ޔޫރޯ 2024 ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިރޭ ފްރާންސް ބަލިކޮށް، ސްޕެއިނުން އެގައުމުގެ ތާރީހުގައި ފަސްވަނަ ޔޫރޯ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ބާލިންގެ އެލިއާންޒް އެރީނާގައި މިރޭ ކުޅުނު ފޯރިގަދަ ސެމީ މެޗު، ސްޕެއިނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސްޕެއިނުން ނަތީޖާ އަނބުރާލީ ފަހަތުން އަރައެވެ.

ސްޕެއިނުން މެޗަށް ނުކުތީ އެންމެ ފޯމު ރަނގަޅު ޓީމުގެ ގޮތުގައި އޮވެގެންނެވެ. އެޓީމުން ކުއާޓާ ފައިނަލުގައި ޖަރުމަނު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އޭގެ ކުރިން ގަދަ 16 ގައި ޖޯޖިއާ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ގޯލު ޖެހުމުގެ ރަނގަޅު ފޯމެއްގައި ސްޕެއިން އޮތް ނަމަވެސް، އަނެއްކޮޅުން ނުކުތް ފްރާންސް އޮތީ ގޯލު ޖެހުމުގައި މާ ބޮޑަށްވެސް ދަށްކޮށެވެ. ގަދަ 16 ގައި ބެލްޖިއަމް ބަލިކުރީ 1-0 އިންނެވެ. އެ މެޗުގައި ފްރާންސް މޮޅުވީ ބައިކޮޅަށް ވަން ގޯލަކުންނެވެ. ކުއާޓާގައި ޕޯޗުގަލް ބަލިކުރީ ޕެނަލްޓީ ޖަަހައިގެންނެވެ. ފްރާންސުން މިރޭގެ ސެމީއަށް ނުކުތީ މި ޔޫރޯގައި އޯޕަން ކުޅުމުން ގޯލެއް ނުޖެހި އޮވެގެންނެވެ.

ދެޓީމުންވެސް މިރޭގެ މެޗަށް ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނައެވެ. ސްޕެއިނުން ގެނެސްފައި ވަނީ މަޖުބޫރުވެގެން ގެނެސްފައިވާ ތިން ބަދަލެކެވެ. ޑިފެންސް ލައިނުން އާންމުކޮށް ފެންނަ ޑެނިއެލް ކާވަހާލް އާއި ރޮބިން ލެ ނޯމަންޑް ސަސްޕެންޝަނުގައި ހުރުމުން މިރޭގެ މެޗަށް ނުކުމެފައިވަނީ ނާޗޯ ފެނާންޑޭޒް އަދި ހެސޫސް ނަވާސްއެވެ. އަދި ޕެޑްރީއަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ފެނުނީ ޑެނީ އޮލްމޯއެވެ.

ސަސްޕެންޝަނަށްފަހު ފްރާންސްގެ އެޑްރިއެން ރަބިއޯ އެނބުރި ފުރަތަމަ 11 އަށް ނުކުމެފައިވާ އިރު، އެންޓޮއިން ގްރީޒްމަންގެ ބަދަލުގައި މިރޭގެ މެޗުގައި ފުރަތަމަ 11 އަށް ނެރެފައިވަނީ އޮސްމާން ޑެމްބެލޭއެވެ. ޑެމްބޭލޭ ވަނީ ކުއާޓާ މެޗުގައި ބެންޗުން އަރައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

ފްރާންސުން މިރޭ ނުކުތީ ހަތަރުވަނަ ޔޫރޯ ފައިނަލަކުން ފުރުސަތު ހޯދުމަށެވެ. މި ފަހަރުގެ ކުރިން ފްރާންސުން ޔޫރޯ ފައިނަލަށް ދިޔައީ 1984، 2000، އަދި 2016 ވަނަ އަހަރުއެވެ. އޭގެ ތެރެއިން 1984 ވަނަ އަހަރާއި 2000 ވަނަ އަހަރު ފްރާންސުން ތަށި ހޯދިއެވެ. އަނެއްކޮޅުން ސްޕެއިނުން ނުކުތީ ފަސްވަނަ ފަހަރަށް ޔޫރޯ ފައިނަލުން ޖާގަ ހޯދުމަށެވެ. ސްޕެއިނުން 1964 އަދި 2008 އަކާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށް، ރެކޯޑު ތިން ތަށި ހޯދާފައިވާ އިރު، އެޓީމު ބަލިވި ފައިނަލަކީ 1984 ވަނަ އަހަރުގެ ފައިނަލެވެ. އެފަހަރު ބަލިވީ ފްރާންސް އަތުންނެވެ.

ޔޫރަޕްގެ ތާރީހުގައިވެސް އެންމެ ވަރުގަދަ ދެގައުމުގެ ކުރިމަތިލުން ފެށުނީވެސް އަންދާޒާ ކުރި ފޯރިގަދަ ކުޅުމުގައެވެ. ހަމަލާތައް ފުރަތަމަ ކޮޅުގައިވެސް ގިނައެވެ. ފަސްވަނަ މިނެޓުގައި ސްޕެއިންގެ ލަމީން ޔަމާލް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފަބިއަން ރުއިޒް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައިނުވާ އިރު، އެ ދިޔަ ބޯޅައިގައި އަނެއްކޮޅަށް ފްރާންސުން ނުރައްކާ ކުރިއެވެ.

ކައުންޓާ އެޓޭކެއްގައި ރަންޑަލް ކޯލޯ މުއާނީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ކިލިއަން އެމްބާޕޭ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ބްލޮކް ކުރީ، ސްޕެއިން ޑިފެންޑަރު ހެސުސް ނަވާސްއެވެ. ފްރާންސުން އެ ކުރިއަށް ޖެހިލި ގޮތަށް މެޗުގެ ލީޑުވެސް ނެގިއެވެ. ނުވަ ވަނަ މިނެޓުގައި ޖެހި އެ ގޯލުގައި އެމްބާޕޭގެ ރޯލު ބޮޑެވެ. އަރިމަތިން ކުރިއަށް ޖެހި އެމްބާޕޭ ނެގި ހުރަސް، ބޮލުން ގޯލަށް ވައްދާލީ ކޯލޯ މުއާނީއެވެ.

ފްރާންސްގެ އެ ގޯލަށްފަހު ދެން ފެނުނީ އުމުރުން 16 އަހަރާއި 362 ދުވަހުގެ ޔަމާލްގެ ޖާދުލެވެ. މިރޭގެ މެޗާ ހަމައަށްވެސް ވިދަމުން އައި ސްޕެއިންގެ ޒުވާން ތަރި، ޔަމާލް އޭރިއާ ބޭރުން ފްރާންސްގެ ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ހަމަލާއިން 21 ވަނަ މިނެޓުގައި މެޗު އެއްވަރުވިއެވެ. އެ ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ. މުޅި ދަނޑު ޝޮކެއްގައި ގޯލަށް ތައުރީފު ކުރިއެވެ. ސްޕެއިނަށް ހިތްވަރު އާވިއެވެ.

ސްޕެއިނަށް އެ ގޯލުން ލިބުނު އުންމީދާއެކު އޭގެ އިރުކޮޅެއްފަހުން، 25 ވަނަ މިނެޓުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. ޑެނީ އޮލްމޯ ގޯލު ޖެހީ އޭރިއާ ތެރެއިން ހިތްގައިމު ޓަޗެއް ޖައްސާލައި، ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. އޮލްމޯ ފޮނުވާލި ބޯޅަ ދިފާއުކުރުމަށް ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ މަސައްކަތް ކުރި ނަމަވެސް، އޭނާ ފައިގައި ޖެހި ބޯޅަ ވަނީ ގޯލު ތެރެއަށެވެ.

ފަސް މިނެޓް ތެރޭގައި މެޗުގެ މަންޒަރު ބަދަލުވެ، ފްރާންސަށް ޖަވާބު ދޭން މަޖުބޫރުވިއެވެ. އެހެން ނަމަވެސް ހާފުގެ ފަހުކޮޅުގައި ފްރާންސަށް މާ ބޮޑު ނުރައްކަލެއް ނުކުރެވި، ސްޕެއިނުން ޑޮމިނޭޓް ކުރިއެވެ. ފަބިއަން ރުއިޒްއާއި ޔަމާލްގެ ނުރައްކާ ބޮޑުކޮށް ފެނުނު ނަމަވެސް، ހާފު ނިމުނީ އެއް ގޯލުގެ ފަރަގަކުން ސްޕެއިން ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ފެށުންވެސް އަތުލީ ސްޕެއިނުންނެވެ. އެޓީމުން ވަނީ ހާފުގެ ކުރީކޮޅުގައި ފްރާންސް ކޮޅަށް ނުރައްކާ ކޮށްފައެވެ. ދެވަނަ ހާފުގެ ފުރަަތަމަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި ނިކޯ ބޯޅަ ހިފައިގެން ކުރިއަށް ދަނިކޮށް، ފްރާންސް ކީޕަރު މައިކް މައިގްނަން ނުކުމެ، މަތަކުރި އިރު، އޭގެފަހުން ފްރާންސް ދިޔައީ މަޑުމަޑުން މެޗު ތެރެއަށް ވަންނަމުން، ނުރައްކާ ކުރަމުންނެވެ.

އެމްބާޕޭގެ ބާރު ހަމަލާއެއް ކީޕަރު އުނައި ސިމޮން އަތަށް އަމާޒުވި އިރު، އޭގެ އިރުކޮޅެއްފަހުން އަރިމަތިން ކުރިއަށް ޖެހި ޑެމްބޭލޭ ނަގައިދިން ބާރު ހުރަސްވެސް ހުއްޓުވީ ސިމޮންއެވެ. އޭގެ އިތުރުން މެޗުގެ 76 ވަނަ މިނެޓުގައި ފްރާންސަށް ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. އެޑުއާޑޯ ކަމަވިންގާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ތެއޯ ހެނާންޑޭޒް ފޮނުވާލި ހަމަލާ ދިޔައީ މާ މަތިން ބޭރަށެވެ.

ފްރާންސުން ކުރަމުންދިޔަ ނުރައްކަލުގައި ގޯލެއް ނުޖެހުންވީ އެޓީމަށް ބޮޑު މާޔޫސްކަމަކަށެވެ. އެޓީމު ހާސްކަމަށް ގޮސް، އުނދަގޫތަކާ ކުރިމަތިވިއެވެ. އެ ޕްރެޝަރުގައި އެމްބާޕޭއަށް ލިބުނު ހުސް ފުރުސަތެއްގައި އެމްބާޕޭ ޖެހި ބޯޅަވެސް ދިޔައީ މާ މަތިން ބޭރަށެވެ. އޭރިއާ ތެރޭގައި އޮވެ ހުސްކޮށް އެމްބާޕޭ ފޮނުވާލި އެ ހަމަލާ މައްޗަށް ދިޔުން ވެގެންދިޔައީ ފްރާންސްގެ ޕްރެޝަރަށް އިތުރުވި ބޮޅަކަށެވެ.

ސްޕެއިނުން މެޗުގެ ފަހުކޮޅުގައި ސްކޯ ހިފަހައްޓަން ޑިފެންސް ކުރަމުން ދިޔައެވެ. ފަހަތަށް ގިނަ ކުޅުންތެރިން ފައިބައިގެންނެވެ. ކައުންޓާގައި ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި ނަމަވެސް، ސްޕެއިންގެ ފަރާތުން ފަހުކޮޅުގައި މާ ގިނަ އެޓޭކެއް ނުފެނެއެވެ. ޔަމާލް ބާރު ދުވެލީގައި ގޮސް، އޭރިއާ ބޭރުން ހަމަލާއެއް ފޮނުވާލި ނަމަވެސް ދިޔައީ މަތިން ބޭރަށެވެ. އެ ޑިފެންސިވް މަސައްކަތާއެކު ސްޕެއިނުން މޮޅު ޔަގީންކޮށް، ފަސްވަނަ ފައިނަލް ޔަގީންކުރިއެވެ.