހިންގި އިނގިރޭސި 15 މީހަކުން ހައްޔަރުކުރިކަން އެ ސިފައިން ވަނީ ޔަގީންކޮށްދީފައެވެ.
ޖަރުމަނުގައި ހަރަކާތްތެރިވާ އިނގިރޭސި ސަޕޯޓަރުން ބުނީ ބޮޑު އެއްވެސް ހާދިސާއެއް ނުހިނގާ ކަމަށާއި މެޗަށްފަހު ސިފައިން ވަނީ ވަރަށް އަވަހަށް ސަޕޯޓަރުންގެ މައްސަލަތައް ހައްލުކޮށްފައި ކަމަށެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024