އިނގިރޭސިވިލާތުން، ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސުލް ޑރ ޕޯލް އާރްތާ ވަން ޑްރީޝްގެ ސައިކަލު ވަގަށް ނެގުމުގެ ކުށުގައި މީހަކު ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލައިގައި ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ، ރ. ކަނދޮޅުދޫ، ދޮންވެލި، އަހުމަދު އިރުޝާންއެވެ.

ޑރ ޕޯލް އާރްތާ ވަން ޑްރީޝްގެ ސައިކަލު ވަގަށް ނެގި މައްސަލައިގައި ދައުލަތުން ވަނީ އަހުމަދު އިރުޝާންގެ މައްޗަށް ދެ ދައުވާއެއް ކޮށްފައެވެ. އެއް ދައުވާއަކީ ސައިކަލު ވަގަށް ނެގުމުން ކުރި ދައުވާ އެކެވެ. އަނެއް ދައުވާ ކުރީ ސައިކަލުގެ މަޑިދަށުގައި އޮތް އައިނެއް ވަގަށް ނެގުމާ ގުޅިގެންނެވެ.

ދައުލަތުން ކުރި އެ ދެ ދައުވާއަށް އަހުމަދު އިރުޝާން ވަނީ އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.

އިއުތިރާފުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން އަހުމަދު އިރުޝާންގެ މައްޗަށް ކުރާނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ކުރިމިނަލް ކޯޓުން ވަނީ އެ އިއުތިރާފުގެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަނޑައަޅައި، އިއުތިރާފުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތައް އަހުމަދު އިރުޝާން ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

ނަމަވެސް އަހުމަދު އިރުޝާން އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި 15 ދުވަހާއި 19 ގަޑިއިރު ބަންދުގައި ހުރުމުގެ ސަބަބުން، ސައިކަލް ވަގަށް ނެގުމުގެ ދައުވާގެ ހުކުމަށް އޭނާ ތަންފީޒު ކުރަން ޖެހޭނީ ނުވަ މަހާއި ދެ ދުވަހުގެ ހުކުމެއް ކަމަށް ކުރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.