ރޭގެ ސެމީ ފައިނަލް މެޗުގައި އިންގްލެންޑަށް ރެފްރީ ދިން ޕެނަލްޓީ ގޯސް ނަމަވެސް، ބަލިވީ ޕެނަލްޓީގެ ސަބަބުން ކަމަށް ގަބޫލު ނުކުރާ ކަމަށް ނެދަލޭންޑްސްގެ ކޯޗު ރޮނާލްޑޯ ކޫމަން ބުނެފިއެވެ.
ޑޯޓުމަންޑް ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި އިންގްލެންޑުން ފަހަތުން އަރައި ނެދަލޭންޑްސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު ފަށައިގެން އިރުކޮޅެއްގެ ތެރޭގައި ނެދަލޭންޑްސްގެ ޒަވީ ސިމޮންސް ގޯލު ޖަހައި ލީޑު ނެގިއެވެ. ދެން އިންގްލެންޑުން ކުޅުން ރަނގަޅުކޮށްލިތަނާ އެޓީމަށް ލިބުނީ ޕެނަލްޓީއެކެވެ. އޭރިއާ ތެރެއިން ކެޕްޓަން ހެރީ ކޭން ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ދިޔައީ މާ މަތިންނެވެ. އެ ބޯޅައިގައި ކޭން ޖަހަނިކޮށް ނެދަލޭންޑްސްގެ ޑެންޒެލް ޑަމްފްރީސް އެ ބޯޅަ ބްލޮކް ކުރަން އެއްލި ފައި ކޭންގެ ފައިގައި ކުޑަކޮށް ޖެހިލުމުން ކޭން ވެއްޓުނެވެ.
އެހިސާބުން މެޗުގެ ރެފްރީ ފެލިކްސް ޒްވޯޔާ ޕެނަލްޓީ ދިނެވެ. ވިއޭއާރް ބަލައި ނިންމުން ކަށަވަރު ކުރިވެސް މެއެވެ. އެ ޕެނަލްޓީއަށް މެޗު ތެރެއިންވެސް ނެދަލޭންޑްސް ޝަކުވާ ކޮށްފައިވާ އިރު، އިންގްލެންޑް މެޗުން މޮޅުވީ ފަހު މިނެޓު، ބަދަލަކަށް އެރި އޮލޭ ވޮޓްކިންސް ޖެހި ގޯލުންނެވެ.
"އެއީ ޕެނަލްޓީއެއް ނޫން. ޑަމްފްރީސްގެ ހަމައެކަނި މަގުސަދަކީ އޭގައި ބޯޅަ ބްލޮކް ކުރުން. ކޭން ޝޮޓް ހަދަން ހޫރާލި ފައި ޑަމްފްރީސް ބޫޓްގައި ޖެހުނީ. އެހެންވީމަ އެއީ ޕެނަލްޓީއެއް ނޫން. ވީއޭއާރްގެ ނިންމުންތަކުން ފުޓުބޯޅަ މިދަނީ ހަލާކުވަމުން. އިންގްލެންޑްގެ ލީގު މެޗެއްގައިވެސް އެ ޕެނަލްޓީ ނުދޭނެ. ދެން އެ ބޯޅަ ހުއްޓުވަން ޑިފެންޑަރު ކީއްކުރަންވީ. އެހެން ބައެއް ކަންކަމުގައިވެސް ރެފްރީ ރޭ ގޯސް ހެދި. އެހެންވިޔަސް ބަލިވީ އެހެން ވެގެން ނޫން،" ކޫމަން ބުންޏެވެ.
ކޫމަން ބުނީ އިންގްލެންޑުން ރޭގެ މެޗުގައި މޮޅަށް ކުޅުނު ކަމަށާއި އިންގްލެންޑުން މެދު ތެރޭގެ ކޮންޓްރޯލް ހޯދައި ގޭމް ކޮންޓްރޯލް ކުރި ކަމަށެވެ. ކޫމަން ބުނީ އިންގްލެންޑުން މާ ބޮޑަށް ކުޅެން ފެށުމުން ދެވަނަ ހާފުގައި ގެނައި ބަދަލު މަސައްކަތް ކުރި ނަމަވެސް، އިންގްލެންޑުން ނިންމާލި މޮޅު ގޯލެއް ޖަހައިގެން ކަމަށެވެ.
ކޫމަން ބުނީ ޔޫރޯ ނެގުމުގެ ގާބިލުކަން އިންގްލެންޑްގެ ކިބައިގައި އެބަހުރި ކަމަށެވެ. އޭނާ ފާހަގަކުރީ ޖޫޑް ބެލިންހަމް އާއި ފިލް ފޮޑެން ފަދަ ކުޅުންތެރިންނަކީ ވޯލްޑް ކްލާސް ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިން އިދިކޮޅު ޓީމުތަކަށް އުނދަގޫ ޖައްސާނެ ކަމަށެވެ. ކޫމަން ރޭގެ ޕޯސްޓް މެޗުގައި ބުނީ ނެދަލޭންޑްސް ޓީމަކީ ޒުވާން ޓީމެއް ކަމުން، އެޓީމަށް މުސްތަގުބަލު އެބައޮތް ކަމަށެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024