ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ ވީއޭއެމް ކަޕް އަންހެން ޑިވިޝަނުގައި ވެމްކޯ އާއި ޕޮލިސް ކްލަބުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބު ކޮށްފިއެވެ.

ވެމްކޯއިން މުބާރާތުގައި ކުޅެން އޮތް ފުރަތަމަ މެޗު އެޓީމަށް ވަނީ ނުކުޅެ، ލިބިފައެވެ. އެޓީމަށް މެޗު ލިބުނީ މުބާރާތް ފެށި ދުވަހު، އަލްމާ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން އައިޑީ ކާޑު ގަޑިއަށް ހަމަނުކުރުމުންނެވެ. ވެމްކޯއިން އިއްޔެ ކުޅުނު މެޗުގައި ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކްލަބު ކައިރިން މޮޅުވީ ސީދާ ތިން ސެޓުންނެވެ.

އެ މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 18-7، 18-12 އަދި 18-5 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ފާތިމަތު ޖޫޒާން ޒަރީރެވެ.

އިއްޔެގެ ދެވަނަ މެޗުގައި އެ ގްރޫޕްގައި ހިމެނޭ އަލްމާ ސްޕޯޓްސް ކްލަބާއި އެސޯސިއޭޝަން ފޯ ދަރަނބޫދޫ ޑިވަލޮޕްމެންޓް ވާދަކޮށް، އެ މެޗު 3-1 އިން ކާމިޔާބުކުރީ ދަރަނބޫދުއެވެ. ފުރަތަމަ ސެޓު އަލްމާއިން 18-13 އިން ގެންދިޔަ ނަމަވެސް، ދެން ޖެހިގެން އައި ސެޓުތައް ދަރަނބޫދޫން ގެންދިޔައީ 10-18، 11-18 އަދި 9-18 އިންނެވެ.

ޕޮލިހުން ރޭ ކުޅުނު މެޗުގައި ގުޑީސް ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރިހޯދީވެސް ސީދާ ތިން ސެޓުންނެވެ. އެމެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 18-12، 18-13 އަދި 18-08 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕޮލިހުގެ ހައްވާ ރާޝިދާ (ހައްވަ) އެވެ.

އެ ގްރޫޕްގައި ދެން ރޭ ކުޅުނު މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން 3-1 އިން އަސްދިގަ ސްޕޯޓްސް ކްލަބު ބަލިކުރި އިރު، އެމެޗުގެ ފުރަތަމަ ސެޓު އަސްދިގައިން ގެންދިޔައީ 18-15 އިންނެވެ. ޔޫތު ނިއު ޖެނެރޭޝަނުން އޭގެފަހުން ތިން ސެޓު ގެންދިޔައީ 18-11، 18-13 އަދި 18-12 އިންނެވެ.