ޔޫރޯ 2020 ގެ ހަނދާނަކަށް ޖެހިލަމާ ހިނގާށެވެ. ޔޫރޯ 2020 ގައި ޑެންމާކާއި އިންގްލެންޑް ވާދަކުރި މެޗަށެވެ. އެފަހަރުގެ ޔޫރޯގައި ހުވަފެނީ ވާހަކައެއް ލިޔަމުން ދިޔަ ޑެންމާކު ހުއްޓުނީ ސެމީ ފައިނަލާ ހަމައިންނެވެ. ސެމީގެ މެޗަށް ނުކުތުމުގެ ކުރިން މެޗު ފޭވަރިޓުންގެ ގޮތުގައި އޮތީ އިނގިރޭސީންނެވެ. ނަމަވެސް ޑެންމާކުން އެއްގޮތަކަށް ވެސް ދޫނުދޭނެ ކަމަށް އެތައް ބަޔަކު އުންމީދު ކުރިއެވެ.

އެ މެޗުގައި އިނގިރޭސީންނަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ. ފުރަތަމަ ލީޑު ނެގީ ވެސް ޑެންމާކުންނެވެ. މިކެލް ޑެމްސްގާޑް ޖެހި އެ ލަނޑަކީ މި މުބާރާތުގައި އިންގްލެންޑް ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.

މެޗުގައި އިންގްލެންޑަށް ނަތީޖާ ހަމަހަމަ ކުރެވުނީ ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑެންމާކުގެ ކެޕްޓަން ސިމޮން ކިއާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މެޗުގެ ދެވަނަ ހާފު ނިމުނު އިރުވެސް 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތަށް ދާން ޖެހުނެވެ.

ހުރިހާ ކަމެއް ބަދަލުވެގެންދިޔަ ވަގުތުކޮޅަކީ މެޗުގެ 102 ވަނަ މިނެޓުގައި އިންގްލެންޑަށް ރެފްރީ ދިން ޕެނަލްޓީއެވެ. އިންގްލެންޑަށް އެ ޕެނަލްޓީ ދީފައިވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ރަހީމް ސްޓާލިންއަށް ޑެންމާކުގެ ޖޯކިމް މޭލާ ފައުލްކުރީ ކަމަށް ބެލުމަށްފަހުއެވެ. އެ ޕެނަލްޓީ ދިނުމަށްފަހު ވީއޭއާރުން އެއީ ފައުލެއްތޯ ވެސް ކަށަވަރު ކުރިއެވެ. ވީއޭއާރުން ރެފްރީގެ ނިންމުން ބަދަލުވެފައެއް ނުވެއެވެ.

މޭލާގެ ފަޔާއި ސްޓާލިންގެ ފަޔާ ކުޑަ ކޮންޓެކްޓެއް ވެއެވެ. ނަމަވެސް އެއީ އެފަދަ މެޗެއްގައި، ހާއްސަކޮށް އިތުރު ވަގުތުގައި ދޭން ޖެހޭ ވަރުގެ ޕެނަލްޓީއެއް ނޫނެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ސްޓާލިން ވެއްޓުނީ މާ ފަސޭހައިންނެވެ. އެތައް އެނަލިސްޓުންނެއްގެ ނަޒަރުގައި އެއީ ޕެނަލްޓީއެއް ނޫނެވެ. ހުދު އިންގްލެންޑަށް ކުރިން ކުޅުނު ކުޅުންތެރިންގެ ނަޒަރުގައިވެސް އެއީ ޕެނަލްޓީއެއް ނޫނެވެ.

ކޮންމެއަކަސް ރޭގެ މެޗުން ކުއްލިއަކަށް އެފަދަ ހަނދާނެއް ގެނުވައިފިއެވެ. ނެދަލޭންޑްސް އާއި އިންގްލެންޑުން މިފަހަރުގެ ސެމީ މެޗަށް ރޭ ނުކުތީ ޑޯޓްމުންޑްގެ ދަނޑަށެވެ. މެޗުގެ ކުރިންވެސް ރެފްރީ ފެލިކްސް ޒްވޯޔާއަށް އޮތީ ސަމާލުކަން ބޮޑުވެފައެވެ. ޒްވޯޔާއަކީ މީގެ ކުރިން މެޗު ފިކްސިން މައްސަލައެއްގައި ސަސްޕެންޑް ކޮށްފައިވާ ރެފްރީއެކެވެ. އުމުރުން 43 އަހަރުގެ ޒްވޯޔާ 2005 ވަނަ އަހަރު ރެފްރީކަން ކުރަން ފަށާފައިވާ އިރު، އޭނާގެ މައްސަލަ ފެންމަތިވެފައި ވަނީ 2006 ވަނަ އަހަރުއެވެ. ޒްވޯޔާއަށް މައްސަލައިގައި ފިޔަވަޅު އަޅާފައި ވަނީ ޖަރުމަނުގެ އެފްއޭއިންނެވެ.

ޒްވޯޔާ ޖަރުމަނު ލީގުގެ މެޗުތަކުގައި ލައިންސްމަންކަން އޭރު ކުރަމުން ގޮސްފައިވާ އިރު، އޭނާއަށް އަދަބު ދީފައި ވަނީ އޭނާ ލައިސްމަންކަން ކުރި މެޗެއްގައި ރެފްރީކަން ކުރި ރޮބާޓް ހޮއިޒާ މެޗު ވިއްކާލި މައްސަލައެއްގައި ޒްވޯޔާ ހިމެނޭތީއެވެ. ހޮއިޒާ، ޖަރުމަނު ލީގުގެ މެޗެއް ފިކްސް ކުރުމަށް ފައިސާ ނަގައިގެން އެ މައްސަލަ ތަހުގީގު ކުރަމުން ގޮސް، ޒްވޯޔާއަށް ފިޔަވަޅު އެޅީ އެކަން އެނގި ހުރެ، އެ ވާހަކަ ނުދައްކަން 250 ޕައުންޑް ހޮއިޒާ އަތުން ނަގާފައިވާތީއެވެ. އެފަހަރު ޖަރުމަނު އެފްއޭއިން ވަނީ ޒްވޯޔާ ހަ މަހަށް ސަސްޕެންޑް ކޮށްފައެވެ.

އެ ރެފްރީއާ އެކު ރޭގެ މެޗު ފަށައިގެން އިރުކޮޅެއްގެ ތެރޭގައި ނެދަލޭންޑްސްގެ ޒަވީ ސިމޮންސް ގޯލު ޖަހައި ލީޑު ނެގިއެވެ. ދެން އިންގްލެންޑުން ކުޅުން ރަނގަޅުކޮށްލިތަނާ އެޓީމަށް ލިބުނީ ޕެނަލްޓީއެކެވެ. އޭރިއާ ތެރެއިން ކެޕްޓަން ހެރީ ކޭން ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ދިޔައީ މާ މަތިންނެވެ. އެ ބޯޅައިގައި ކޭން ޖަހަނިކޮށް ނެދަލޭންޑްސްގެ ޑެންޒެލް ޑަމްފްރީސް އެ ބޯޅަ ބްލޮކް ކުރަން އެއްލި ފައި ކޭންގެ ފައިގައި ކުޑަކޮށް ޖެހިލުމުން ކޭން ވެއްޓުނެވެ.

އެހިސާބުން ރެފްރީ ޒްވޯޔާ ޕެނަލްޓީ ދިނެވެ. ވިއޭއާރް އެހީގައެވެ. ދެބަސްވުމަކަށް ދިޔައީ އެ ޕެނަލްޓީއަށެވެ. އިންގްލެންޑުން މޮޅަށް ކުޅެ މޮޅުވީ ފަހު މިނެޓުގައި އޮލޭ ވޮޓްކިންސް ޖެހި ގޯލުންނެވެ. އިންގްލެންޑުން ފަހުން މޮޅަށް ކުޅުނު ނަމަވެސް މެޗުގެ އޮއިވަރަށް ޕެނަލްޓީ ބޮޑު ރޯލެއް ކުޅުނެވެ.

"ރެފްރީ މެޗު ނިންމާލިގޮތަށް، ކުޅުންތެރިޔަކާ ސަލާމްވެސް ނުކޮށްލާ ދިޔައީ ޓަނަލްގެ ތެރެއަށް. މެޗުގެ ފަހު ކަށިގަނޑާ އެކު ރެފްރީ އެހެން ދަނޑު ދޫކޮށް ދާން ޖެހޭ އެއްވެސް ހާލަތެއް ނޯންނާނެ ކަންކަން ރަނގަޅަށް ގެންދިޔަނަމަ. ރެފްރީ މެޗު ނިމުމުން އެކަން ކުރި ގޮތުން އެނގޭނެ ރޭ އޭނާގެ ފަރާތުން ހެދުނު ގޯސް،" ނެދަލޭންޑްސް ކެޕްޓަން ވާޖިލް ވެން ޑައިކް ރޭގެ މެޗަށްފަހު ބުންޏެވެ.

އޭގެ އިތުރުން އެކިއެކި ސްޓޫޑިއޯތަކުގައި ރެފްރީގެ ނިންމުމަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ. ޕެޓްރީސް އެވްރާގެ ނަޒަރުގައި އެއީ އެއްވެސް ހާލަތެއްގައި ޕެނަލްޓީއެއް ނޫނެވެ. އަދި ކުރިން އިންގްލެންޑަށް ކުޅުނު ޑިފެންޑަރު ގެރީ ނެވިލް އާއި ޖޭމީ ކެރެގާގެ ނަޒަރުގައިވެސް އެއީ ޕެނަލްޓީއެއް ނޫނެވެ.

"ޑިފެންޑަރަކަށް ކުޅުނު މީހެއްގެ ހައިސިއްޔަތުން އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި ޑަމްފްރީސް ފައުލް ކުރި ކަމަށް ނިންމައި ޕެނަލްޓީ ދިނުމަކީ ލަދުވެތި ކަމެއް. އެ ބޯޅަ ޑިފެންސް ކުރަން އޭނާ ބްލޮކް ކުރަން ޖެހޭ. އެ ބްލޮކް ކުރަން ފައި ލާން ޖެހޭނީ ކޭންގެ ކުރި މައްޗަށް. ޝޮޓް ހެދުމުގައި ކޭން ފައިން ޑަމްފްރީސް ފައިގައި ޖެހުން އެއީ ޕެނަލްޓީ ދޭން ޖެހޭ ސަބަބެއް ނޫން،" ނެވިލް ބުންޏެވެ.

އޭގެ އިތުރުން ރޭގެ މެޗަށްފަހު ނެދަލޭންޑްސްގެ ކޯޗު ރޮނާލްޑް ކޫމަންވެސް ވަނީ ޕެނަލްޓީއަށް ފާޑު ކިޔައިފައެވެ. އޭނާ ބުނީ ވީއޭއާރުން އެ ނިންމި ނިންމުން ގޯސް ކަމަށާއި އިންގްލެންޑްގައި ވެސް އެ ޕެނަލްޓީއަކަށް ނުދޭނެ ކަމަށެވެ.

މަދު ޕަންޑިތުންނެއް އެ ނިންމުމާ އެއްކޮށް ވާހަކަ ދެއްކި ނަމަވެސް އިންގްލެންޑަށް ރޭ ރެފްރީ ދިނީ ހަދިޔާއެއް ކަމަށް އެތައް ބަޔަކު ދަނީ ހިޔާލުފާޅުކުރަމުންނެވެ. ކޮންމެ ހާލަތެއްގައިވެސް އިންގްލެންޑުން ރޭ ފައިނަލަށް ދިޔައީ މޮޅަށް ކުޅެގެންކަން ޔަގީނެވެ. ހައްގު ނޫނެކޭ ބުނެވޭކަށެއްވެސް ނެތެވެ. އެހެން ނަމަވެސް، ޕެނަލްޓީގެ އެ ދަށް ނިންމުމުން އިންގްލެންޑަށް މެޗު ފަސޭހަވި ކަމަށް ގިނަ ބަޔަކު ދެކެއެވެ.