ޕަމްޕު ސްޓޭޝަން ނިމުމުން މާލެއާއި ހުޅުމާލެއާ ދޭތެރޭ ގަޑިއަކު 800 ޓަނުގެ ފެން އުފުލޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

އަމީރު އަހުމަދު ސްކޫލު ކުރިމަތީ އެމްޑަބްލިޔުއެސްސީން ހަދާ ފެން އުފައްދާ ޕަމްޕު ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލަމުން މަތީން ވިދާޅުވީ، 2016 ވަނަ އަހަރު އޮތް ސަރުކާރުން ބްރިޖުގެ މަތިން ޕައިޕްލައިނެއް އަޅަން ނިންމި ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ޕަމްޕު ސްޓޭޝަން އަޅާ ބިން އެ ކުންފުންޏަށް ނުލިބި އޮތުމުން މަސައްކަތް އޮތީ ނުފެށި ކަމަށް ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، އެ ކުންފުންޏަށް ޕަމްޕު ސްޓޭޝަން ހަދާނެ ބިން ލިބޭ ގޮތްވީ މި ސަރުކާރުގައި ކަމަށައި ޕަމްޕު ސްޓޭޝަންގެ މަސައްކަތް ނިމުމުން ހުޅުމާލެ ފޭސް އެކެއް އަދި މާލެ ސަރަހައްދަށް ބޭނުންވާ ސާފު ފެން ދަތިނުވެ ލިބޭނެ ކަމަށެވެ.

"ބްރިޖުގެ މަސައްކަތް ނިމުނުއިރުގައި މިއަދާ ހަމައަށްވެސް އެ ހޮޅީގެ ދެކޮޅު އޮތީ ގުޅާނުލެވި. މިހާރު މިއަދު ބްރިޖުގެ ހޮޅި މާލޭގެ ވިއުގައަށް ގުޅާލުމުގެ އަމަލީ މަސައްކަތް، ގުލާލުމަށް ބޭނުންވާ ޕަމްޕު ސްޓޭޝަންގެ އަމަލީ މަސައްކަތް ފެށުން. ހުޅުމާލޭގައިވެސް ޕަމްޕު ސްޓޭޝަންގެ މަސައްކަތް ކުރިއަށް އެބަ ގެންދަން. ދެން މި ޕަމްޕު ސްޓޭޝަން ނިމުނީމަ މާލެއާއި ހުޅުމާލެއާ ދޭތެރެ ގަޑިއަކު 800 ޓަނުގެ ފެން ދެކޮޅަށް އުފުލޭނެ،" މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، ކުރިއަށް އޮތް އަހަރުތެރޭ ފެން އުފެއްދުމުގެ ގާބިލުކަން 10،000 ހާސް ޓަނަށް އިތުރު ކުރެވޭނެ ކަމަށެވެ. އަދި އަހަރެއްހާ ދުވަސްތެރޭ މިހާރު ހުރި ފެނުގެ ހިދުމަތް ވަރަށް ބޮޑުތަން ރަނގަޅުކޮށް، ފެން އުފެއްދުމާއި ފެން ރައްކާކުރުމާއި އަދި ކަމެއް ދިމާވެއްޖެ ނަމަ މާލެއިން ހުލުމާލެއަށް ފެން ފޯރުކޮށްދިނުމުގެ ގާބިލުކަންވެސް ގާއިމުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.